ޖަލުގައި ބަޑި ޖެހި މައްސަލައިގައި މައުމޫން މައްޗަށް ދައުވާކޮށް ދިނުމަށް އެދެފި

2003 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގި ބަޑި ޖެހުމުގެ ހާދިސާގައި އޭރުގެ ރައީސް ރައީސް މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި އަމިއްލަ މީހަކު ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިނަށް ސިޓީއެއް ފޮނުވައިފިއެވެ.
މި ސިޓީ ޕީޖީއަށް ފޮނުވާފައިވަނީ ބަޑި ޖެހުމުގެ ހާދިސާގައި ވަޒަން އަރައި ނިޔާވި މ. ބިންއުނިމާގެ، އަބްދުﷲ އަމީންގެ ބައްޕަ އަބްދުއްރަހީމް މުހައްމަދެވެ.
މި ސިޓީގައި ބުނެފައިވަނީ ގައިދީންގެ ގަޔަށް ބަޑިޖެހި މައްސަލައިގައި  ބައެއްގެ މައްޗަށް ޝަރީއަތް ހިންގައި އަދަބުދީފައިވީ ނަމަވެސް ބަޑިޖެހުމަށް އަމުރުކުރެއްވި އޭރުގެ ރައީސް، މައުމޫންގެ މައްޗަށް އެއްވެސް ތަހުގީގެއް ކޮށް ޝަރީއަތެއް ވެސް ހިންގާފައި ނުވާ ކަމަށެވެ.
ޖަލުގައި ބަޑިޖެހުމަށް އަމުރުކުރެއްވީ ސިފައިންގެ އެންމެ މަތީވެރިޔާގެ މަގާމުގައި އޭރު ހުންނެވި ރައީސް މައުމޫން ކަމަށާއި އެ ކުށަށް އެ މަނިކުފާނު އިއުތިރާފުވެވަޑައިގެންފައިވާ ކަމަށް ވެސް އެ ސިޓީގައިވެއެވެ.
ޕީޖީ ކަމަށް މުހުތާޒް ވަޑައިގެން ގެންގުޅުއްވަން ފެއްޓެވި އުސޫލަކީ، ސިފައިންކުރާ އެކިއެކި ކަންކަމުގައި ސިފައިންގެ އެންމެ މަތީވެރިޔާގެ މައްޗަށް ދައުވާކުރުން ކަމަށްވާ އިރު އެ ކުށަށް މައުމޫން އިއުތިރާފުވެވަޑައިގެންފައި ވާތީ، އަވަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދިނުމަށް އަބްދުއްރަހުމާންގެ ސިޓީގައިވެއެވެ.
އަބްދުއްރަހްމާން ސިޓީގައި އެދިފައިވަނީ މައުމޫންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ ކޮށްދިނުމަށެވެ.
"ސިފައިންގެ އެންމެ މަތީ ވެރިޔާގެ މަގާމުގައި ހުރެ، މާފުށީ ޖަލުގައި ތިބި ގައިދީންގެ ގަޔަށް އުންޑަ އަރާ ގޮތަށް ބަޑިޖަހަން ސަރުކާރުން ނިންމައި، އެ ގައިދީންގެ ގަޔަށް ބަޑިޖެހުމަށް ސިފައިންނަށް އަންގައި، ސިފައިން މެދުވެރިކޮށް އެގައިދީންގެ ގަޔަށް ބަޑިޖަހައި، އެ ގައިދީގެންގެ ތެރެއިން 3 މީހަކު މަރާފައިވާތީ، މއ. ކިނބިގަސްދޮށުގޭ މައުމޫން އަބްދުލްގައްޔޫމްގެ މައްޗަށް ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ" ކޮށްދިނުމަށް ސިޓީގައި އެދިފައި ވެއެވެ.
މާފުށީ ޖަލުގެ ގައިދީންގެ ގަޔަށް ސިފައިން ބަޑި ޖެހީ މާފުށީ ޖަލުގައި ތިބި ގައިދީންގެ ބަޔަކާއި އެ ޖަލު ބަލަހައްޓަން ތިބި ސިފައިންނާ ދެމެދު ހިނގި ހަމަނުޖެހުމެއް ކޮންޓްރޯލް ކުރުމަށް ކަމަށް ބުނެއެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ގައިދީންގެ ގަޔަށް ބަޑި ޖެހީ ސިފައިންގެ ބަޑި ގުދަނާއި ދިމާލަށް ގައިދީން އަންނަން އުޅުމުން ކަމަށެވެ.
އަދި އެމައްސަލައިގައި ބަޑި ޖެހި ސިފައިންނާއި ދެކޮޅަށް ދައުވާކޮށް އެމީހުން މިހާރު ވެސް ދަނީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ