ޕްރަވެޓައިޒް ނުކުރެވޭ ގޮތަށް ގާސިމް ހުށަހެޅި އިސްލާހުތަކަށް ވޯޓަކަށް ނޭހި

އަންނަ އަހަރު ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ނިންމާފައިވާ ކުންފުނިތައް ޕްރައިވެޓައިޒް ނުކުރެވޭ ގޮތަށް މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ބަޖެޓަށް ހުށަހެޅުއްވި އިސްލާހުތަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ވޯޓާ ނާހައި ދޫކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދު ވިދާޅުވީ، އެ އިސްލާހްތަކަށް ވޯޓަށް ނޭއްސެވީ މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ދެއްވާފައިވާ ލަފާގެ މަތިން ކަމަށެވެ.
ބަޖެޓަށް ގާސިމް ހުށަހެޅުއްވި އިސްލާހުތަކުގައި، އަންނަ އަހަރު ޕްރައިވެޓައިޒް ކުރުމަށް ބަޖެޓްގައި ސަރުކާރުން ހިމަނާފައިވާ ސްޓެލްކޯ އާއި މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ އިތުރުން އައިލެންޑް އޭވިއޭޝަނާއި ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި މޯލްޑިވްސް އިންފްލައިޓް ކޭޓަރިން (އެމްއައިސީ) ޕްރައިވެޓައިޒް ނުކުރުމަށް ވަނީ ހުށަހަޅުއްވައިފަ އެވެ. ގާސިމް ވިދާޅުވެފައިވަނީ އެ ތަންތަން ޕްރައިވެޓައިޒް ކުރަން ސަރުކާރުން ހިމަނާފައިވަނީ މާލިއްޔަތުގެ ގާނޫނަށް އެއްވަނަ އިސްލާހް ގެނައުމުގެ ގާނޫނުގެ ހަތްވަނަ މާއްދާ އާ ހިލާފަށް ކަމަށެވެ.
އެ އިސްލާހްތަކަށް ވޯޓަށް ނޭއްސެވޭނެ ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާޙިދަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ދެއްވި ލަފާފުޅުގައި ވަނީ، މަޖިލީހަށް ބަޖެޓް ހުށަހަޅާއިރު ދައުލަތުން ޑެފެސިޓް ފައިނޭންސް ކުރާނެ ގޮތް ބަޖެޓްގައި ބަޔާން ކުރަންޖެހޭ ކަމަށް މާލިއްޔަތުގެ ގާނޫނުގައި ބުނާ ކަމަށެވެ.
އެހެންކަމުން ބަޖެޓް ފޫބެއްދުމަށް ހިމަނާފައިވާ ގޮތްތަކުގެ ތެރޭގައި ސަރުކާރުގެ ޕްރައިވެޓައިޒޭޝަން ސިޔާސަތު ހިމަނާފައިވަނީ މާލިއްޔަތުގެ ގާނޫނުނާ ހިލާފަށް ކަމަށް ފެނިވަޑައި ނުގަންނަވާތީ ގާސިމްގެ އިސްލާހްތަކަށް ވޯޓަށް އެއްސެވޭނެ ކަމަށް ވެސް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. ނަމަވެސް ބަޖެޓްގައި ޕްރައިވެޓައިޒް ކުރުމަށް ސަރުކާރުން ހުށަހަޅާފައިވާ ތަންތަން ޕްރައިވެޓައިޒް ކުރެވޭނީ މާލިއްޔަތުގެ ގާނޫނަށް އެއްވަނަ އިސްލާހް ގެނައުމުގެ ގާނޫނުގައި ބުނެފައިވާ ގޮތަށް މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ބަޔާންކޮށްފައިވާ ގޮތެއްގެ މަތިން ކަމަށް ވެސް ކައުންސެލް ޖެނެރަލް ދެއްވި ލަފާފުޅުގައި ވެ އެވެ.
ސަރުކާރުން އެހީ އާއި ސަބްސިޑީ ދެނީ ގާނޫނާ ހިލާފަށް ކަމަށް ބުނެ އެ އެހީތައް އުނި ކުރުމަށް ވެސް ގާސިމް ވަނީ އިސްލާހު ހުށަހަޅުއްވައިފަ އެވެ. އެ އިސްލާހާ ގުޅިގެން ކައުންސެލް ޖެނެރަލް ދެއްވާފައިވާ ލަފާފުޅުގައި ވަނީ، ދައުލަތުން ހިންގާ ވިޔަފާރީގެ މުއާމަލާތަކާ ގުޅިގެން ސީދާ ގޮތުންނާއި ނުސީދާ ގޮތުން އެއްވެސް ލުޔެއް، މަންފާއެއް، އެހީއެއް ނުވަތަ ސަބްސިޑީއެއް، އެއްވެސް ފަރާތަކަށް ދޭން ވާނީ މަޖިލީހުން ފާސްކުރާ ގާނޫނެއްގައި ބުނާ ގޮތުގެ މަތީން ކަމަށް މާލިއްޔަތުގެ ގާނޫނުގައި ބުނި ނަމަވެސް ސުޕްރީމް ކޯޓުން ނެރެފައިވާ ވަގުތީ އަމުރަށް ބަލާއިރު، މިހާރު ސަރުކާރުން ދެމުން އަންނަ އިނާޔަތާއި ސަބްސިޑީ ތަކީ މާލިއްޔަތުގެ ގާނޫނަށް ގެނައި އިސްލާހަށް އަމަލްކުރަން ފެށީރު ހަމަޖައްސައިދެމުން އައި ކަންތައްތަކެއް ކަމަށެވެ. އެހެންކަމުން އެ އެހީތަކާއި ސަބްސިޑީ ތަކަކީ ގާނޫނާ ހިލާފަށް ހަމަޖައްސައިދޭ ކަންތައްތަކެއް ނޫން ކަމަށް ވެސް ކައުންސެލް ޖެނެރަލްގެ ލަފާފުޅުގައި ވެ އެވެ.
ނަމަވެސް ބަޖެޓްގައި އަލަށް ހުށަހަޅާފައިވާ ސަބްސިޑީތައް ކަމަށްވާ، ހައުސިން ބެނެފިޓް ސްކީމް ހިންގުމަށާއި، ހުރިހާ ރައްޔިތުންނަށް މަތީ ތައުލީމްގެ ފުރުސަތު ދޭން އުފައްދަން ހިޔާރު ކޮށްފައިވާ އެޑިއުކޭޝަން ސޭވިން އެކައުންޓް ތައާރަފް ކޮށް ހިންގެވުމަށް ހުށަހަޅުއްވާފައިވާ އެހީ އާއި ޖޫނިއާ ކޮލެޖް އުފެއްދުމާއި އޭލެވެލް ކިޔަވާ ދަރިވަރުންނަށް ވައުޗާ މެދުވެރިކޮށް ފައިސާ ދިނުމުގެ ގޮތުން ހިމަނާފައިވާ ސަބްސިޑީސްތަކަކީ، ސުޕްރީމްކޯޓުން ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން ނުވަތަ ކަމާބެހޭ ގާނޫނު ހެދުމުގެ ކުރިން ސަރުކާރަށް ދެއްވޭނެ އެއްޗެއް ނޫން ކަމަށް ވެސް ކައުންސެލް ޖެނެރަލް ވަނީ ވިދާޅުވެފަ އެވެ.
"އެފައިސާ ބަޖެޓްގައި ހިމެނި ނަމަވެސް ދޫކުރެވޭނީ ސުޕްރީމްކޯޓުންނިންމާ ނިންމުމަކުން ނުވަތަ ގާނޫނު ވުޖޫދައް އައުމުން،" ކައުންސެލް ޖެނެރަލްގެ ލަފާގައި ވެ އެވެ.
ގާސިމްގެ އިސްލާހް ތަކުގެ އިތުރުން ގާނޫނުއަސާސީގެ 75 ވަނަ މާއްދާގެ ރޫހާ ހިލާފު އިސްލާހްތަކެއް ކަމަށްވިދާޅުވެ، ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު އާމިރު ހުށަހެޅުއްވި ހަތް އިސްލާހަކާއި އިސްދޫ ދާއިރާގެ މެންބަރު އަހްމަދު ރަޝީދު އިބްރާހިމާއި، ކެލާ ދާއިރާގެ މެންބަރު އަބުދުﷲ މައުސޫމު ހުށަހެޅުއްވި އިސްލާހަކަށް ޝާޙިދު ވަނީ ވޯޓަސް ނާއްސަވާ ދޫކޮށްލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ