ގައުމީ އެއްބައިވަންތަ ކަމުގެ ގުޅުން ނުވަތަ ގައުމީ އިއްތިހާދުގެ މެމްބަރުންގެ ތެރޭގައި ވޯޓުލައިގެން އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ހޮވުމަށް އަދާލަތު ޕާޓީން ހުށަހަޅައިފި އެވެ.
ރޭ ބޭއްވި އަދާލަތު ޕާޓީގެ އާންމު ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝޭހު އިމްރާން އަބްދުﷲ ވިދާޅުވީ އިއްތިހާދުގެ ތެރޭގައި ސިއްރު ވޯޓުލައިގެން ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ހޮވުމުގެ އިތުރުން ސަރުކާރުގެ ވުޒާރާތަކަށް އިއްތިހާދުގެ ތެރޭގައި ހަމަހަމަކޮށް ބަހާލައިގެން މީހުން ހަމަޖައްސުމަށް އަދާލަތު ޕާޓީން ހުށަހަޅާފައިވާ ކަމަށެވެ.
"ކޮންމެ އަކަސް އަޅުގަނޑުމެން މި ވިސްނުމަށް ފަހު މި ހިޔާލާއެކު އިއްޔެގައި (ބުރާސްފަތި ދުވަސް) އެމްޑީޕީއާ އެކުގައި ބައްދަލުކުރީ. އެ ބޭފުޅުން ވަރަށް މަރުހަބާ ކި. އަޅުގަނޑުމެން ވަރަށް އުފާވި. އެ ބައްދަލުވުމުގައި އެ ބޭފުޅުން އަޅުގަނޑުމެންނަށް ޔަގީންކަން ދެއްވެވި މި މަރުހަލާގައި އެމްޑީޕީ ތިބޭނީ އެއް ކެންޑިޑޭޓަކު ނެގުމަށް ތާއީދުކުރާ ކޮންމެ ބަޔަކާ އެކު ކުރިއަށް ދިއުމަށް ތައްޔާރަށް ކަމަށް. ހަމަ އެކަމާ ގުޅިގެން އަޅުގަނޑުމެން ޔަގީންކަން ދިނިން، އަޅުގަނޑުމެން ތިބޭނީ ތި ގޮތުގައި ކަން. މި ހިސާބުން ފެށިގެން ދެ ބައެއްގެ ރުހުމާއި ތާއީދު ލިބިއްޖެ،" އިއްތިހާދުން އެއް ކެންޑިޑޭޓަކު ނެރުމުގެ ކަންތައްތަކުގައި އަދާލަތު ޕާޓީގެ ފަރާތުން މަސައްކަތް ކުރާ ޓީމުގެ ވެސް އިސް މެމްބަރު ޝޭހު އިމްރާން ވިދާޅުވި އެވެ.
ދަރުބާރުގޭގައި ބޭއްވި އަދާލަތު ޕާޓީގެ އާންމު ބައްދަލުވުމުގައި އޭނާ ވިދާޅުވީ އިއްތިހާދުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ މީޑިއޭޓަރެއްގެ ރޯލު އަދާކުރުމަށް އަދާލަތު ޕާޓީގެ ކިބައިން އެންމެ ބޮޑު އިދިކޮޅު ޕާޓީން އެމްޑީޕީން ބުރާސްފަތި ދުވަހު އެދުނު ކަމަށާއި އަދާލަތުން އެކަން ބަލައިގެންފައިވާ ކަމަށެވެ.
"އޭގެ ނަތީޖާއެއްގެ ގޮތުން މިއަދު ޝޭހު ހުސެއިން (އަދާލަތު ޕާޓީގެ ރައީސް) އާއި އަޅުގަނޑާ ދެ މީހުން ވެގެން އެހެން ޕާޓީތަކުގެ ބޭފުޅުންނާ ގުޅައިގެން ވާހަކަ ދެއްކިން. މަސައްކަތްތަކުގައި ކުރިއަށް ދިއުމަށް އެއްބަސްވެ ވަޑައިގެންނެވި،" ޝޭހު އިމްރާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އިއްތިހާދުގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ބައެއް ފަރާތްތަކުން މެނިފެސްޓޯތައް ނެރުއްވާފައިވާއިރު، އިއްތިހާދުން ނެރޭ ކެންޑިޑޭޓެއްގެ މެނިފެސްޓޯގެ މައްސަލަތައް ނިންމަން ޖެހޭނެ ކަމަށެވެ. އަދި ޝޭހު އިމްރާން ވިދާޅުވީ އިއްތިހާދުގެ ކެންޑިޑޭޓަކު ނެރުމުގެ ކުރިން އިއްތިހާދުގެ ތެރޭގައި ހުރިހާ ބޭފުޅުން އެއްބަސްވެ އެގްރީމަންޓެއްގައި ސޮއިކުރައްވަން ޖެހޭނެ ކަމަށެވެ. އޭގެ ސަބަބެއް ކަމަށް އޭނާ ވިދާޅުވީ އެއް ކެންޑިޑޭޓަކު ނެރޭ ހިސާބުން ކުރިމަތިވާނެ މައްސަލަތައް ހުއްޓުވުމުގެ ބޭނުމުގައި ކަމަށެވެ.
އަދާލަތު ޕާޓީގެ ރޭގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ އިސްތަރުޖަމާން މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަން ނިންމުމުގެ އަޒުމް ކަނޑައަޅާއިރު ގެންނަންޖެހޭނީ "ރަނގަޅު ހެޔޮ ބަދަލު" ކަމަށެވެ.
"މާތް ﷲ އިރާދަކުރައްވައިފިއްޔާ މި އަންނަ ނޮވެމްބަރު 11ގައި މި ގައުމުގައި އާ ވެރިއަކު ހުވާ ކުރެއްވުމުގެ މަންޒަރު މާތް ﷲ އަޅުގަނޑުމެންނަށް ދައްކަވާށި. އެ ވެރިއަކު ވާން ޖެހޭނީ އަޅުގަނޑުމެން އެންމެން ލޯބިވާ ވެރިއަކަށް. އަޅުގަނޑުމެން އެންމެން އެ ބޭފުޅެއްގެ އަތުގައި ހިފައިގެން ދިވެހިންގެ ވެރިކަމުގައި ބައިންދާނެ ވެރިއަކަށް. އަޅުގަނޑުމެން އެންމެންނާ މެދު އޯގާތެރިވެ ލައްވާނެ ވެރިއަކަށް. އެހެންވީމަ އަޅުގަނޑުމެން އެންމެން އެބަޖެހޭ ވިސްނަން. އަޅުގަނޑުމެން އެބަޖެހޭ ފިކުރުކުރަން. އަޅުގަނޑުމެން މި އަދާލަތު ޕާޓީ އަކީ ދިވެހިރާއްޖޭގެ ސިޔާސީ މަސްރަހުން މި ފެންނަ ސިޔާސީ ޕާޓީތަކާ މުޅިން އެއްގޮތް ޕާޓީއެއް ނޫން. އަދާލަތު ޕާޓީ ބިނާވެފައި ވަނީ ވަރަށް ވަރުގަދަ އަގީދާއެއްގެ މަތީގައި. ވަރަށް ހަރުދަނާ އުސޫލުތަކެއްގެ މަތީގައި،" ޝޭހު ޝަހީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އަދާލާތު ޕާޓީން ރާއްޖޭގައި ގާއިމްކުރަން ބޭނުންވަނީ ވަރަށް އިންސާފުވެރި ވެރިކަމެކެވެ. އަދި ރަނގަޅު، އިންސާފުވެރިއަކު ހޮވުމާ ބެހޭ ގޮތުން ދީނީ ގޮތުން ޝޭހު ޝަހީމް ދަލީލު ދެއްކެވި އެވެ.
އަދާލަތު ޕާޓީގެ ރޭގެ ބައްދަލުވުމުގައި ޝޭހު އިމްރާނާއި ޝޭހު ޝަހީމްގެ އިތުރުން އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ރައީސް ޑރ.އަބްދުލް މަޖީދު އަބްދުލް ބާރީ އާއި ރައީޝް ޝޭހު ހުސެއިން ރަޝީދު އަހުމަދު ވެސް ވާހަކަ ދެއްކެވި އެވެ.
އަދާލަތު ޕާޓީގެ އާންމު ބައްދަލުވުން: އިއްތިހާދުގެ ތެރޭގައި ވޯޓުލައިގެން ރިޔާސީ ކެންޑިޑޭޓާއި ރަނިންމޭޓް ހޮވުމަށް އަދާލަތުން ހުށަހަޅައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ