ދައުލަތުގެ ބަޖެޓުން ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން މިދިޔަ އަހަރުގެ ދައުލަތުގެ ބަޖެޓުން އަދާލަތު ޕާޓީއަށް ފައިސާ ދޫނުކުރި މައްސަލާގައި އަދާލަތު ޕާޓީން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުން ބޭރުކޮށްފި އެވެ.
އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އަދާލަތު ޕާޓީން ކޯޓަށް މައްސަލަ މިދިޔަ އާދިއްތަ ދުވަހު ކޯޓުން ބޭރުކޮށްލީ އަދާލަތުގެ ޕާޓީގެ ފަރާތުން އެއްވެސް ބޭފުޅަކު ކޯޓަށް ހާޒިރު ނުވުމުންނެވެ.
މަދަނީ މައްސަލަތަކުގައި ދައުވާކުރާ ފަރާތުން ކޯޓަށް ހާޒިރުނުވެއްޖެ ނަމަ ދައުވާ ބޭރުކޮށްލުމުގެ ބާރު ކޯޓަށް އޮވެ އެވެ. އަދި އެމައްސަލަ ފަހުން ހުށަހެޅުމުގެ ފުރުސަތު ވެސް އޮވެ އެވެ.
ސިޔާސީ ޕާޓީތަކުގެ ގާނޫނު ބުނާ ގޮތުން ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ދޫކުރާ ފައިސާ ލިބޭނީ އެ ޕާޓީއެއްގައި 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާ މިދިޔަ ނޮވެމްބަރު މަހު ދޫކޮށްފައިވާއިރު އަދާލަތު ޕާޓީ އަށް މިފައިސާ ދީފައި ނުވަނީ 10،000 މެމްބަރުން ހަމަނުވާތީ ކަމަަށްވެ އެވެ.
އަދާލަތު ޕާޓީއަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫނުކުރި މައްސަލަ ކޯޓުން ބޭރުކޮށްފައިވާއިރު 2015 ވަނަ އަހަރުގެ މެއި މަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީ އިސްވެ އޮވެ ކުރި މުޒާހަރާގައި ގާނޫނާ ހިލާފަށް ކަންކަން ކޮށްފައިވާ ކަމަށް ނިންމާ އިލެކްޝަންސް ކޮމިޝަނުން އަދާލަތު ޕާޓީ ޖޫރިމަނާކުރި މައްސަލަ ވެސް އެ ޕާޓީން ވަނީ ސިވިލް ކޯޓަށް ހުށަހަޅާފަ އެވެ.
މީގެ ކުރިން 10،000 މެމްބަރުންގެ ދަފްތަރެެއް އޮތް އަދާލަތު ޕާޓީގެ މެމްބަރުންގެ އަދަދު އެއަށް ވުރެ މަދުވީ ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ސަބަބުން، އިނގިލީގެ ނިޝާން ހުށަނާޅާ މެމްބަރުން ޕާޓީތަކުން ވަކިވާ ގޮތަށް ހެދުމުންނެވެ.
އަދާލަތު ޕާޓީއަށް ފައިސާ ދޫނުކުރި މައްސަލަ ކޯޓުން ބޭރުކޮށްލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ