މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ އާއްމު މެމްބަރު ކަމަށް މީޑިއާގެ އެއްވެސް ދާއިރާއެއްގައި މަސައްކަތް ކުރާ މީހަކަށް ވާދަ ނުކުރެވޭ ގޮތަށް ހަމަޖައްސައިފި އެވެ.
މީގެ ކުރިން ބާއްވާފައިވާ މީޑިއާ ކައުންސިލްގެ ދެ އިންތިހާބުގައި އާއްމު މެމްބަރު ކަމަށް ނޫސްވެރިންނަށް ވާދަކުރެވުނު ނަމަވެސް މިފަހަރު ގެޒެޓްކޮށްފައިވާ އިންތިހާބާ ބެހޭ އުސޫލުގައި ބުނެފައި ވަނީ އާއްމު މެމްބަރުކަމަށް މީޑިއާގެ އެއްވެސް ދާއިރާއެއްގައި މަސައްކަތްކުރާ މީހަކަަށް ކުރިމަތިނުލެވޭނެ ކަމަށެވެ.
މީޑިއާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހޯމް މިނިސްޓްރީން އިއްޔެ ހުޅުވާލައިފަވާއިރު އާއްމު މެމްބަރު ކުރިމަތިލާ މީހުންގެ ތެރެއިން ގާނޫނީ ދާއިރާ އާއި ދިވެހި ބަހުގެ ދާއިރާ އާއި އިންސާނީ ހައްގިުތަކުގެ ދާއިރާ އާއި ދީނީ އިލްމުގެ ދާއިރާ އާއި އިޖުތިމާއީ ސައިންސަސްގެ ދާއިރާއަކުން މަތީ ތައުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި އިޖުތިމާއީ ތަރައްގީ އާއި ދުޅަހެޔޮ ކަމުގެ ދާއިރާގައި އުޅޭ މީހުންނަށް އިސްކަން ދޭނެ ކަމަށް ހޯމް މިނިސްޓްރީން ކޯށްފައިވާ އިއުލާނުގައި ބުނެފައި ވެއެވެ.
މީޑިއާ ކައުންސިލްގެ ކުރީގެ އިންތިހާބުތަކާ ހިލާފަށް މިފަހަރުގެ އިންތިހާބުގައި ޕްރޮސީ ވޯޓް ގަބޫލެއް ނުކުރެއެވެ. އެހެންކަމުން ރަޖިސްޓްރީކޮށްފައިވާ ކޮންމެ މީޑިއާއަކުން މީހަކު އިންތިހާބީ ޖަލްސާގައި ތަމްސީލުކުރަން ޖެހެ އެވެ.
އެމްއެމްސީގައި ތިއްބަވާ ޖުމްލަ މެންބަރުންގެ އަދަދަކީ 15 އެވެ. މީގެ ތެރޭގައި ހިމެނެނީ މީޑިއާ ތަކުން ކައުންސިލަށް އިންތިހާބު ކުރާ އަށް މީހުންނާއި އާންމުންގެ ތެރެއިން ކައުންސިލަށް އިންތިހާބު ކުރާ ހަތް މީހުންނެވެ.
ދެ އަހަރު ދުވަހަށް އިންތިހާބު ކުރާ މީޑިއާ ކައުންސިލްގެ މެންބަރު ކަމަށް ކުރިމަތިލުމަށް ހުޅުވާލި ނަމަވެސް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް ހޯމް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ. މީޑިއާ ކައުންސިލްގެ އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފަ ވަނީ އަންނަ އޯގަސްޓް މަހުގެ ހަވަނަ ދުވަހާއި ހަމައަށެވެ.
އާއްމު މެމްބަރު ކަމަށް ނޫސްވެރިންނަށް ވާދަނުކުރެވޭ ގޮތަށް އިސްލާހު ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ