ސިފައިންގެ ވަޒީފާ އަށް ފިލައިގެން އުޅޭ ކަމަށް ބުނެ އަސްކަރީ ފުލުހުން ހައްޔަރުކޮށްފައިވާ ފުވައްމުލަކު، ހިޔާ، އަބްެދުލްހަމީދުގެ މައްސަލަ ސިވިލް ކޯޓަށް ނުބެލޭނެ ކަމަށް އެ ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.
އަބްދުލްހަމީދުގެ ފަރާތުން ބުރާސްފަތި ދުވަހު ހުށަހެޅި ދައުވާގައި ބުނެފައިވަނީ އޭނާ ހައްޔަރުކޮށްފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ކަމަށެވެ. އެހެންކަމުން އޭނާ އެ ގޮތަށް ހައްޔަރުނުކުރެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުވާގައި އެދިފައިވެ އެވެ. އަދި ހައްޔަރުން ދޫކޮށްލުމުގެ ވަގުތީ އަމުރަކަށް ވެސް ހަމީދުގެ ފަރާތުން ކޯޓުގައި އެދިފައިވެ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ހުސައިން ވިދާޅުވީ ގާނޫނީ ބާރެއް ނެތި ނުވަތަ ގާނޫނާ ހިލާފަށް ހައްޔަރުކޮށްފައިވާ ކަމަށް ބުނެ ދޫކޮށްލުމަށް އެދޭ މައްސަލަތަކަކީ ކްރިމިނަލް ކޯޓުގެ އިހްތިސާސްގެ ތެރޭގައިވާ ކަމެއް ކަމަށް ކޯޓުތަކާ ބެހޭ ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން މި މައްސަލައަކީ ސިވިލް ކޯޓުގެ އިހްތިސާސް ނެތް، ކްރިމިނަލް ކޯޓުގެ އިހްތިސާސްގެ ތެރޭގައިވާ މައްސަލައެއް ކަމުން އެ މައްސަލަ ނުބެލޭނެ ކަމަށް ކަނޑައަޅައި ހުކުމްކުރެއްވީ ކަމަށް ގާޒީ ވިދާޅުވި އެވެ.
އެމްއެންޑީއެފާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެހެން މައްސަލައެއްގެ ތެރެއަށް ވަނުމަށް ވެސް ބުދަ ދުވަހު ހަމީދާއި، އިތުރު ބައެއް ސިފައިން ހުށަހެޅި އެވެ. ނަމަވެސް އެ ދުވަހުގެ ވެސް ކޯޓުން ނިންމާފައިވަނީ އެ މީހުންނަށް އެ މައްސަލައިގެ ތެރެއަށް ނުވަދެވޭނެ ކަމަށެވެ.
ހަމީދުގެ ފަރާތުން ބުރާސްފަތި ދުވަހު ކޯޓަށް ހާޒިރުވި އިބްރާހިމް ނާޒިމް ކޯޓުން ބޭރުގައި ހަވީރާ ވާހަކަ ދައްކަމުން ބުނީ ހަމީދުގެ މައްސަލަ ކްރިމިނަލް ކޯޓަށް ވެސް ހުށަހަޅާފައިވާނެ ކަމަށެވެ. އެ މައްސަލަ ކްރިމިނަލް ކޯޓަށް ވެއްދީ އަންގާރަ ދުވަހު ހަމީދު ހައްޔަރުކުރިތާ ދެ ގަޑިއިރުގެ ތެރޭގައި ކަމަށާއި ނަމަވެސް މިހާތަނަށް ވެސް އެ ކޯޓުން އެ މައްސަލަ ބަލާފައިނުވާ ކަމަށް އޭނާ ބުންޏެވެ.
"ހަމީދު ހައްޔަރުކުރިތާ ދެ ގަޑިއިރުގެ ތެރޭގައި އަޅުގަނޑުމެން އޮންނާނީ އެ މައްސަލަ ކްރިމިނަލް ކޯޓަށް ވައްދާފައި. އެ މައްސަލައިގައި އެދިފައިވާނެ ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް،" އޭނާ ބުންޏެވެ.
އެ ގޮތަށް އެދިފައިވަނީ، ސިފައިންގެ ވަޒީފާ އަށް ފިލައިގެން އުޅޭ ކަމަށް ބުނެ، އަސްކަރީ ފުލުހުން އޭނާ ހައްޔަރުކުރި ފަހުން މިހާތަނަށް ކޯޓަކަށް ހާޒިރުކޮށްފައި ނުވާތީ ކަމަށެވެ.
އަސްކަރީ ފުލުހުން ހައްޔަރުކުރި ހަމީދުގެ މައްސަލަ ނުބެލޭނެ ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ