ސިފައިންގެ އާއިލީ ހަވީރު ފަށައިފި

125 ވަނަ ސިފައިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސިފައިންގެ އާއިލީ ހަވީރު މިއަދު ފަށައިފިއެވެ.
ރަސްފަންނު ސަރަހައްދުގައި ފެށި މި ހަރަކާތް އާންމުންނަށާއި ސިފައިންގެ އާއިލާތަކަށް ޙާއްސަކޮށްގެން ދެ ދުވަހަށް ކުރިޔަށްގެންދާން ވަނީ ނިންމާފައެވެ.
މިއަދުގައި މިޙަރަކާތް ފެށުމަށް ކުރިޔަށްގެންދިޔަ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އާއިލީ ހަވީރު ހުޅުވައިދެއްވީ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތްތެރި ވެރިޔާ އަލްފާޟިލް އަބްދުއްރަޝީދު ޙުސައިންނެވެ.
މިއަހަރުގެ ސިފައިންގެ އާއިލީ ހަވީރު ހާއްސަކޮށްފައިވަނީ "އައިލެންޑް ލައިފް" މި ތީމްއަށެވެ. މި ތީމުގެ ދަށުން ދިވެހިންގެ ދިރިއުޅުމުގެ އެހާރާއި މިހާރުގެ އާދަކާދަތަކާއި ދިވެހިން ކުރަމުންދިޔަ ބައެއް މަސައްކަތްތަކާއި ސިފައިންގެ ޚިދުމަތްތައް ދައްކުވައިދޭ ސްޓޯލްތަކުގެ އިތުރުން ކުޅިވަރުގެ ތަފާތު އެކި ހަރަކާތްތަކާއި ސްޓޭޖް އައިޓަމްތައްވެސް އާއިލީ ހަވީރު ހަރަކާތުގެ ތެރެއިން ކުރިޔަށްދާނެއެވެ.
މިއަދު ފެށި އާއިލީ ހަވީރުގައި ސިފައިން ބޭނުންކުރާ ބައެއް އެއްގަމު އުޅަނދުތަކާއި ސިފައިންގެ ޔުނީފޯމްތަކުގައި ފޮޓޯނެގުމާއި ރިޔަލު ދޯނި ދުއްވާލުމުގެ ފުރުޞަތާއި އަދި އެމްއެންޑީއެފް މިއުޒިކަލް ޑްރިލް ޑިސްޕްލޭގެ ހަރަކާތްތައްވެސް ވަނީ ކުރިޔަށްގެންގޮސްފައެވެ.
މިއަދުގެ ހަރަކާތްތަކުގައި ގިނަ އަދަދެއްގެ ކުދިން ބައިވެރިވިއިރު މާދަމާ ހަވީރުގައިވެސް، 16:00 އިން 18:00 އަށް ރަސްފަންނު ސަރަހައްދުގައި ހަރަކާތްތައް ކުރިޔަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.
ސިފައިންގެ އާއިލީ ހަވީރު ހުޅުވުމުގެގޮތުން ބޭއްވި ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދުގެ އިތުރުން ޖެނެރަލް އޮފިސަރުންނާއި އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިން ވަނީ ބައިވެރިވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ