އެންމެ އުފާވާނީ ރައްޔިތުން އެދޭ ގޮތަށް ބަނދަރު ހަދައިދިނުމުން: މަޑިފުށި ކައުންސިލް

މަޑިފުށި ރައްޔިތުން އެންމެ އުފާވާނީ ރައްޔިތުން އެދޭ ގޮތަށް އެރަށުގެ ބަނދަރުގެ މަސައްކަތް ނިންމާ ދިނުމުން ކަމަށް މަޑިފުށި ކައުންސިލް އިދާރާއިން ބުނެފި އެވެ.
ވީނިއުސް އަށް މައުލޫމާތު ދެއްވަމުން މަޑިފުށި ކައުންސިލްގެ ރައީސް އިސްމާއިލް ހިލްމީ ވިދާޅުވީ އެރަށުގައި މިހާރު ހަދަމުންދާ ބަނދަރުގެ މަސައްކަތް ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ކަމަށެވެ.
ބަނދަރުގެ މަސައްކަތް ވަރަށް ރަނގަޅަށް ކުރިއަށްދާ ކަން ފާހަގަކުރައްވަމުން ހިލްމީ ވިދާޅުވީ ސަރުކާރު ބަދަލުވި ނަމަވެސް ރައްޔިތުން އެންމެ ބޭނުންވާ ގޮތަށް މަޑިފުށި ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް ގެންގޮސް ނިންމައިދޭނެ ކަަމަށް ކައުންސިލުން އުއްމީދު ކުރައްވާ ކަމަށެވެ.
ހިލްމީ ވިދާޅުވީ މަޑިފުށި ބަނދަރު ރައްޔިތުން ބޭނުންވާ ގޮތަށް ނިންމައިދިނުމަށް މިއަހަރުގެ ބަޖެޓްގައިވެސް ފައިސާ ހިމަނާފައިވާ ކަމަށާއި އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.
މަޑިފުށްޓަކީ މަހަށްދާ ގިނަ އުޅަނދުތަކަކާއި މުދާ އުފުލާ ބޮޑެތި ބޯޓު ފަހަރު ގިނަ އަދަދަކަށް ގެންގުޅޭ ރަށެއް ކަން ފާހަގަކުރައްވަމުން ހިލްމީ ވިދާޅުވީ އެރަށުގެ ބަނދަރު އޮންނަނީ އަބަދުވެސް ކުޑަވެފައި ކަމަށެވެ.
ހިލްމީ ވިދާޅުވީ ކުރިން ރަށުގައި ހަދާފައިވަނީ 500 ފޫޓް ދިގު އަދި 250 ފޫޓް ފުޅާ ބަނދަރެއް ކަމަށެވެ. ނަމަވެސް މިހާރު އެމްޓީސީސީއާ ހަވާލުކޮށްގެން ހަދަނީ 800 ފޫޓް ދިގު 300 ފޫޓް ފުޅާ ބަނދަރެއް ކަމަށްވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ