ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައިކޯޓަށް ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ އިންތިހާބު ބާތިލްކުރަން ހައިކޯޓަށް ހުށަހަޅައިފި އެވެ.
މިމައްސަލަ ހައިކޯޓަށް ހުށަހަޅާފައިވަނީ ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލީޝަންގެ ފަރާތުން ހިތަދޫ މެދު ދާއިރާއަށް ކުރިމަތިލެއްވި މުހައްމަދު ރަޝީދު (ހިޔަލީ) އެވެ.
އޭނާގެ ގާނޫނީ ވަކީލަކީ ޕީޕީއެމްގެ ކައުންސިލް މެންބަރު އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ތުލުސްދޫ ދާއިރާ ތަމްސީލް ކުރުމަށް އިންތިހާބުވެވަޑައިގެންފައިވާ މުހައްމަދު ވަހީދު އިބްރާހީމް އެވެ. ނަމަވެސް ވަހީދު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ މިމައްސަލައިގައި ލިބޭ ގޮތް ނުވެފަ އެވެ.
ހިތަދޫ މެދު ދާއިރާގެ އިންތިހާބުގައި ތިން ކެންޑިޑޭޓަކު ވާދަކޮށް އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ރިޓަޔާޑް ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އެވެ. އޭނާއަށް 1099 ވޯޓް ލިބިވަޑައިގެންފައިވާއިރު، ހިޔަލީއަށް ލިބިވަޑައިގެންނެވީ 898 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވީ ހުސައިން ސޯލިހަށް 554 ވޯޓް ލިބިވަޑައިގެންނެވި އެވެ.
ހައިކޯޓަށް އިއްޔެ ވަނީ ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ވެސް ހުށަހަޅާފަ އެވެ. މިމައްސަލަ ކޯޓަށް ހުށަހެޅުއްވީ ފުނަދޫ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބު ލިބިވަޑައިގެންނެވި އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު އައްބާސް އެވެ.
އިންތިހާބާ ބެހޭ ގާނޫނުގައި ބުނެފައިވަނީ އިންތިހާބީ ޝަކުވާގެ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބަލާނީ ހައިކޯޓުން ކަމަށެެވެ. އަދި އިންތިހާބާ ބެހޭ މައްސަލަތައް ދާއިމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށް ވެސް ގާނޫނުގައި ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ