މާލޭގައި ފެންބޮޑުވަނީ ރިންގް ރޯޑްގެ ސަބަބަކުން ނޫން: ރައީސް ޔާމީން

މާލޭގައި ފެންބޮޑުވަނީ ރިންގް ރޯޑް ހަދާފައިވާ ގޮތުންކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫންކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ސިނަމާލެ ބްރިޖާއި ގުޅިގެން ހުޅުމާލެ ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން އިންޑަސްޓްރިއަލް ވިލެޖާއި ހަމައަށް ތާރު އަޅައިގެން ހަދާފައިވާ ރިންގް ރޯޑް ހަދާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ.
މާލެއަށް އިއްޔެ ބޯކޮށް ވާރޭވެހި ފެން ބޮޑުވެ އެތައް ގެއްލުމެއް ވެފައިވާއިރު ބައެއް ތަޖުރިބާކާރުން ބުނަމުން ގެންދަނީ މާލޭގައި އެހާބޮޑަށް ފެން ބޮޑުވީ ބުރިޖުން އަންނަ ފެން މާލެއަށް އަންނަ ގޮތަށް އޮތުމާއި މާލޭގެ ބިމުގެ ލެވަލަށްވުރެ އުސްކޮށް ރިންގް ރޯޑް ހަދާފައި އޮތުމުން ކަމުގައެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމް ޓިކެޓް ބައެއް ފަރާތްތަކަށް ދިނުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރިމަތި ކުރުވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ރިންގް ރޯޑް ހަދާފައިވަނީ ރަނގަޅަށް ކަމުގައެވެ.
މީގެ އިތުރުން ރިންގް ރޯޑްގައި ފެން ބޮޑު ނުވާކަމަށާއި ފެންބޮޑުވަނީ ރައީސް މައުމޫނުގެ ވެރިކަމުގައި މާލޭގައި ހަދާފައިވާ މަގުތަކުގައި ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އިއްޔެއަކީ އާދަޔާހިލާފަށް މާލެއަށް ވާރޭ ވެހުނު ދުވަހަކަށް ވުމަކީވެސް އެހާ ފެންބޮޑުވި އެއް ސަބަބުކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
މާލޭގައި ފެންބޮޑުވަނީ އަލަށް ނޫންކަމަށް ވިދާޅުވަމުން ރައީސް ޔާމީންވަނީ އިއްޔެ އެހާ ބޮޑަށް ފެންބޮޑުވި އަނެއް ސަބަބަކީ ފެން ހިންދުމަށް ބަހައްޓާފައިވާ ޕަމްޕުތައް ހަލާކުވެފައި ހުރުން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ