ރައީސް ނަޝީދު ހައްޔަރު ކުރުމަށް ކޯޓުން ދީފައި ވަނީ 48 ގަޑިއިރު

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ދީފައި ވަނީ 48 ގަޑިއިރުގެ މުހުލަތެއް ކަމަށް ހަވީރަށް އެނގިއްޖެ އެވެ.
މި މަހުގެ 7 ވަނަ ދުވަހު އިސްތިއުފާ ދެއްވި ނަޝީދު ހައްޔަރު ކުރުމަށް ކޯޓުން އަމުރު ނެރެފައި ވަނީ އޭގެ ދެ ދުވަސް ފަހުން ނުވަ ވަނަ ދުވަހެވެ. ނަމަވެސް މިހާތަނަށް އެ އަމުރުގެ އެއްވެސް ތަފްސީލެއް ލިބިފައެއް ނުވެ އެވެ.
ހަވީރަށް އެނގިފައިވާ ގޮތުގައި ނަޝީދު ހައްޔަރު ކުރުމުގެ އަމުރަކަށް ފުލުހުން އެދިފައި ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ސިފައިން ހައްޔަރުކޮށްގެން ގިރިފުށީގައި ގެންގުޅުނު މައްސަލައިގަ އެވެ. އަދި ހައްޔަރު ކުރުމުގެ އަމުރު ތަންފީޒު ކުރުމަށް ދީފައި ވަނީ 48 ގަޑިއިރުގެ މުހްލަތެކެވެ. އެހެންކަމުން ދެން ނަޝީދު ހައްޔަރު ކުރެވޭނީ އަލުން ކޯޓު އަމުރެއް ހޯދައިގެންނެވެ.
ރައީސް ނަޝީދު ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރާ ގުޅޭ ގޮތުން ކޯޓުން ވެސް އަދި ފުލުހުން ވެސް އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ. ކްރިމިނަލް ކޯޓުން މިއަދު ބުނީ އެ އަމުރުގެ ތަފްސީލެއް ދެވެން ނެތް ކަމަށެވެ. ފުލުހުން ވެސް ބުނީ ހަމަ އެގޮތަށެވެ.
ކޯޓު އަމުރު ނެރުނު ދުވަހު ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެފައި ވަނީ އަމުރު ތަންފީޒު ކުރުމުގެ ގޮތުން ރައީސް ނަޝީދު ހައްޔަރު ކުރުމާ މެދު ގޮތެއް ނިންމާފައިނުވާ ކަމަށެވެ.
ޕޮލިސް މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސް ނަޝީދު ހައްޔަރު ކުރުމަށް ކޯޓުގެ އަމުރެއް އޮތް ނަމަވެސް ފުލުހުން ބޭނުންވީ އެމަނިކުފާނު އެކަމަށް އެއްބާރުލުން ދެއްވުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ