ރިޔާސީ އިންތިހާބު 2008: މި ހިސާބުން ވެރިކަން ދޫކޮށްލައިފި ނަމަ އިސްލާހީ މަސައްކަތްތައް ފުރިހަމަކުރާނޭ މީހަކު ނުހުންނާނެ ކަމަށް ރައީސް ވި

ހއ. ދިއްދޫން: އަހްމަދު އަބްދުﷲ ސައީދު
މިހާ ހިސާބުން ވެރިކަން ދޫކޮށްލައްވައިފި ނަމަ، އިސްލާހީ މަސައްކަތްތައް ކުރިއަށް ގެންދާނޭ މީހަކު ނުހުންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޑީއާރްޕީގެ ރިއާސީ ކެންޑިޑޭޓްގެ ހައިސިއްޔަތުން ރައީސް މައުމޫން އިއްޔެ ހއ. ދިއްދު އަށް ކުރެއްވި ދަތުރުފުޅުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، އެހެން މީހަކު މިހާ ހިސާބުން ގައުމުގެ ހުންގާނުގައި ހިފައިގެން އަޅުގަނޑުމެންގެ ގައުމީ ނައު މިދާ މިސްރާބަކަށް ނުގެންދެވޭނެ ކަމަށެވެ.
އެ ވާހަކަފުޅަށް ބާރު ދެއްވަމުން 2004 ވަނަ އަހަރު އެ މަނިކުފާނު އިއުލާންކުރެއްވި އިސްލާހީ އެޖެންޑާ އަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އިސްލާހީ މަސައްކަތްތައް ކާމިޔާބުކަމާ އެކީ ނިންމައިލެވޭނީ އެ އިސްލާހާ ދޭތެރޭ ޚިޔާލުކޮށް، އެ އިސްލާހުތައް ފަށައިގެން ގަދަ ހިތްވަރާއި އަޒުމާ އެކީގައި ކުރިއަށް ގެންދިޔަ މީހަކަށް އެކަނި ކަމަށެވެ.
"ދިވެހި ރާއްޖެ އަށް ސިޔާސީ ގޮތުން އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނައުމަށްޓަކައި 2004 ވަނަ އަހަރު އަޅުގަނޑު ފެށި މަސައްކަތް އަދި ނުނިމޭ. ދާދި މިދާކަށް ދުވަހު، ގާނޫނު އަސާސީ ފާސްވެގެން ދިޔައީ. އެ ގާނޫނު އަސާސީގެ ދަށުން އެބަޖެހޭ ވަރަށް ގިނަ މުއައްސަސާތަކެއް އުފައްދައި ވަރަށް ގިނަ ނިޒާމްތަކެއް ގާއިމުކުރަން. ވަރަށް ގިނަ ވަސީލަތްތަކެއް ހަމަޖައްސަން. މި ކަންތައްތައް ކުރުމަށް އަދި ވަގުތު ބޭނުންވޭ. މި ހިސާބުން އަޅުގަނޑު ވަކިވެގެން ހިނގައްޖެއްޔާ ކާކުތޯ މި ކަންތައްތައް ކުރިއަށް ގެންދަން ހުންނާނީ؟ މި އިސްލާހާ ދޭތެރޭގައި ޚިޔާލުކޮށް، އިސްލާހުތައް ބައްޓަންކޮށް، ފަރުމާކޮށް، އެ އިސްލާހުތައް ފަށައިގެން ގަދަ ހިތްވަރާއި އަޒުމާ އެކީގައި ކުރިއަށްގެންދިޔަ މީހަކަށް އެކަނި، މި އިސްލާހުތައް ނިމެންދެން އެ ކަންތައްތައް ކާމިޔާބުކަމާ އެކީގައި ކުރިއަށް ގެންދެވޭނީ."
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ ހަވާލުވެވަޑައިގަތުމަށް ފަހު ދިއްދު އަށް ކުރެއްވި 13 ވަނަ ދަތުރުފުޅުގައި އިއްޔެ މި ރަށުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ، އާ ގާނޫނު އަސާސީއަކަށް އަމަލުކުރަން ފަށައިފައިވުމުން އިތުރު 10 އަހަރު ވެރިކަން ކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް ވެސް ލިބިވަޑައިގެންފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ މިހާރު ބާތިލުވެފައިވާ ގާނޫނު އަސާސީގެ ދަށުން 30 އަހަރު ވެރިކަން ކުރައްވާފައިވީ ނަމަވެސް، މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީގެ ދަށުން އެންމެ ހިނދުކޮޅަކަށް ވެސް ރައީސްކަން ކުރައްވައިފައިނުވާ ކަމަށެވެ.
"ކުރިން އަމަލުކުރަމުން އައި ގާނޫނު އަސާސީ ވަނީ ބާތިލުވެ އުވިގެން ގޮސްފައި. މިހާރު ނެތް އެ އެއްޗެއް. އަޅުގަނޑަކަށް އަދި މި އާ ގާނޫނު އަސާސީގެ ދަށުން ރައީސް ކަމުގެ އެއްވެސް ފުރުސަތެއް ހޭދައެއްނުކުރެވޭ. އެންމެ ދުވަހެއް ވެސް އެންމެ ގަޑިއެއް ވެސް، އެންމެ މިނެޓެއް ވެސް އެންމެ ސިކުންތެއް ވެސް، އާ ގާނޫނު އަސާސީގެ ދަށުން އަޅުގަނޑު އަދި ރައީސް ކަމުގެ މަގާމެއް ނުފުރަން. އެހެންވީމާ އަދި 10 އަހަރު އޮންނާނެ ކޮންމެ މީހަކަށް ވެސް."
އަދި ގާނޫނު އަސާސީގައި އެ ބުނާ ދައުރު ފެށެން އޮތީ ގާނޫނު އަސާސީގައި ބުނެފައިވާ މި އަހަރުގެ ރިއާސީ އިންތިޚާބަށް ފަހުގައި ކަމަށް ވެސް ރައީސް މައުމޫން ވިދާޅުވި އެވެ. އެހެންވީމާ ރައީސް ކަމަށް ކުރިމަތިލެވޭނެ ކަމަށާއި މިހުރީ އެ ކަމަށް ކުރިމަތިލައްވައިގެން ކަމަށް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ކާމިޔާބު ވެސް ކުރާނަން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމު ވެސް ފުރާނަން."
ހއ. ދިއްދު އާއި ހދ. ކުޅުދުއްފުށީގައި ވާހަކަފުޅު ދައްކަވަމުން ވެސް، ރައީސް މައުމޫންގެ ވާހަކަފުޅުގައި މައިގަނޑު ގޮތެއްގައި އަލިއަޅުއްވާލެއްވީ، އެ މަނިކުފާނަށް އިތުރު ދައުރަކަށް ރައީސް ކަމަށް ކުރިމަތިނުލެއްވޭނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކަ އަށް ރައްދުދެއްވުމަށާއި އެ މަނިކުފާނު އިތުރު ދައުރަކަށް ކުރިމަތިލައްވަން ނިންމެވި ސަބަބުތަކުގެ މައްޗަށެވެ.
މީގެ އިތުރުން ވެއަތުވެ ދިޔަ 30 އަހަރުގެ ތެރޭގައި އެ ރަށްރަށަށް ސަރުކާރުން ކޮށްދީފައިވާ ކަންތައްތައް ފާހަގަކުރައްވައި މިހާރު ވެސް ތަރައްގީގެ ކަންތައްތަކެއް ކޮށްދެމުންދާކަން ފާހަގަކުރެއްވި އެވެ.
ދިއްދު އާއި ކުޅުދުއްފުށީގައި އެ މަނިކުފާނު އެ ދެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ދިޔައިރު، އެ ދެ ތަނުގައި ވެސް، 1970ގެ ފަހުކޮޅުގެ އަހަރުތަކުގަ އާއި 1980 ގެ ކުރީކޮޅުގެ އަހަރުތަކުގައި އެ ރަށްތައް އޮތްގޮތް ދައްކުވައިދޭ ކަޅާއި ހުދުގެ ފޮޓޯތަކެއް ފާރުގައި ހަރުކޮށްފައި ހުއްޓެވެ.
ވެއަތުވެދިޔަ 30 އަހަރުގެ ތަޖުރިބާތަކަށް އިޝާރާތްކުރައްވައި ރައީސް މައުމޫން ވިދާޅުވީ "މި ކުރިއެރުންތަކުގެ މައްޗަށް ބިނާކޮށް، މި ތަޖުރިބާގެ އަލީގައި އަދި އިރާދަކުރެއްވިއްޔާ، އަޅުގަނޑަށް ތިޔަ ބޭފުޅުންނަށް އެކަށީގެންވާ ޚިދުމަތްތަކެއް ކުރެވިދާނެ" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ