ކޮވިޑް-19: ގެސްޓް ހައުސްތަކުން ނުދައްކާ ހުރި ކަރަންޓު ބިލާއި ފެން ބިލްތައް ދައްކަން ލުއިތަކެއް

ރާއްޖެއިންވެސް ފެނިފައިވާ ކޮވިޑް-19 އާ ގުޅިގެން އައި ވިޔަފާރިތަކަށް އައި ހީނަރުކަމާއެކު، ގެސްޓްހައުސްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައި ދިނުމުގެ ގޮތުން، އެތަންތަނުން ދައްކަން ޖެހޭ ފެނާއި ކަރަންޓް ބިލްތައް ދެއްކުމުގައި ލުއިތަކެއް ދީފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ފަތުރުވެރިކަމަށް އައި ހީނަރުކަމާއެކު، ގެސްޓް ހައުސްތައް ވަނީ ބަންދުކޮށްފައެވެ. މިއާއެކު އެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ދަނީ ވަމުންނެވެ.
ގެސްޓް ހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޖީއޭއެމް) އިން ބުނީ، ކޮވިޑް-19 އާ ގުޅިގެން ގެސްޓްހައުސްތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުން މާލީ ގޮތުން ގެއްލުންވެ، އަލުން ގެސްޓް ހައުސްތައް ހުޅުވުމުގައި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ.
އަދި ވަކިން ހާއްސަކޮށް ކަރަންޓް ބިލްތަކާއި ފެން ބިލްތައް ދެއްކުމުގައި އެކަށީގެންވާ ލުއިތަކެއް ލިބިފައި ނުވާތީ އެކަމުގެ ޝަކުވާތައް ލިބުނު ކަމަށް ޖީއޭއެމް އިން ބުނެފައި ވެއެވެ.
އެހެންކަމުން އެކަމަށް ހައްލެއް ހޯދުމަށް އެ އެސޯސިއޭޝަންގެ ފަރާތުން ޓޫރިޒަމް މިނިސްޓްރީއާ ބައްދަލު ކުރި ކަމަށާއި، އެ މިނިސްޓްރީގެ ޖަވާބެއް އެކަމުގައި މިދިޔަ ބުރާސްފަތި ދުވަހު ލިބިފައިވާ ކަަމަށް ޖީއޭއެމް އިން ބުނެފައި ވެއެވެ.
އެގޮތުން ފެން ބިލްތަކުގެ ތެރެއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް ނުދައްކާ ހުރި ބިލްތައް މި އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން ހަ މަހަށް ބަހާލައިގެން ދެއްކޭނެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް ސްޓެލްކޯ އާއި ފެނަކަ އާއި އެމްޑަބްލިއުއެސްސީން އެއްބަސްވެފައިވާ ޖީއޭއެމްއިން ބުނެފައި ވެއެވެ.
އަދި މިގޮތަށް ބިލްތައް ދެއްކުމުގައި ކުންފުނިތަކާއި ގުޅައިގެން ކުރިއަށްގެންދިއުމަށް ވަނީ އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ