ރައްޔިތުންގެ މަޖިލީހުގެ ށ. ފުނަދޫ ދާއިރާގެ އިންތިޚާބު ބާތިލްކުރުމަށް ހައިކޯޓަށް ހުށަހަޅައިފި އެވެ.
ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހައިކޯޓަށް މައްސަލަ ހުށަހެޅުއްވީ އިންތިހާބުގައި ވާދަކުރައްވާ ދެވަނަ ހޯއްދެވި އެމްޑީޕީގެ ކެންޑިޑޭޓް އައްބާސް މުހައްމަދު އެވެ.
ވީނިއުސްއަށް މިއަދު މައުލޫމާތު ދެއްވަމުން އައްބާސްގެ ގާނޫނީ ވަކީލް ޝާހިދު އަބްދުއްސަމަދު ވިދާޅުވީ އިންތިޚާބު ބާތިލް ކުރުމަށް މިއަދު ހައިކޯޓަށް ހުށަހެޅި މައްސަލަ މިހާރު ކޯޓުން ބަލައިވެސް ގަނެފައިވާ ކަމަށެވެ. އަދި ކޯޓަށް މައްސަލަ ހުށަހެޅީ ފުނަދޫ ދާއިރާގައި ހިމެނޭ ށ. މާއުނގޫދޫގައި ބެހެއްޓި ވޯޓު ފޮށި މާ ފަހުން ބަންދުކޮށްފައިވާތީ އާއި އެ ފޮށި ގުނަން ފަށާފައި ވަނީ އެހެން ދާއިރާތަކުގެ ވަގުތީ ނަތީޖާތައް އިއުލާންކުރި ފަހުން ކަމަށް ވާތީ އެއީ ވޯޓުގެ ސިއްރުކަން ގެއްލޭ ހާލަތެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.
މީގެ އިތުރުން އިންތިހާބު ކާމިޔާބު ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް އަދި ފުނަދޫ ދާއިރާގެ މެންބަރު ކަން މިހާރު ވެސް ކުރައްވަމުން ގެންދަވާ އަލީ ސަލީމް އިންތިހާބާ ބެހޭ ގާނޫނާ ގަވައިދާ ހިލާފަށް ހިންގެވި ކަމަށް ބުނާ އަމަލުތަކެއް ވެސް ވަނީ މައްސަލައާއެކު ހުށަހަޅާފަ އެވެ.
ފުނަދޫ ދާއިރާގެ އިންތިހާބު އަލީ ސަލީމް ކާމިޔާބު ކުރެއްވީ 930 ވޯޓް ހޯއްދަވައިގެންނެވެ. އައްބާސްއަށް 855 ވޯޓް ލިބިވަޑައިގެންނެވި އިރު އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް ރަމީޒް 557 ވޯޓް ވަނީ ހޯއްދަވާފަ އެވެ.
އިންތިޚާބާ ބެހޭ ގާނޫނުގައި ބުނެފައިވަނީ އިންތިޚާބާ ބެހޭ މައްސަލަތައް ދާއިމީ ނަތީޖާ އިއުލާންކުރާތާ ގިނަވެގެން 30 ދުވަހުގެ ތެރޭގައި ނިންމަންޖެހޭނެ ކަމަށެވެ.
ފުނަދޫ ދާއިރާގެ އިންތިހާބު ބާތިލްކުރުމަށް ހުށަހަޅައިިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ