ރިޔާސީ އިންތިހާބު 2008: އިންތިހާބު ކާމިޔާބުކުރުމަށް އެއްވެސް ބަޔަކާ ގުޅޭކަށް ނުޖެހޭ: އަންނި

އެއް ކެންޑިޑޭޓަށް ވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރާ، މި އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެމްޑީޕީން އެއްވެސް ޕާޓީއަކާ ގުޅެންނުޖެހޭ ކަމަށް އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު (އަންނި) ވިދާޅުވެއްޖެ އެވެ.
ކެމްޕޭން ކުރެއްވުމަށް މިދިޔަ ބުރާސްފަތު ދުވަހު އައްޑު އަށް ވަޑައިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު އުފެދިފައިވާ އެއްވެސް ޕާޓީއަކާ ނުގުޅި ވެސް އެމްޑީޕީ އަށް އިންތިހާބު ކާމިޔާބުކުރެވޭނެ ކަމަށާއި އެޕާޓީން އެއްވެސް ބަޔަކާ ގުޅެންނުޖެހޭ ކަމަށެވެ.
"އަޅުގަނޑުމެން އެއްވެސް ބަޔަކާ ގުޅޭކަށް ނުޖެހޭ. އަޅުގަނޑުމެން ނުޖެހޭ ޖުމްހޫރީ ޕާޓީގެ ރަނިންމޭޓަށް ވާކަށް. އަޅުގަނޑުމެން ނުޖެހޭ އަދާލަތު އެދޭ ގޮތަށް ވެސް އެ ބޭފުޅުން އެދިލައްވާ ޕާޓީގެ ރަނިން މޭޓަކަށް ވާކަށް ވެސް. އަޅުގަނޑުމެންނަކީ މި ރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދި މީހުން. އަޅުގަނޑުމެންނަކީ މި ރާއްޖޭގައި އޮތް އެންމެ މެންބަރުންގެ ގިނަ ސިޔާސީ ޕާޓީގެ މީހުން. އަޅުގަނޑުމެންނަށް އެކަނި އިރާދަކުރެއްވިއްޔާ މިކަންވާނެ،" އަންނި ވިދާޅުވި އެވެ. "އިންތިހާބުގެ ފުރަތަމަ ބުރުން އަޅުގަނޑުމެން އައުލަބިއްޔަތު ހޯދާނަން."
އަންނި އަދި ވިދާޅުވީ އައްޑު އަތޮޅު ފިޔަވައި ރާއްޖޭގައި ތިން ވަނަ އަށް އެންމެ ބޮޑު އާބާދީ ބޮޑު ހދ. އަތޮޅުގެ އަޣުލަބިއްޔަތު އެޕާޓީ އަށް ލިބިފައި އޮތުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.
"ކުޅުދުއްފުށީގެ އަޣުލަބިއްޔަތު އަޅުގަނޑުމެންނަށް ލިބިގެން އައިމާ އެއީ މިވެރިކަމުގެ 30 އަހަރު ދުވަހު ދުވަހުގެ ޗިސްމެއޭ. އެ ބޭފުޅުން އަތުން ކުޅުދުއްފުއްޓާއި އުތުރު ގެއްލިގެން ދިޔައީމާ އަޅުގަނޑަކަށް ނުވިސްނޭ މީގެ ހިސާބު އެހެން އެއްވެސް ގޮތަކަށް އެއްވެސް ބޭފުޅަކު ކިޔުއްވާނެ ގޮތެއް،" އަންނި ވިދާޅުވި އެވެ. "އަޅުގަނޑުމެން ނުޖެހޭ ޑީއާރްޕީއަކާ އެއްވެސް ކަމެއްގައި ކޮންމެހެނެއް ބައިއަތު ހިފަމުންދާކަށް. އެހެން ނަމަވެސް ރަނގަޅަށް ކަމެއް ހިންގުމަށް އެ ވަގުތެއްގައި ބައިއަތު ހިފަންޖެހެނީ ޑީއާރްޕީއާ ކަމަށް ވަންޏާ އެކަން އަޅުގަނޑުމެން ކުރާނަން. އެ އިރެއްގައި އަޅުގަނޑުމެން ވާހަކަ ދައްކަންޖެހޭ ބަޔަކާ އަޅުގަނޑުމެން ވާހަކަ ދައްކާނަން. އެކަމުގައި އެއްވެސް ޝައްކެއް ނެތް. އަޅުގަނޑުމެން އިންތިހާބަށް މިދަނީ އިންސާފުވެރިކަމާއި އިހުތިރާމާއި އޯގާތެރިކަމާ އެކީގައި ހުރިހާ ސިޔާސީ ވާދަވެރިންނާ ވާދަކުރަމުން. އަޅުގަނޑުމެން ބޭނުން ވަނީ ސުލްހަވެރި ސިޔާސީ ހަރަކާތް. އެއީ އަބަދުވެސް އަޅުގަނޑުމެން ބޭނުންވި ގޮތް."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ