ކާށިދޫ ދާއިރާގެ ހުރިހާ ގެއަކަށް 3 ވައްތަރު ކާޑަށްވާ ފައިސާ ޖާބިރު ދެއްވައިފި

ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރްޕީގެ ލީޑަރ އަބްދުﷲ ޖާބިރު، ކާށިދޫ ދާއިރާގެ ހުރިހާ ގެއަކަށް ތިން ބާވަތުގެ ކާޑަށްވާ ފައިސާ ފޯރުކޮށްދީފިއެވެ.
ކާށިދޫ ދާއިރާގެ ކޮންމެ ގެއަކަށް ވެސް ފުށާއި، ހަނޑޫ އަދި ހަކުރު ހިމެނޭހެން ވައްތަރަކުން ބަސްތާއަކަށްވާ ވަރަށް ޖާބިރު ވަނީ ފައިސާ ދެއްވާފައެވެ. ޖާބިރު "ވަގުތަށް" ވިދާޅުވީ އެ ފައިސާ ދެއްވީ ކޮވިޑް-19 އާއި ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ މި ހާލަތުގައި ރައްޔިތުންނަށް ކާބޯތަކެތީގެ ދަތިކަމެއް ދިމާވެދާނެތީ އެކަމަށް ހައްލެއް ހޯއްދަވައި ދެއްވުމުގެ ގޮތުން ކަމަށެވެ.
އަދި އެ ދާއިރާގެ ކަންކަން ވަރަށް ގާތުން ބައްލަވަމުންދާ ކަމަށް ވެސް ޖާބިރު ވިދާޅުވިއެވެ. ޖާބިރު ވަނީ ކޮވިޑް-19އިން އަރައިގަތުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ވެސް ކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފައެވެ.
"މިހާރު މަހަށް ދާންވީ. ކަންކަން ކުރިއަރުވަންވީ. ކޮންމެވެސް މަސައްކަތެއް ކުރަންވީ." އޭނާ ވިދާޅުވިއެވެ.
ޖާބިރު ވަނީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީސް ރައީސް ކަމުގެ މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާ ކުރުމުގެ ޤާބިލްކަންހުރި ކަމަށް ނުފެންނަ ކަމަށާއި، އެހެންކަމުން ވަގުތުން ވަގުތަށް މަޖިލީސްގެ ރައީސް ކަމުން އިސްތިއުފާ ދެއްވުމަށް ގޮވާލާއްވާފައެވެ.
ޖާބިރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައި ވަނީ، ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގައި ސިއްހީ ހާއްސަ ހާލަތު އިއުލާނުކޮއްފައިވަނިކޮށް އަދި މުޅިމާލެ ފުރަބަންދުގެ ހާލަތުގައި އޮއްވާ ސަރުކާރަށް ގޮންޖައްސަވައި ރައްޔިތުންގެ މަޖްލިސްގެ އިދާރާގައި ޖަލްސާތައް ބާއްވަން
ފެށުމަކީ ރައްޔިތުންނަށް ނަމޫނާ ދައްކަވަންޖެހޭ، ރައްޔިތުންގެ މަޖިލިސް މެންބަރުން ވަރަށް ދަށުދަރަޖައިގެ އަމަލެއްގެ ތެރެއަށް ވައްޓާލުމަށް މަނިކުފާނު ހިންގެވި ޖަރީމާއެއް ކަމަށެވެ.
އަދި މިއަދު، ސަރުކާރަށް އެންމެ ބޮޑަށް މަޖްލިސްގެ އެއްބާރުލުން ލިބެންޖެހޭ ދަނޑިވަޅުގައި، މަޖިލީސް ހިންގަވަމުން ގެންދަވަނީ ސިޔާސީ "އައްޑާ"އެއްގެ ގޮތުގައި ކަމަށް ޖާބިރުގެ ސިޓީގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ