ހޯރަފުށީ ތިން ސަރަހައްދެއްގައި ރައްކާކޮށްފައިހުރި މަސްތުވާތަކެތި ހޯދާ، ދެމީހަކު ހައްޔަރުކޮށްފި

ހއ. ހޯރަފުށީގެ 3 ސަރަޙައްދެއްގައި ރައްކާކޮށްފައިހުރި މަސްތުވާތަކެތި ހޯދައި 2 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 20 އަހަރުގެ ފިރިހެނަކާއި 16 އަހަރުގެ ފިރިހެން ކުއްޖެއް ކަމަށެވެ. އަދި މިދެމީހުންނަކީވެސް ދިވެހިން ކަމަށެވެ.
ހޯރަފުށީ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެ ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުން ކުރި މަސައްކަތުން މި ދެމީހުންގެ ތެރެއިން 20 އަހަރުގެ މީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ރޭ 11:20 ހާއިރު މަގުމަތިން ކަމަށާއި އަދި 16 އަހަރުގެ ކުއްޖާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ކޯޓު އަމުރެއްގެ ދަށުން ރޭ 01:40 ހާއިރު އޭނާ ދިރިއުޅެމުންދާ ގެއިން ކަމަށް ފުލުހުން ބުނެއެވެ.
މިމީހުންގެ ތެރެއިން 20 އަހަރުގެ މީހާއަކީ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެކެވެ. މިމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް، ފުލުހުންނަށް ލިބުނު މަޢުލޫމާތުތަކާއި ގުޅިގެން ހޯރަފުށީގެ 3 ސަރަޙައްދެއް ބަލައިފާސްކޮށްފައިވާ ކަމަށާއި އެގޮތުން ބަލައިފާސްކުރި ތަންތަނުގެ ތެރެއިން ހޯރަފުށީ އުތުރު ފަރާތު ފަޅުގެއެއްގެ ތެރޭގައި ޓިނުން ހަދާފައިހުރި ތަނަކުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 5 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ. އަދި ހޯރަފުށީ އުތުރު ފަރާތު ވަލުތެރޭގައި ވަޅުލާފައި އޮތް ދަވާދު ދަޅެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 15 ރަބަރު ޕެކެޓް ފެނިފައިވާއިރު އެރަށު އުތުރު ފަރާތު އަތިރިމަތީގައި ހުރި ގަހެއްގެ ކައިރީގައި ވަޅުލާފައިވަނިކޮށް 3 ރަބަރު ޕެކެޓް ފެނިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން އިތުރަށްބުނީ މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ހއ. ދިއްދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައިވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ