ދިވެހިންނަކީ މޮޔައިން ކަމަށް ބައްލަވާތީ ދެރަވާ ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.
މައުމޫން މިހެން ވިދާޅުވެފައިމިވަނީ މައުމޫންގެ ހަޔާތްޕުޅުގައި ކޮންމެ ވޯޓެއްގައި ވެސް މަކަރު ހަދާފައިވާ ކަމަށް ނަޝީދު ރޭ ވިދާޅުވެފައިވާތީ އެވެ.
އެގޮތުން ނަޝީދު ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައުމޫންގެ ހަޔާތްޕުޅުގެ ކޮންމެ ވޯޓެއް ވެސް މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށެވެ. އަދި 2007ވަނަ އަހަރު ރާއްޖޭގައި އޮންނަން ފެންނަނީ ކޮން ނިޒާމެއްތޯ ރައްޔިތުން ގާތުގައި އެހުމަށް ނެގި ފެންނަ ނުފެންނަ ވޯޓުގައިވެސް އެމަނިކުފާނު މަކަރު ހަދާ އޮޅުވާލާފައިވާ ކަމަށް ނަޝީދު ތުހުމަތު ކުރެއްވިއެވެ.
އަދި މައުމޫނަށް އޮޅުވާ ނުލެވުނީ ނުވަތަ މަކަރު ނުހެދި ވަނީ އެންމެ ވޯޓަކުން ކަމަށާއި އެއީ 2008ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ކަމަށާއި އެ ވޯޓުން ރައީސް މައުމޫންވީ ބަލިވީ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
އެކަމާ ގުޅިގެން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމަނިކުފާނު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ ކަމަށެވެ. އަދި 30 އަހަރުގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެގެންތޯ ވެސް މައުމޫން ސުވާލުކުރެއްވިއެވެ. އަދި ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވުމަށް ވެސް މައުމޫން ވަނީ ގޮވާލައްވާފައެވެ.
އަޅުގަނޑު ދެރަވަނީ ދިވެހި ރައްޔިތުންނަކީ މޮޔައިން ކަމުގައި ބައްލަވާތީ . 30 އަހަރު ގެ ތެރޭގައި އައި ހުރިހާ އިންތިޚާބެއް އޮޅުވާލި އިރު 2008 ގެ އިންތިޚާބު އޮޅުވާނުލެވުނީ ކީއްވެތޯ؟ ބުއްދި ޤަބޫލުކުރާ ޖަވާބެއް ދެއްވަ ބައްލަވަ!
— Maumoon Abdul Gayoom (@maumoonagayoom) August 25, 2020
ނަޝީދާއި މައުމޫން ބަހުގެ ހަމަލާތަކެއް އަމާޒު ކުރައްވަން ފައްޓަވާފައިމިވަނީ، ރާއްޖެއަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް މައުމޫން ވިދާޅުވި ހިސާބުންނެވެ. ނަޝީދަކީ ބަރުލަމާނީ ނިޒާމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާ ބޭފުޅެކެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަން ގާނޫނު އަސާސީ އަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު އިއްޔެ ވަނީ އިސްލާހު ހުށަހަޅުއްވާފައެވެ.
މައުމޫން، ނަޝީދަށް: ދިވެހިންނަކީ މޮޔައިން ކަމަށް ބަލާތީ ދެރަވޭ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ