ކުރީގެ ރައީސް އަބްދުﷲ ޔާމީން ފަސް އަހަރު ދުވަހަށް ޖަލަށް ލުމަށް ޙުކުމް އިއްވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި އިސްކޮށް އިންނެވި އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ދެކޮޅަށް އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ މަޖިލިސް މެންބަރުންގެ ތެރެއިން ވޯޓް ދިނީ މަހިބަދޫ ދާއިރާގެ މެންބަރު އަހްމަދު ޠާރިގު (ޓޮމް) އެކަނިކަން ފާހަގަ ކުރެވިއްޖެއެވެ.
ގުރައިދޫ ދާއިރާގެ މެންބަރު ޣައްސާން މައުމޫނާއި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ކަރަންޓީންގައި ތިއްބެވުމުން އާދީއްތަ ދުވަހު އޮތް މަޖިލިސް ޖަލްސާއަށް ވަޑައެއް ނުގަންނަވައެވެ.
"ވަގުތު" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ނުފެންނަކަމަށް ވޯޓް ދިނުމަށް ޕީޕީއެމް ޕީއެންސީ އިން އޮތީ ތްރީލައިން ވިޕެއް ނެރެފައެވެ. ނަމަވެސް ޓޮމް ފިޔަވައި އެހެން އެއްވެސް މެންބަރަކު ވޯޓްގައި ބައިވެރިވެސް ނުވެއެވެ.
އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރައްވަން ވޯޓަށް އެއްސެވިއިރު މަޖިލިސް ޖަލްސާގައި އިދިކޮޅަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރާއި، އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމާއި، ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމާއި، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާއާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް ތިއްބެވިއެވެ. އެއިން އެއްވެސް ބޭފުޅަކު އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން އެއްވެސް ކޮޅަކަށް ވޯޓެއް ނުދެއްވައެވެ.
ޕީޕީއެމްގެ އާއްމު މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ އިދިކޮޅު މެންބަރުންގެ ވޯޓުން ނަތީޖާއަށް ބަދަލެއް ނައި ނަމަވެސް ރައީސް ޔާމީންގެ މައްޗަށް ޙުކުމް އިއްވުމުގައި އިސްކޮށް އިންނެވި ފަނޑިޔާރާއި ދެކޮޅަށް އެމެންބަރުން ވޯޓް ނުދެއްވުމަކީ ލަދުވެތި ކަމެއް ކަމަށެވެ.
"ޕީޕީއެމް އިން މިބުނަނީ އަލީ ރަޝީދަށް ޕްރޮމޯޝަނެއް މިލިބުނީ ރައީސް ޔާމީނަށް ޙުކުމް ކުރުމުންނޭ. އެހެންވީމާ އަލީ ރަޝީދާއި ދެކޮޅަށް ބަހާއި އަމަލުން މަސައްކަތް ކުރަން ޖެހޭ. އޭނާ އަކީ އިންސާފުވެރި ފަނޑިޔާރެއް ނޫން. އެއީ ސިޔާސީ ފަނޑިޔާރެއް." ޕީޕީއެމް މެންބަރުން ބުންޏެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަލީ ރަޝީދާއި ގާނޫނީ ވަކީލް ޑރ.މުހައްމަދު އިބްރާހިމް އައްޔަން ކުރަން ރުހުން ދޭން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ. އެބޭފުޅުން މިއަދު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރައްވާފައެވެ.
އަލީ ރަޝީދު ސުޕްރީމް ކޯޓަށް އައްޔަން ކުރުމާއި ދެކޮޅަށް އިދިކޮޅުން ވޯޓް ދިނީ ޓޮމް އެކަނި!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ