ގަރާރުން ކަރަންޓުގެ އަގު ކުޑަކުރެވިދާނެ!

ކަރަންޓުގެ ޚިދުމަތަކީ އެއާ ނުލައި ރައްޔިތުންނަށް ނޫޅެވޭ، އަސާސީ ޚިދުމަތަކަށް މިއަދު ވަނީ ވެފައެވެ. ނަމަވެސް ރާއްޖޭގައި މި އަސާސީ ޚިދުމަތް އެކަށީގެންވާ ގޮތެއްގައި އަދިވެސް ރައްޔިތުންނަށް ފޯރުކޮށްނުދެވޭކަމީ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ. އަދި ދެވޭ "ނިކަމެތި ޚިދުމަތް" ވެސް ރައްޔިތުންނަށް އަތްފޯރާފަށުގައި ނުދެވި، ކަރަންޓަށް ބޮޑު ޚަރަދެއް ރައްޔިތުން ކުރަންޖެހުމަކީ ވަކިން ބޮޑު ކަންބޮޑުވުމެކެވެ.
ކަރަންޓުގެ ޚިދުމަތް ނުލިބިގެން ރާއްޖޭގެ އެކި ރަށްރަށުގައި ދޭތެރެދޭތެރެއިން މުޒާހަރާ ވެސް ކުރެއެވެ. އަދި ކަރަންޓުގެ އަގު ބޮޑުވެގެން ވެސް ރައްޔިތުން އަޑުއުފުލައެވެ. ރައްޔިތުންގެ މިފަދަ ކަންބޮޑުވުންތަކާ ގުޅިގެން، ރައްޔިތުން ތަމްސީލުކުރުމަށް ރައްޔިތުން ހޮވާފައިވާ މެންބަރުންގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގައި ވެސް މިފަދަ ބަހުސްތައް ކުރެއެވެ. މިގޮތުން ކަރަންޓުގެ އަގުހެޔޮކުރުމަށް ގޮވާލާ ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިވަނީ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅުއްވާފައެވެ. މި ގަރާރުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ.
މި ގަރާރު ހުށަހަޅާފައިވަނީ، ކަރަންޓު އުފެއްދުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވަމުން ދިއުމާއި، ކަރަންޓުގެ އަގުބޮޑުވުމަކީ ރައްޔިތުން ނުހަނު ކަންބޮޑުވާ ކަމަކަށް ވެފައި އޮތުމާއި، ކަރަންޓުގެ އަގު ރައްޔިތުންނަށް އުފުލޭވަރެއްގައި ދެމެހެއްޓުމަކީ ބޮޑު ގޮންޖެހުމަކަށް ވުމާއި، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލާއެކު ކަރަންޓު އުފެއްދުމުގެ އަގު ބޮޑުކުރަންޖެހި، ސަރުކާރަށް މާލީ ބޮޑު ތަކުލީފެއް އުފުލަންޖެހިފައި ވުމާއެކު، މިކަންކަން ހައްލުކުރުމަށް ގައުމީ ފެންވަރުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅިފައި ނުވާތީއެވެ.
ދެމެހެއްޓެނިވި އުސޫލުން ކަރަންޓުގެ އަގު ކުޑަކުރެވޭނެ ކަމަށާއި، ރައްޔިތުންގެ އާމްދަނީއާއި ފުދުންތެރިކަމަށް ރިއާޔަތްކުރެވި، އެއްވެސް އާއިލާއަކަށް ބުރައަކަށް ނުވާނެކަން ކަށަވަރުކުރުމަށް ސަބްސިޑީ ފޯރުކޮށްދެވޭނެ ކަމަށާއި، ތެލުގެ އިސްރާފު ކުޑަކުރެވި އިއާދަކުރަނިވި ހަކަތައިގެ ދާއިރާ ފުޅާކޮށް ތަރައްގީކުރެވޭނެ ކަމަށް ސަރުކާރުން ވައުދުވެފައިވާކަން ގަރާރުގައި ވަނީ ފާހަގަކޮށްފައެވެ.
ގަރާރުގައި ވަނީ ރާއްޖޭގައި ކަރަންޓު އުފެއްދުމަށް ބޭނުންވާ ޑީސަލް ގަތުމަށް ކުރާ ބޮޑު ހޭދައަށް ބަލާއިރު، 2018 ވަނަ އަހަރު ރާއްޖެއަށް 598،521 މެޓްރިކް ޓަނުގެ ޑީސަލް އެތެރެކުރުމަށް 5.4 ބިލިއަން ރުފިޔާ ޚަރަދުކުރަން ޖެހިފައިވާ ކަމަށެވެ. ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން، ސަބްސިޑީގެ ގޮތުގައި ސަރުކާރުން ކުރަންޖެހޭ ޚަރަދު އެއްބިލިއަން ރުފިޔާއާ ގާތްވެފައިވާއިރު، މިއީ ދައުލަތުގެ ބަޖެޓުން ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭނެ ޚަރަދެއް ނޫން ކަމަށެވެ.
ޑީސަލް ބޭނުންކޮށްގެން ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ކަރަންޓު ޔުނިޓެއް އުފައްދާފައިވަނީ ގާތްގަނޑަކަށް 4 ރުފިޔާއަށް ކަމަށާއި ނަމަވެސް އަވިން ކަރަންޓު އުފައްދާނަމަ، ޔުނިޓެއް 3 ރުފިޔާއަށްވުރެ ކުޑަކޮށް އުފެއްދިދާނެކަން ހާމަވެފައިވާ ކަމަށެވެ. އެހެންކަމުން ކުއްލިކުއްލިއަށް ކަރަންޓުގެ އަގަށް ބަދަލުގެންނަން ނުޖެހި، އަވިން ރާއްޖޭގައި ކަރަންޓު އުފެއްދުމުން ހަކަތައިގެ ޔަގީންކަމާއި ރައްކާތެރިކަން އިތުރުވެ، ހަކަތައިގެ މިނިވަންކަން ރާއްޖެއަށް ނުހަނު ބޮޑުވާނެ ކަމަށެވެ.
މީގެ އިތުރަށް ކަރަންޓުގެ ޚިދުމަތްދޭ ސްޓެލްކޯއާއި ފެނަކަ ކުންފުންނީގެ ހިންގުން ހަރުދަނާކޮށް، ރެގިއުލޭޓް ކުރެވެންޖެހޭ ކަމަށާއި ކަރަންޓުގެ ޚިދުމަތް މިހާރަށްވުރެ ބޮޑަށް ލާމަރުކަޒުކޮށް ރެގިއުލޭޓް ކުރެވިގެން ދިނުމަކީ ކަރަންޓުގެ އިސްރާފު ކުޑަކުރެވި، ޚިދުމަތް ހަލުވިވާނެ ކަމެއް ކަމަށް ގަރާރުގައި ވަނީ ބުނެފައެވެ. މިގޮތުން ހަތް ކަމަކަށް ގަރާރުގައި ގޮވާލާފައި ވެއެވެ.
ގަރާރުގައި ގޮވާލާފައިވާ ކަންކަމުގެ ތެރޭގައި،
1- އިއާދަކުރަނިވި ހަކަތަ ބޭނުންކުރުން ކުރިއެރުވުމުގެ ގޮތުން ޚާއްސަ ފަންޑެއް އުފެއްދުމަށާއި، ޑީސަލާއި ޑީސަލުން އުފައްދާ ކަރަންޓަށް ދޭ ސަބްސިޑީ އިއާދަކުރަނިވި ހަކަތައަށް އަނބުރާލައި، ރަށްރަށުގެ ގޭގެއާއި، ވިޔަފާރިކުރާ ތަންތަނުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ބޭނުންވާ ލޯނު ހޯދުމުގައި ލުއި ގޮތްތައް ބޭނުންކުރުން.
2- ސޯލާ ޕީވީ ސިސްޓަމް ގާއިމުކުރުމުގެ ގައުމީ ފެންވަރުގެ މަޝްރޫއެއް ސަރުކާރުން އެކުލަވާލައި، އެމަޝްރޫއަކީ އެންވަޔަރަމަންޓް މިނިސްޓްރީއާއި، އެނާޖީ އޮތޯރިޓީއާއި، ޔުޓިލިޓީ ކުންފުނިތަކާއި، ލޯކަލް ކައުންސިލްތަކާއި، އާންމު ފަރާތްތައް ގުޅިގެން ހިންގާ މަޝްރޫއެއްގެ ގޮތުގައި ފަރުމާކުރުން.
3- އިއާދަކުރަނިވި ހަކަތަ ކުރިއެރުވުމުގެ ގޮތުން ގާނޫނީ އަދި އިދާރީ އޮނިގަނޑު ހަރުދަނާކޮށް، ގާނޫނީގޮތުންނާއި އިދާރީގޮތުން އަދި ވިޔަފާރީގެގޮތުން އިއާދަކުރަނިވި ހަކަތަ އުފައްދާ ބޭނުންކުރުމަށް ރާއްޖޭގައި ހުރި ހުރަސްތައް ނައްތާލުން.
4- އެނާޖީ އެފިޝަންސީގެ މަސައްކަތްތަކާއި އިއާދަކުރަނިވި ހަކަތައިގެ ދާއިރާއާއި ހަކަތައިގެ ގަވާނަންސް ހަރުދަނާގޮތެއްގައި ރެގިއުލޭޓްކުރުމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އުފެއްދުން އަވަސްކުރުން.
5- އެނާޖީ އެފިޝަންސީގެ މިންގަނޑުތައް އެކުލަވާލައި އެ މިންގަނޑުތަކަށް ފެތޭ ތަކެތިން ޑިއުޓީ މައާފުކުރުން ނުވަތަ ކުޑަކުރުމާއި، އެ މިންގަނޑުތަކަށް ނުފެތޭ ސާމާނުގެ ތެރެއިން ކޮންމެހެން އެތެރެކުރަންޖެހޭ ތަކެތި ފިޔަވައި އެނޫން ތަކެތި ރާއްޖެއަށް އެތެރެކުރުން މަނާކުރުން.
6- އިއާދަކުރަނިވި ހަކަތައާ ގުޅޭ އިންޖިނިއަރިންއާއި މެނޭޖްމަންޓުގެ ދާއިރާއިން މީހުން ބިނާކުރުން އިތުރުކުރުން.
7- ހަކަތައިގެ ގަވާނަންސް ހަރުދަނާކޮށް، އިސްރާފު ކުޑަކޮށް، އަދި ރައްޔިތުންނާ މިހާރަށްވުރެ ގާތުން ހަކަތައިގެ ޚިދުމަތްތައް ދިނުމުގެ ގޮތުން ރާއްޖޭގެ އުތުރާއި، ރާއްޖޭގެ މެދުގައި އަދި ދެކުނުގައި ޚިދުމަތް ދެވޭގޮތަށް ހަކަތައިގެ ޚިދުމަތްތައް ދޭ ކުންފުނިތައް ރީސްޓްރަކްޗަރ ކުރުން.
މިކަންކަމަށް ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރާއި ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކަށް މި ގަރާރުގައި ވަނީ ގޮވާލާފައެވެ.
ކަރަންޓުގެ އަގުހެޔޮކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ގަރާރެއް ހުށަހަޅާފައިވާއިރު، މިއަހަރުގެ މާޗު މަހުން ފެށިގެން ސަރުކާރުން ވަނީ މާލެއާއި ރާއްޖޭގެ އެހެން ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް އެއްހަމައެއްގައި ފޯރުކޮށްދިނުމަށް ކަރަންޓުގެ އަގަށް ބަދަލުތަކެއް ގެނެސްފައެވެ. ނަމަވެސް އޭގެ ފަހުން ދެތިންމަސް ވީއިރުވެސް "ކުޑަ ބިލު" ނުލިބިގެން ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ވެސް އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ