ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމަށް، ޕީޕީއެމްގެ މުސްތަޝާރު ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ކޯޓަށް ހުށަހެޅި މައްސަލައިގެ ތެރެއަށް އެޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ތަދައްޚުލްވެވަޑައިގަންނަވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ދެ މަސް ދުވަހަށް ފަސް ކޮށްދިނުމަށް އެދި ރައީސް ޔާމީން ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަށް ރައީސް މައުމޫން ތަދައްޚުލްވެވަޑައިގެންނެވީ، ގާނޫނުގައި ވަކި މުއްދަތެއްގެ ކުރިން އިންތިހާބު ބާއްވަން ލާޒިމްކޮށްފައިވާއިރު، އެ މުއްދަތުގައި އިންތިހާބު ނުބޭއްވުމަކީ ވޯޓްލާ މީހުންނާއި ކެނޑިޑޭޓުންގެ އަސާސީ ހައްގު ގެއްލިގެންދާނެ ކަމަށް ވިދާޅުވެ އެވެ.
މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުން އިންތިހާބު ބާއްވަން ހަމަޖައްސާފައިވާ ތާރީޚު ކަމަށްވާ 14 ޖެނުއަރީ އަށް ހުރިހާ ކެނޑިޑޭޓުން ވެސް ތައްޔާރުވެ ނިމިފައިވަނިކޮށް އިންތިހާބު ފަސްކުރުމުން އެ ފަރާތްތަކަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމެއް ލިބޭނެ ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ.
ރައީސް މައުމޫން އެ މައްސަލައިގެ ތެރެއަސް ތަދައްޚުލްވެވަޑައިގެންނެވި އިރު، އިދިކޮޅު އެމްޑީޕީން ވެސް ވަނީ މައްސަލައިގެ ތެރެއަށް ތަދައްޚުލްވުމަށް ހުށަހަޅާފަ އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، ޕާޓީ ހިންގުމުގައި ދިމާވި އުނދަގޫތަކެއްގެ ސަބަބުން ކަނޑައެޅިފައިވާ ތާރީހުގައި އިންތިހާބު ބޭއްވުމަށް ވާން ޖެހޭ ތައްޔާރީތައް ވެވިފައި ނުވާ ކަމަށެވެ. އަދި ޕާޓީ ހިންގުމަށް ދިމާވި ހުރަސްތައް ގިރާކޮށް، ކަނޑައެޅިފައިވާ ވަގުތަށް އިންތިހާބަށް ތައްޔާރު ވުމަކީ އެކަށިގެންވާ ކަމަކަށް ނުވާނެ ކަމަށް މައްސަލާގައި ބުނެފައިވެއެވެ. އޭގެއިތުރުން ބުނެފައިވަނީ، ޕާޓީގެ ޑޭޓާ ބޭސް ނެތުމާއި، ޕާޓީގެ އާއްމު މެންބަރުންގެ ދަފުތަރު ވެސް ނެތުމާއި، އަދި އެހެނިހެން މުހިއްމު ލިޔެ ކިއުންތައް ނެތް އިރު، މިހާރު ކަނޑައެޅިފައިވާ ތާރީހަށް އިންތިހާބު ބޭއްވުމަކީ ޕާޓީއަށް އިއާދަ ނުކުރެވޭ ވަރުގެ ގެއްލުންތަކާއި ކުރިމަތިވާނެ ކަމެއް ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރުމަށް ހުށަހެޅި މައްސަލައަށް ރައީސް މައުމޫން ވެސް ތަދައްޚުލްވެވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ