އިންޓަ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް ކާމިޔާބުކަމާއި އެކު ނިންމާލައިފި

މައިލޯ އިންޓަރ ސްކޫލް އެތުލެޓިކްސް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކަމާއި އެކު ނިންމާލައިފި އެވެ.
މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން ހަތަރު ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މި މުބާރާތުގެ ވަނަތައް ހާސިލްކުރި ދަރިވަރުންނަށް ތައްޓާއި ހަނދާނީ ލިޔުން ހަވާލުކޮށްފައި ވަނީ އިއްޔެ ހަވީރު ކުޅިވަރު އެކުވަނީގައި ބޭއްވި މި މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގަ އެވެ.
މި މުބާރާތުގައި 11 އަހަރުން ދަށް އަންހެން އަދި ފިރިހެން އެއް ވަނަ ހޯދާފައިވަނީ ހދ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. 13އަހަރުން ދަށުގެ އުމުރުފުރައިން އަންހެންކުދިންގެ ބައިން އެއްވަނަ އިސްކަންދަރު ސްކޫލުން ހޯދާފައިވާ އިރު، ފިރިހެން ކުދިންގެ ބައިން މި އުމުރުފުރައިން އެއްވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. މުބާރާތުގެ 15 އަހަރުން ދަށުން އަންހެން އެއްވަނަ ވެސް އިސްކަންދަރު ސްކޫލުން ހޯދާފައިވާ އިރު ފިރިހެން އެއްވަނަ ހޯދާފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.
އަދި 17 އަހަރުންދަށުގެ އަންހެން އަދި ފިރިހެން ކުދިންގެ ބައިން އެއްވަނަ ހދ. ކުޅުދުއްފުށި ޖަލާލުއްދީން ސްކޫލުން ހޯދި އިރު، 19އަހަރުން ދަށުގެ އުމުރު ފުރައިގެ އަންހެން އެއްވަނަ ހޯދާފައިވަނީ ސީއެޗްއެސްއީ އެވެ. އަދި މި އުމުރުފުރައިގެ ފިރިހެން އެއްވަނަ ހޯދާފައިވަނީ ގދ. އަތޮޅު ތައުލީމީ މަރުކަޒުންނެވެ.
މި މުބާރާތުގައި ޖުމްލަ 20 ސްކޫލަކުން 600 އެތުލީޓުން ތަފާތު 10 ކެޓަގަރީގައި ވަނީ ވާދަކޮށްފަ އެވެ.
މުބާރާތުގައި ވާދަކޮށްފައިވަނީ މާލެއިން 11 ސްކޫލާއި، ރާއްޖޭގެ އަތޮޅު ތަކުން 9 ސްކޫލެވެ. މުބާރާތުގައި ވާދަކޮށްފައިވާ މާލޭގެ ސްކޫލްތަކަކީ ސެންޓަރ ފޮރ ހަޔަރ ސެކަންޑްރީ އެޑިޔުކޭޝަން، އަޙްމަދިއްޔާ އިންޓަރނޭޝަނަލް ސްކޫލް، ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލް، ޣިޔާޘުއްދީން އިންޓަރނޭޝަނަލް ސްކޫލް، ބިލަބޮންގ ހައި އިންޓަރނޭޝަނަލް ސްކޫލް، މަޖީދިއްޔާ ސްކޫލް، ހިރިޔާ ސްކޫލް، ތާޖުއްދީން ސްކޫލް، ޖަމާލުއްދީން ސްކޫލް، އިސްކަންދަރު ސްކޫލް އަދި ކަލާފާން ސްކޫލެވެ. އަތޮޅު ތަކުން ވާދަކޮށްފައިވަނީ ޖަލާލުއްދީން ސްކޫލް، ހދ. އަތޮޅު ތަޢުލީމީ މަރުކަޒު، މޭނާ ސްކޫލް، ދ. އަތޮޅު މަދަރުސާ، އަދ. އަތޮޅު ތަޢުލީމީ މަރުކަޒު، ގދ، އަތޮޅު ތަޢުލީމީ މަރުކަޒު، ޏ. އަތޮޅު ތަޢުލީމީ މަރުކަޒު، ދާންދޫ ސްކޫލް އަދި ހިތަދޫ ސްކޫލެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ