ދުންޔާއާއި މެދު ފަހުރުވެރިވޭ: ރައީސް މައުމޫން

ފޮރިން މިނިސްޓަރުކަމުން މިއަދު އިސްތިިއުފާދެއްވި ދުންޔާ މައުމޫނަށް ތައުރީފުކުރައްވާ އެކަމަނާގެ ބައްޕާފުޅު އަދި ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް ވާހަކަފުޅު ދައްކަވައިފިއެވެ.
ފޮރިން މިނިސްޓަރުކަމުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވުމާއި ގުޅިގެން މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ފޮރިން މިނިސްޓަރުކަމުގައި ހުންނަވައިގެން ދުންޔާ ކުރައްވާފައިވާ ފުރިހަމަ މަސައްކަތަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ދުންޔާ މަގާމުން އިސްތިއުފާ ދެއްވީތީ ހިތާމަކުރައްވާ ކަމަށާ ނަމަވެސް ދުންޔާއާއިމެދު ފަހުރުވެރިވެވަޑައި ގަަންނަވާކަމަށް މައުމޫން ވިދާޅުވިއެވެ.
ފޮރިން މިނިސްޓަރު ކަމުން ދުންޔާ މައުމޫން އިސްތިއުފާ ދެއްވާފަައިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގައެވެ. ދުންޔާ މިއަދު އިސްތިއުފާ ދެއްވިއިރު އެކަމަނާ ހުންނެވީ ޗުއްޓީއެއްގައެވެ.
އިސްތިއުފާ ދެއްވާކަން ހާމަކުރައްވާ އެކަމަނާ އާންމުކުރައްވާފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ އިސްތިއުފާދެއްވީ މަރުގެ ހުކުމް ތަންފީޒުކުރުމުގައި ސަރުކާރުން ގެންގުޅޭ އުސޫލްތަކާއި ސިޔާސަތާއިމެދު އުފެދިފައިވާ ހިޔާލް ތަފާތުވުންތަކުގެ ސަބަބުން ކަމަށެވެ.
އަދި ރައީސް ޔާމީންގެ ކެބިނެޓްގައި މަސައްކަތްކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި އެކަމަނާ ވަނީ ޝުކުރުއަދާ ކުރައްވާފައެވެ.
ކުއްލިގޮތަކަށް ދުންޔާ މަގާމުން އިސްތިއުފާ ދެއްވާފައިވާއިރު ޕީޕީއެމްގެ ތެރޭގައި ބޮޑެތި ހިޔާލް ތަފާތުވުންތަކެއް އުފެދި ދުންޔާގެ ބައްޕާފުޅު ރައީސް މަައުމޫނަށް ޕާޓީގެ ތެރެއިންނާއި ސަރުކާރުގެ ބައެއް އިސްވެރިން ވަރަށް ބޮޑަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. އަަދި މަޖިލީހުގައި ނެގުނު ޓްއަރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ދެކޮޅަށް ފާރިޝް މައުމޫން ވޯޓް ދެއްވުމާއި ގުޅިގެން އޭނާ ޕާޓީން ވަކިކުރުމަށް ޕީޕީއެމްގެ ސުލޫކް ކޮމެޓީން ނިންމާފައިވެސް ވަނިކޮށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ