މުހިންމީ ދަރާފައި އޮތްވަރު ބެލުމެއް ނޫން، ދައުލަތުން ދޭންޖެހޭ ފައިސާ ދިނުން: ޕީޕީއެމް

މުހިންމީ ޕީޕީއެމުން އެކި ފަރާތްތަކަށް ދަރާފައިވާ އަދަދު ބެލުން ނޫންކަމަށާއި މުހިންމީ ދައުލަތުން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާ ދިނުން ކަމަށް ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލްމަތީން މުހައްމަދު ވިދާޅުވެއްޖެއެވެ.
''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން މަތީން ވިދާޅުވީ ޕީޕީއެމުން އެކި ފަރާތްތަކަށް ދަރާފައި އޮތުމުން އެވާހަކަތައް ބައެއް ފަރާތްތަކުން ދައްކަމުންދާ އިރު، ޕީޕީއެމްއަށް ދައުލަތުން ދައްކަންޖެހެނީ ކިހާ ފައިސާއެއްކަން ބުނެދޭން ލަދު ގަންނަ ކަމަށެވެ.
މަތީން ވިދާޅުވީ ޕީޕީއެމުން އައިލެންޑް އޭވިއޭޝަނަށާއި ޕީއެސްއެމްއަށް ފައިސާ ދައްކަން އޮތް އިރު ރިޔާސީ ކެމްޕެއިންގެ ތެރޭގައި ޕާޓީން ކުރި ހަރަދުތަކަށް ވެސް ފައިސާ ދައްކަންޖެހޭ ފަރާތްތައް އެބަހުރި ކަމަށެވެ. އަދި އެފައިސާ ދެއްކޭނީ 2018 ވަނަ އަހަރު ސިޔާސީ ޕާޓީތަކަށް ދޭންޖެހޭ ފައިސާގެ ތެރެއިން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާ ދިނުމުން ކަމަށް މަތީން ވިދާޅުވިއެވެ.
މަތީން ވިދާޅުވީ ޕީޕީއެމްއަށް ދައުލަތުން ދޭންޖެހޭ ފައިސާ ހޯދުމަށް އެޕާޓީން ފިނޭންސް މިނިސްޓްރީއަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ސިޓީގެ ޖަވާބު ދީފައި ނުވާ ކަމަށެވެ. ނަމަވެސް ފޯނުކޮށްގެން ވާހަކަދެއްކުމުން ފައިސާ ދޭނެ ކަމަށް މިނިސްޓްރީން ބުނެފައިވާކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އުސޫލެއްގެ ގޮތުން ޕީޕީއެމްއަށް ދޭންޖެހޭ ފައިސާ ނުދީ ދައުލަތަށް ނުހިފެހެއްޓޭނެ ކަމަށާއި ޕީޕީއެމްގެ މިލްކުވެރިކަމާ މެދު ސުވާލު އުފައްދައި ކޯޓަށް ހުށަހެޅި މައްސަލަވެސް މިހާރު ކޯޓުން ވަކި ގޮތެއް ކަނޑައަޅައިފައިވާކަމަށެވެ.
މީގެއިތުރުން މަތީން ވިދާޅުވި ގޮތުގައި ޕީޕީއެމްއަށް ދައްކަންޖެހޭ ފައިސާ ހޯދުމުގައި މަސައްކަތްކުރަމުންދަނީ ވާހަކަ ދައްކައިގެން ހައްލެއް ހޯދުމަށެވެ. މަޝްވަރާކޮށްގެން ހައްލެއް ނުލިބިއްޖެނަމަ ޝަރުއީ މަރުހަލާގެ ތެރެއިން އެފައިސާ ހޯދުމަށް މަސައްކަތް ކުރާނެ ކަމަށް މަތީން ވިދާޅުވިއެވެ.
އައިލެންޑް އޭވިއޭޝަނަށް 3.8 ރުފިޔާ ދައްކަން ޖެހޭއިރު މަތީން ވިދާޅުވީ ދައުލަތުން ޕީޕީއެމްއަށް ދައްކަންޖެހޭ 8.6 މިލިއަން ރުފިޔާ ލިބުމުން ޕީޕީއެމްގައި ދަރަންޏެއް ނޯންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ