ގައުމުގެ ވެރިކަމުގައި ނުވަތަ އިސް މަގާމެއްގައި ހުންނެވި ނަމަ މާފުށީ ޖަލުގައި ބަޑި ޖެހި ސިފައިންނަށް މެޑަލް ދެއްވާނެ ކަމަށް އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ނޮވެމްބަރު 3 ގައި މަރުވި 19 ޝަހީދުންގެ ހަނދާންއާކުރުމަށް ޕީޕީއެމުން ރޭ ބޭއްވި އެއްވުމުގައި ރޭ އުމަރު ނަސީރު ވިދާޅުވީ މާފުށީ ޖަލުގައި ބަޑި ޖެހި ސިފައިންނަކީ "އެއްގޮތަކަށް ވެސް ގައުމަށް ހިޔާނާތްތެރިވި ބައެއް ނޫން" ކަމަށެވެ. އެ މީހުންގެ ކުރިމައްޗަށް ނުރައްކާތެރި ކުށްވެރިން ހަމަލަދިނުމަށް އެރުމުން ބަޑިޖަހަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނުރައްކާތެރި ކުށްވެރިންތަކެއް ބަޑި ހިފައިގެން ސިފައިންގެ ކުރިމައްޗަށް އެރީމަ، ބަޑި ޖަހަންވީތޯ މައުމޫން އަބްދުލް ގައްޔޫމް ކައިރިން [ސިފައިން] އަހާކަށެއް ނުޖެހޭނެ. އެ ދުވަހު ޖެހި ބަޑިއަކީ ޖަހަން ޖެހޭ ބަޑިއެއް،" އުމަރު ނަސީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަމަލުކުރަން ޖެހޭނެ ގޮތަކީ އެއީ ކަމަށާއި ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް ކަންކުރަނީ އެ އުސޫލުންނެވެ. އެގޮތުން މާފުށީ ބަޑި ޖެހުމުގެ ހާދިސާގައި ބަޑިޖެހި ސިފައިންގެ ކުށެއް ނެތް ކަމަށް ދޭހަވާގޮތަށް އޭނާ ވަނީ ވާހަކަ ދައްކަވައިފަ އެވެ.
ނޮވެމްބަރު 3 ގެ ހާދިސާގެ މައްޗަށް އަލިއަޅުއްވާލައްވައި ވިދާޅުވި ގޮތުގައި އެފަދަ ކަމެއް މެދުވެރިވެއްޖެ ނަމަ ގައުމު ސަލާމަތްކުރުމަށް ނުކުންނަން ޕީޕީއެމުން އޮތީ ތައްޔާރަށެވެ. އެ ހާދިސާގައި ރޭވުމުގައި އިސްކޮށް އުޅުނު ބަޔަކު ސަރުކާރުގެ އިސް މަގާމްތަކުގައި ތިބިކަން ފާހަގަކުރައްވައި އުމަރު ވިދާޅުވީ އެފަދަ ހާދިސާއެއް މެދުވެރިވެއްޖެ ނަމަ އެމްޑީޕީން ފަހަތަށް ޖެހޭނެ ކަމަށެވެ. އެގޮތުން ނޮވެމްބަރު 3 ގައި ސިފައިންގެ ތެރޭގައި އުޅުނު އެހެން ނަމަވެސް ގައުމަށްޓަކައި ކުރިމައްޗަށް ނުކުންނަން ނުކުރެނު ބައެއް މީހުން އެމްޑީޕީގެ ޖަލްސާތަކުގައި ތިބޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ އެއްވުމުގައި އެމްޑީޕީ އަށް ވަރަށް ބޮޑަށް ފާޑުކިޔައި ނޮވެމްބަރު 3 ގެ ހަމަލާ ރޭވުމުގައި އުޅުނު ދިވެހިން ދަންޖެއްސުމަށް ގޮވާލާފައިވެ އެވެ. އެ ހާދިސާގައި 19 ދިވެއްސަކު ޝަހީދުވެފައިވާ އިރު އިއްޔެ ވަނީ 23 އަހަރު ފުރިފަ އެވެ.
މާފުށީ ޖަލުގައި ބަޑި ޖެހި ސިފައިންނަށް މެޑަލް ދޭނަން: އުމަރު ނަސީރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ