އަބްދުﷲ ގާޒީގެ ހެކިބަހަކީ ކޯޓެެއްގައި ކަމެއް ސާބިތުކުރުމަށް ފުދޭނެ ހެކިބަހެއް ނޫން - ނަޝީދު

ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރި މައްސަލައިގައި ކުރި ޓެރަރިޒަމްގެ ދަޢުވާގެ ޝަރީޢަތުގެ އަޑުއެހުމެއްގައި، އަބްދުﷲ ގާޒީ ދެއްވި ހެކިބަހަކީ ޝަރުޢީ ކޯޓެއްގައި ކަމެއް ސާބިތުކުރުމަށް ފުދޭ ފަދަ ހެކިބަހެއް ނޫންކަމަށް، އެމައްސަލައިގައި ދައުލަތުން ކުރި ޓެރަރިޒަމްގެ ދަޢުވާ ސާބިތުވެ، 13 އަހަރުގެ ޖަލު ހުކުމެއް އިއްވާފއިވާ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވެފައި ވަނީ، އެމަނިކުފާނުގެ މައްޗަށް ކުރެވުނު ޝަރީޢަތުގައި އެމަނިކުފާނުގެ ފަރާތްޕުޅުން އިއްވުމަށް ހަމަޖެހިފައިވާ ޚުލާސާ ބަޔާނުގައެވެ. އެހެން ނަމަވެސް، ޚުލާސާ ބަޔާން އިއްވި ދުވަހު "ޝަރީޢަތުން އެކަށީގެންވާ ފުރުޞަތު ނުދެއްވުމުން މިބަޔާން ނިންމައި، އެދުވަހުގެ ޝަރީޢަތުގެ މަޖިލީހަށް މިބަޔާން" ހުށަހެޅިފައި ނުވާކަމަށް އެމަނިކުފާނުގެ އޮފީހުން ބުނެފައިވެއެވެ.
މި ބަޔާން މިހާރު ރައީސް ނަޝީދުގެ އޮފީހުގެ ރަސްމީ ވެބްސައިޓުގައި ވަނީ ޢާންމު ކުރެވިފައެވެ.
ރައީސް ނަޝީދުގެ މައްސަލައިގައި އަބްދުﷲ ގާޒީގެ ހެކިބަސް ނެންގެވުމަށް ގާޒީ ކޯޓަށް ހާޒިރު ކުރެވިފައި ވަނީ މާރޗް މަހުގެ 10 ވަނަ ދުވަހުގެ ރޭ އޮތް ޝަރީޢަތަށެވެ.
ރައީސް ނަޝީދުގެ އޮފީހުގެ ވެބްސައިޓުގައި އާންމުކޮށްފައިވާ ޚުލާސާ ބަޔާނުގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ އަބްދުﷲ ގާޒީ ހައްޔަރު ކުރަން އެމަނިކުފާނު ނިންމެވިކަމަށް ސާބިތުކުރުމަށްޓަަކައި ދަައުލަތުން ހުށަހަޅާފައިވާ ހެކިން، އަބްދުﷲ ގާޒީ ހައްޔަރުކުރުމަށް ރައީސް ނަޝީދު އަމުރު ކުރައްވާފައި ނުވާކަމަށް ބުނެފައިވާ ކަމަށެވެ.
"ދައުލަތުން ހުށަހަޅާފައިވާ ހެކީންގެ ހެކިބަހުގައި ބުނެފައިވަނީ ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު ހައްޔަރުކުރުމަށް ކޯޓަށް ހާޟިރުކުރެވުނު އެއްވެސް ހެއްކަކަށް އަޅުގަނޑު އެފަދަ އަމުރުކުރައްވާފައިނުވާކަމަށެވެ. އަދި އެފަދައިން އަމުރުކުރިކަމަށް އެހެންމީހަކުވެސް ބުނެފައިނުވާކަމަށާއި، އެފަދަ ލިޔުމެއްވެސް ފެނިފައިނުވާކަމަށެވެ،" އެ ބަޔާނުގައި ވެއެވެ.
މީގެ އިތުރުން، ކްރިމިނަލް ކޯޓުގައި އަބްދުﷲ ގާޒީ ހެކިބަސް ދެއްވަމުން ވިދާޅުވެފައި ވަނީ ސިފައިންގެ އިސް އޮފިސަރުން ދައްކަވާފައިވާ ވާހަކަތަކަށް ބަލާއިރު ހައްޔަރުކުރަން އަމުރުކުރެއްވީ ރައީސް ނަޝީދު ކަމަށް ޤަބޫލު ކުރެއްވޭ ކަމަށް ކަމަށެވެ.
އެހެން ނަމަވެސް މިއީ އަބްދުﷲ ގާޒީ ތަހައްމަލުކުރި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އުފެއްދެވި، ގާޒީގެ އަމިއްލަ ރައުޔެއް، ނުވަތަ އަނިޔާ ލިބުނު ފަރާތުން ޤަބޫލު ކުރާ ގޮތް ކަމަށެވެ. އަދި މިއީ ޝރުޢީ ކޯޓެއްގައި ކަމެއް ސާބިތުކުރުމަށް ފުދޭ ހެކިބަހެއް ނޫންކަމަށްވެސް ރައީސް ނަޝީދުގެ ޚުލާސާ ބަޔާނުގައި ވެއެވެ.
"މިއީ ތަޙައްމަލުކުރި ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ކްރިމިނަލް ކޯޓުގެ އިސްޤާޟީ ޢަބްދުﷲ މުޙައްމަދު އުފައްދަވާފައިވާ އޭނާގެ އަމިއްލަ ރަޢުޔެކެވެ. ނުވަތަ އަނިޔާ ލިބުނުފަރާތުން ޤަބޫލުކުރާ ގޮތެވެ. ފަހަރެއްގައި ޝަރުއީ ކޯޓެއްގައި ކަމެއް ސާބިތުކުރުމަށް ފުދޭ ފަދަ ހެކިބަހެއް ނޫނެވެ،" ރައީސް ނަޝީދުގެ ޚުލާސާ ބަޔާނުގައި ވެއެވެ.
މާރޗް 10 ވަަނަ ދުވަހުގެ ރޭ އަބްދުﷲ ގާޒީގެ ހެކިބަސް ނަންގަވައިގެން ބޭއްވި ޝަރީޢަތުގެ އަޑުއެހުމުގައި، އަބްދުﷲ ގާޒީ ވިދާޅުވެފައި ވަނީ ގާޒީ އްޔަރު ކުރުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޒިންމާ ނަގަން ޖެހޭކަން ބަންދުކޮށްފައި ހުރިއިރު ބައްދަލުކުރެއްވި ސަރުކާރުގެ މިނިސްޓަރުންގެ ވާހަކައިން ދޭހަވާކަމަށެވެ.
އެގޮތުން، އަބްދުﷲ ގާޒީ ގިރިފުށީގައި ބަންދުގައި ހުންނެވިއިރު އޭރުގެ ޔޫތު މިނިސްޓަރ އާއި ޑިފެންސް މިނިސްޓަރ އާއި އިބްރާހިމް ހުސެއިން ޒަކީ އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް ވަޑައިގަތް ކަމަށާއި، އެމަނިކުފާނު ބަންދުކުރީ ސީދާ ރައީސް ނަޝީދުގެ އަމުރަށް ކަމަަށް އެބޭފުޅުން ވިދާޅުނުވި ނަމަވެސް، ބޭފުޅުންގެ ވާހަކައިން އެއީ އެބޭފުޅުންނަށް ވުރެ މަތީ ފަރާތަކުން ކޮށްފައިވާ އަމުރެއް ކަން އެނގޭ ކަމަށް އަބްދުﷲ ގާޒީ ޝަރީއަތުގައި ވިދާޅުވިއެވެ.
ގާޒީ ވިދާޅުވީ، ބަންދުން ދޫކޮށްލާނީ “މަގާމުން އިސްތިއުފާ ދިނުމުން، އެއަށްވުރެ ދަށް މަގާމަކަށް ބަދަލުވުމުން، އުފަން ރަށަށް ބަދަލުވުމުން ނުވަތަ ރާއްޖެއިން ބޭރަށް ދިޔުމުން ކަމަށް”، ބަންދުގައި ހުންނެވި އިރު ގާޒީއާއި ބައްދަލު ކުރެއްވުމަށް ވަޑައިގަތް އޭރުގެ ޔޫތް މިނިސްޓަރާއި ޑިފެންސް މިނިސްޓަރާއި އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވި ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ