ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް ތަންފީޒު ކުރުމަށް ގޭބަންދަށް ބަދަލުކޮށްދިނުމަށް އެދި އަނބިކަނބަލުން ނަސްރީނާ އިބްރާހިމް ކަރެކްޝަންސްއަށް ވަޑައިގެންފި އެވެ.
މައުމޫންގެ މައްޗަށް އަހަރާއި ހަތް މަހުގެ ޖަލު ހުކުމެއް އިއްވީ ތަހުގީގަށް އެއްބާރުލުން ނުދިން ކަމަށް ސާބިތުވާ ކަމަށް ކަނޑައަޅައެވެ. އެއީ ރައީސް މައުމޫންގެ ފޯނު ނުދިން ކަމަށް ބުނެ އުފުލި ދައުވާ އެކެވެ.
އެކަމާނާގެ އަރިސް ބޭފުޅަކު ވިދާޅުވީ ކަރެކްޝަންސްއަށް ވަޑައިގެންނެވީ ރައީސް މައުމޫންގެ ސިއްހީ ހާލުކޮޅު ގޯސްކަމުން ގޭބަންދަށް ބަދަލު ކުރުމަށް ކަރެކްޝަންސްގެ މެޑިކަލް ބޯޑުން ނިންމުމުންވެސް ގެއަށް ބަދަލު ނުކުރާ ސަބަބު އޮޅުން ފިލުވުމަށް ކަމަށެވެ.
އެކަމަކު ކަރެކްޝަންސްގެ އެއްވެސް އިސް ބޭފުޅަކާއި ބައްދަލު ނުވިކަމަށާއި ބަދަލުގައި އެދުނީ ފޯމެއް ފުރުމަށް ކަމަށެވެ. އަދި އެޕޮއިންޓްމެންޓެއް ހަމަޖެހުމުން ގުޅާނެ ކަމަށް ކައުންޓަރުން މައުލުމާތު ދެމުން ބުނި ކަމަށެވެ.
އޭނާ ވިދާޅުވީ މެޑިކަލް ބޯޑުގެ އެ ނިންމުމާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ނަސްރީނާއަށް ނުދެއްވި ކަމަށެވެ. ނަސްރީނާ ވަޑައިގެންނެވީ ވަރަށް ގިނަ އިރު ކަރެކްޝަންސްގެ އޮފީހުގައި އިންނެވުމަށް ފަހު އެވެ.
މައުމޫން ރިފޯމް މޫވްމެންޓުް (އެމްއާރުއެމް) ގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ މެޑިކަލް ބޯޑުގެ ލަފާޔާއި އެއްގޮތަށް މައުމޫން ގޭ ބަންދަށް ބަދަލު ނުކޮށްދެނީ ސަރުކާރާއި ރައީސް އަބްދުﷲ ޔާމީންގެ ނުފޫޒުން ކަމަށެވެ.
ރިޔާސީ އިންތިހާބު ސަރުކާރަށް ނާކާމިޔާބު ވުމާއި ގުޅިގެން ސިޔާސީ ކުށްވެރިން ދޫކޮށްލަށް ފެށި ދުވަހު ރައީސް މައުމޫންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކުރިމިނަލް ކޯޓަށް ހާޒިރުކުރި އެވެ. ނަމަވެސް އެމަނިކުފާނަކީ ހުކުމެއް ތަންފީޒު ކުރައްވަމުންދާ ބޭފުޅެއް ކަމަށް ބުނެ ކުރިމިނަލް ކޯޓުން ބަންދާމެދު ގޮތެއް ނުނިންމި އެވެ.
މައުމޫން ގެއަށް ބަދަލު ނުކޮށްދީގެން ނަސްރީނާ ކަރެކްޝަންސްއަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ