ރައީސް މައުމޫނު މިރޭ މާލެ ވަޑައިގަންނަވަނީ

މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅު ނިންމާލެއްވުމަށްފަހު ޕީޕީއެމްގެ ލީޑަރު ރައީސް މައުމޫނު އަބުދުލް ގައްޔޫމު މިރޭ މާލެ ވަޑައިގަންނަވާ ކަމުގެ ހަބަރު ލިބިއްޖެއެވެ.
ސީއެންއެމަށް އެނގިފައިވާ ގޮތުގައި ރައީސް މައުމޫނު އާއިލީ ބައެއް ކަންތައްތަކާއި ގުޅިގެން މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅަށްފަހު މިރޭ މށާލެ ވަޑައިގެން ޕީޕިއެމްގެ ރިޔާސީ ކެމްޕޭންގައި ރަސްމީކޮށް ބައިވެރިވެވަޑައިގަންނަވާނެއެވެ. އަދި ރިޔާސީ ކެންޑިޑޭޓާއި ރަނިން މޭޓަށް ތާއިދު ހޯއްދެވުމަށް އެދެބޭފުޅުންނާއި އެކު އަތޮޅުތަކަށް ދަތުރު ކުރައްވާނެއެވެ.
ރައީސް މައުމޫނުވަނީ އެމަނިކުފާނު މެލޭޝިޔާގައި ހުންނެވި އިރު އިންޑިއާއަށް ޒިޔާރަތް ކުރައްވާފައެވެ. މިޒިޔާރަތުގައި ރާއްޖެއަށް ކުރިމަތިވެފައިވާ ބައެއް ދަތިތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރައްވާފައިވެއެވެ. އެގޮތުން އެކި އެކި ބޭނުންތަކަށް އިންޑިއާއަށްދާ ދިވެހިންނަށް ވިސާ ހޯދުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދުމަށާއި ހިލަވެއްޔާއި ހިލަ އިންޑިއާއިން ރާއްޖެ ގެނައުމާއި އަދި ދެގައުމުގެ ގުޅުން އެންމެ ބޮޑަށް ހީނަރުވި ޖީއެމްއާރު މައްސަލަ ހިމެނެއެވެ.
މިދަތުރުފުޅުގައި ރައީސް މައުމޫނުވަނީ ޖީއެމްއާރު ކުންފުނީގެ އެއްވެސް މައްސަލައެއް ނެތް ކަމަށް ވިދާޅުވެފައެވެ. އަދި އާ ޕްރޮޕޯސަލަކާ އެކު އައިސްފި ނަމަ ވިސްނާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. ރައީސް މައުމޫނު ވިދާޅުވެފައިވާ ގޮތުގައި ޖީއެމްއާރު އެގްރިމެންޓުގައި މައްސަލަ ޖެހިފައިވަނީ މަޖިލީހުގެ ރުހުން ހޯދާފައި ނުވާތީ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ