ބޮމުގެ ހާދިސާއާ ގުޅިގެން ފުލުހުން ހޯދާ އަބްދުއްލަތީފް ގަމު ވަލުތެރޭގައި އުޅެނިކޮށް ބައެއް މީހުންނަށް ފެނިއްޖެ

ބާރަ ޓޫރިސްޓުން ޒަހަމްވި، ސަލްޓަން ޕާކުގެ ބޮމުގެ ހާދިސާއާ ގުޅިގެން ފުލުހުން އެންމެ ބޮޑަށް ހޯދަން ބޭނުންވެގެން އިއުލާނުކޮށްފައިވާ ދެ މީހުންގެ ކަމުގައިވާ ހިމެނޭ ލ. ކަޅައިދޫ ގްރީންވިލާ އަބްދުއްލަތީފު އިބްރާހީމް ގަމު ތުނޑީ އަވަށު ވަލުތެރޭގައި އުޅެނިކޮށް މި ރަށުގެ ބައެއް މީހުންނަށް ފެނިއްޖެ ކަމަށް އެ މީހުންނާއި ފުލުހުން ބުނެފި އެވެ.
ބޮމުގެ ހާދިސާއާ ގުޅުން ހުރެގެން ފުލުހުން ހޯދަން ބޭނުންވާ ލަތީފު އާއި ށ. ކޮމަންޑޫ ދޫރެސް އަލީ ޝަމީމު މާލޭގެ ގެއެއްގެ ތެރެއިން އިއްޔެގެ ވަގުތެއްގައި ހައްޔަރުކުރިކަމަށް ބުނެ މީޑިޔާގައި އަރާފައިވާ އަޑުތައް ފުލުސް އޮފީހުން މިއަދު ދޮގުކުރެއްވި އެވެ.
ލަތީފު، ،24 މިރަށު ވަލުތެރެއިން ނުކުމެގެން އުޅެނިކޮށް ބައެއް އަންހެނުންނަށާއި ކުޑަކުދިންނަށާއި އޭނާ ދަންނަ ބައެއް ޒުވާނުންނަށް ވެސް ފެނިފައިވާތީ، މި ރަށުގެ ރައްޔިތުންގެ ތެރެއިން ބައެއް މީހުންނާއި ފުލުހުން ގުޅިގެން ގެންދަނީ ވަރަށް ބޮޑަށް ފާރަލަމުންނެވެ. މި ރަށުން އޭނާ ފެނުނު ކަމަށް ބުނާ ބައެއް މީހުން ބުނި ގޮތުގައި ލަތީފު މިހާރު ހުންނަނީ އޭނާގެ ސިފަ އޮޅުވައިލުމުގެ ގޮތުން ބޮލާއި ބުމަ ވެސް ބާލައިގެންނެވެ.
"އޭނާ ދަންނަ ބައެއް މީހުން ވެސް، އަބްދުއްލަތީފް ފެނުނު ކަމަށް ބުނާތީ އެކަން ވަރަށް ގާތުން ބަލަމުން މިގެންދަނީ. އަޅުގަނޑުމެންނަށް ކަށަވަރުވާނީ އަޅުގަނޑުމެންނަށް ފެނުނީމަ. ބައެއް ކުޑަކުދިންނަށާއި އަންހެނުންނަށް ވެސް އޭނާ ފެނުނު ކަމަށް ބުނެފައި އެބަހުރި،" ގަމުގައި ހުންނަ ޕޮލިސް ސްޓޭޝަނުގެ އިސް ބޭފުޅަކު ވިދާޅުވި އެވެ.
ސުނާމީ އަށް ފަހު ގަމަށް ދިރިއުޅުން ބަދަލުކޮށްފައިވާ ލަތީފު، މިރަށު ތުނޑީ ސަރަހައްދުގައި އޮންނަ ދަނޑެއްގެ ތެރެއިން ފެނުނު ކަމަށް ބުނާ މީހަކު ހަވީރަށް ކިޔައިދިން ގޮތުގައި ދަނޑުތެރެއިން އޭނާ އަށް ލަތީފު ފެނުމާއެކު ދުވެފައި ގޮސް ބޯ ޖަންގައްޔެއް ކަހަލަ ވަލުތެރެއަށް ވަދެ ފިލީ އެވެ.
"އަހަންނަށް އޭނާ ފެނުނީ ބޮމުގެ ހާދިސާގެ ކުރިން ވެސް އާންމުކޮށް ލަތީފު ގޮސްއުޅޭ ދަނޑެއް ކައިރީގައި ހުރި ގަހެއްގެ ބުޑުގައި އިށީނދެލައިގެން އިންދާ. ދަނޑުތެރެއިން އަހަރެންގެ ފިޔަވަޅުގެ އަޑުއިވުމުން ވައިރޯޅިއެއްހެން ގޮސް ގެއްލިއްޖެ. އެކަން ޕޮލިހަށާއި ރަށުގެ ބޮޑުންނަށް އަންގާފައި ވާނީ،" ލަތީފު ދަނޑުތެރެއިން ފެނުނު ކަމަށް ބުނާ މީހަކު ހަވީރަށް ކިޔައިދިނެވެ.
ލަތީފު ގަމުގެ ވަލުތެރޭގައި އުޅޭ ކަމަށް ބައެއް މީހުން ބުނާތީ މިރަށުގެ ޒުވާނުންގެ ބަޔަކު އިސްނަގައިގެން އޭނާ އަށް ފާރަލަމުން އަންނަތާ މިހާރު ތިން ދުވަސް ވެއްޖެ އެވެ. އެކަމުގައި ހަރަކާތްތެރިވާ ޒުވާނަކު ބުނި ގޮތުގައި ލަތީފު ރޭގަނޑު ދަންވަރު ވަންނަ ކަމަށް ޝައްކުކުރެވޭ ގެއަކަށް ވެސް، އެމީހުން އަންނަނީ ފާރަލަމުންނެވެ.
ފުލުހުން ވިދާޅުވީ އޭނާ ހޯދުމަށްޓަކައި ފުލުހުން ހިންގަވާ އޮޕަރޭޝަނުގައި ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބެމުން އަންނަ ކަމަށެވެ.
ސަލްޓަން ޕާކުގެ ބޮމުގެ ހާދިސާއާ ގުޅިގެން ފުލުހުން ހޯދަމުން ގެންދާ ށ. ކޮމަންޑޫ ދޫރެސް އަލީ ޝަމީމް، ،25 އާއި އަބްދުއްލަތީފް އިބްރާހީމް ރާއްޖޭގައި އުޅޭ ކަމަށް ފުލުހުން ވަނީ ކުރިން ވިދާޅުވެފަ އެވެ. އަދި މި ދެ މީހުންނަކީ ބޮމުގެ ހާދިސާގެ ތަހުގީގަށް ވަރަށް މުހިއްމު ދެ މީހުންކަމާއި މި ދެމީހުން ހޯދުމުގައި ރައްޔިތުންގެ އެއްބާރުލުން ވަރަށް މުހިއްމު ކަމުގައި ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
ސުނާމީގައި ރަށުގެ ގިނަ ބަޔަކު ގަމަށް ބަދަލުވެފައިވާތީ، އަބްދުއްލަތީފު ވެސް ދިރިއުޅެނީ ގަމުގަ އެވެ. އޭނާ ދަންނަ ބައެއް މީހުން ބުނާ ގޮތުގައި، ކަޅައިދޫ ޒުވާނަކާ ކައިވެނިިކޮށްގެން އުޅޭ އަބްދުއްލަތީފް އިބްރާހީމަކީ ކޮމްޕިއުޓަރުގެ މަސައްކަތްތަކާއި އެނޫންވެސް އިލެކްޓްރޯނިކް މަސައްކަތްތަކުގެ މާހިރެކެވެ. އެކަކު ބުންޏެވެ؛ "ކޮމްޕިއުޓަރާއި ފޯނުތަކަށް ސޮފްޓްވެއާ އަޅައިދިނުން ކަހަލަ ކަންކަން ވެސް ކުރާނެ. އެއީ އެކަހަލަ ކަންކަމަށް ވަރަށް މޮޅު ކުއްޖެއް."
ކުރިން ތުނބުޅި ދިގުކޮށް ފައިކުރި ތަނބިކަށިން މަތީގައި ބެހެއްޓުމަށް ސަމާލުކަން ދެމުން ދިޔަ، އަބްދުއްލަތީފު މީގެ ދެމަހެއްހާ ދުވަސްކުރިން ވައްކަމުގެ މައްސަލައެއްގައި ހިމެނުނެވެ. ގަމު މަތިމަރަދޫ ތެޔޮވިއްކާ ތަނަކުން ލާރިތަކެއް ވަގަށް ނެގި މައްސަލައިގައި، ބަޔަކު މީހުން އޭނާ އަށް ވަރަށް ބޮޑަށް އަނިޔާކޮށް ހެދި އެވެ. އެކަމާ ގުޅިގެން އުފަންރަށް ކަޅައިދު އަށް ދުވަސްކޮޅަކަށް ބަދަލުވުމަށް ފަހު، ކުއްލިއަކަށް ގެއްލުނީ އެވެ.
"މިހާރު އެ އުޅެނީ ތުނބުޅި މަތިމަސް ބާލައިގެން، ފައިކުރި ވެސް ދިގުކޮށްގެން،" މި ރަށުގެ މީހަކު ބުންޏެވެ.
އަލީ ޝަމީމާއި ލަތީފު ހޯދުމަށް ފުލުހުން މުޅި ރާއްޖޭގައި ގެންދަނީ އަތްފުނާއަޅަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ