ރާއްޖެއަށް ކުރިމަތިވެފައިވާ މަސްތުވާތަކެތީގެ މައްސަލަށް ފަސް އަހަރު ދުވަހުގެ ތެރޭގައި އެކަށީގެންވާ ހައްލެއް ގެނެސްދެއްވާނެ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އުމަރު މިއަދު ވިދާޅުވީ ކުށްކުރުމުގެ ހުރިހާ ބިންގަލެއް އެޅެނީ މަސްތުވާތަކެތީގެ ސަބަބުން ކަމަށާއި އެ ބިންގާ ފުނޑުފުނޑު ކުރުމަށް ޓަކައި މަސައްކަތް ކުރައްވާނެ ކަމަށެވެ. އެގޮތުން ފަސް އަހަރުގެ ތެރޭގައި އެކަމަށް އެކަށީގެންވާ ހައްލެއް ގެނެސްދެއްވާނެ ކަމަށް އުމަރު ވިދާޅުވި އެވެ.
"ފަސް އަހަރު ދުވަހުގެ ތެރޭގައި މަސްތުވާތަކެތީގެ މައްސަލައަށް ކޮންމެވެސް ވަރެއްގެ ނަތީޖާއެއް ނެރޭނަން،" އުމަރު ވިދާޅުވި އެވެ.
ކޯޓުގެ އަމުރަށް ނުކިޔަމަންތެރިވުމުގެ ކުށުގައި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނިކޮށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލްޣަފޫރު ގޭބަންދަށް ބަދަލު ކުރި މައްސަލައާ ގުޅޭ ގޮތުން އުމަރު ވިދާޅުވީ އެއީ އެމަނިކުފާނު މަގާމާ ހަވާލުވެވަޑައިގަތުމުގެ ކުރިން ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ވިދާޅުވީ އެނިންމުން ރިވިއުކުރުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށެވެ.
"އެ ނިންމުން ރިވިއުކުރުމުގެ މަސައްކަތް ކުރަމުން މިދަނީ،" އުމަރު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލައަށް އެކަށީގެންވާ ހައްލެއް ގެންނާނަން: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ