ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސް، އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް

ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުމްގޯސްވެ، ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފި އެވެ.
މެޓް އޮފީހުން ބުނީ މިފަހްތާގެ ނިޔަލަށް ރާއްޖެއަށް ވިއްސާރަކުރާނެކަމަށެވެ. އަދި މާދަމާ ހެނދުނު 10:00 އާއި ހަމަޔަށް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
މެޓް އޮފީހުން ބުނީ ވައިޖެހޭނީ ހުޅަނގު ދެކުނާއި ހުޅަނގުން އެންމެ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 17 މޭލާ 27 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ގަދަވާނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލާ 50 މޭލާ ދެމެދުގެ ބާރުމިނަކަށް ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވަނީ ލަފާކޮށްފަ އެވެ.
އުތުރުގެ ކަނޑުތަށް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާއްމު ގޮތެއްގައި ގަދަވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ މައުލޫމާތު ދީފަ އެވެ.
މެޓް އޮފީހުން ބުނީ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ދެކުނާއި މެދުތެރޭގެ ސަރަޙައްދު ތަކަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކުރެެވޭތީވެ އެންމެހާ ފަރާތްތަކުން އަދި ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ވެސް މެޓް އޮފީހުން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ރާއްޖެއަށް ކުރަމުންދާ ވިއްސާރައަކީ އަރަބި ކަނޑުގައި އުފެދިފައިވާ ތޫފާނެއްގެ ސަބަބުން ކުރާ ވިއްސާރައެއް ކަމަށް އަޑުތައް ފެތުރިފައިވީ ނަމަވެސް މޫސުމާއިބެހޭ ގައުމީއިދާރާއިން ބުނީ އަރަބި ކަނޑުގައި މިވަގުތު ތޫފާނެއް އުފެދިފައި ނެތް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ