"ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގައި ރަޖިސްޓްރީ ނުވާ ފަރާތްތައް ވަޒީފާގައި ގެންގުޅުން މަނާކުރާ ބިލެއް މަޖިލީހަށް ހުށައަޅައިފި

"ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގައި ރަޖިސްޓްރީ ނުވާ މީހުން ވަޒީފާގައި ގެންގުޅުން މަނާކުރާ ބިލެއް މަޖިލީހަށް ހުށައަޅައިފިއެވެ.
ސްކޫލެއްގައި ނުވަތަ ކިޔަވައިދޭ ތަނެއްގައި ޓީޗަރެއްގެ ގޮތުގައި ވަޒީފާ އަދާކުރެވޭނީ ސަރުކާރުގައި ރަޖިސްޓްރީކޮށްގެން ކަމަށް ކަނޑައަޅައި، ސަރުކާރުގެ ފަރާތުން ފުނަދޫ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ހުށައެޅުއްވި ތައުލީމާ ބެހޭ ބިލްގައި ބުނެފައިވަނީ ރާއްޖޭގައި މަސައްކަތް ކުރާ ހުރިހާ ޓީޗަރުން "ޓީޗާސް ރަޖިސްޓްރޭޝަން ކައުންސިލް" ގައި ރަޖިސްޓްރީ ވާން ޖެހޭނެ ކަމަށެވެ.
ބިލު ފާސްވާތާ އެއް މަސްތެރޭ ކައުންސިލް އުފައްދައި, ލައިސަންސްދޭ އުސޫލު އާންމު ކުރަން ޖެހޭކަމަށާއި ގާނޫނަށް އަމަލުކުރަން ފަށާތާ ހަ މަސްތެރޭގައި ޓީޗަރުން ރަޖިސްޓްރީކޮށް ލައިސަންސް ހޯދަންޖެހޭނެކަމަށް މި ބިލުގައި ފާހަގަކުރައްވާފައިވެއެވެ.
ކައުންސިލްގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޓީޗަރުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑް ހިމާޔަތްކޮށް މޮނިޓާ ކުރެވޭނެ އިންތިޒާމެއް އެކުލަވާލައި، ތަންފީޒު ކުރުމާއި ކިޔަވައިދިނުމުގެ ފެންވަރު މަތިކޮށް ހިފެހެއްޓުމާއި ޓީޗަރުންގެ ތައުލީމީ އަދި ފަންނީ ސެޓްފިކެޓްތަކާއި ރެކޯޑުތަކުގެ މައުލޫމާތު ބެލެހެއްޓުން ހިމެނެ އެވެ.
ހަމައެއާއެކު ޓީޗަރުންގެ ފަންނީ ތަރައްގީ ލިބުމަށް ކޮންމެ އަހަރަކު ލާޒިމް ކުރާ މިންވަރަށް އެކަން ކުރަމުންދާ ކަން ކަށަވަރު ކުރުމާއި ޓީޗަރުންނަކީ ކިޔަވައިދިނުމުގެ ހުނަރު ހުރި މުޖުތަމައު ގަބޫލުކުރާ ފެންވަރުގެ ސުލޫކެއް ދަމަހައްޓާ ބައެއްކަން ކަށަވަރު ކުރުމަކީ ކައުންސިލްގެ މަސްއޫލިއްޔަތެކެވެ.
ބިލުގައިވާ ގޮތުން ކައުންސިލް އެކުލެވިގެން ވަނީ ހަތް މެމްބަރުންގެ މައްޗަށެވެ. އެއީ ކޮލިފިކޭޝަން އޮތޯރިޓީ، ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން، އެޑިއުކޭޝަން މިނިސްްޓްރީގެ ކޮލިޓީ އެޝުއަރެންސް ޑިޕާޓްމެންޓް، ހިއުމަން ރިސޯސް ޑިވިޝަން، ޓީޗަރުން ތަމްރީންކުރާ މުއައްސަސާއެއް، ސިވިލް ސާވިސް ކޮމިޝަން، އުނގަންނައިދިނުމުގެ ފަންނީ މުވައްޒަފުން ތަމްސީލުކުރާ ޖަމިއްޔާގެ މެމްބަރެކެވެ.
މީގެ އިތުރުން ބިލުގައި ބުނެފައިވަނީ މޯލްޑިވްސް އެގްޒެމިނޭޝަން ބޯޑަކާއި ކޮލިފިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް ނަމުގައި އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން އޮތޯރިޓީއެއް ގާއިމުކުރަން ޖެހޭނެ ކަމަށާއި, އެ އޮތޯރިޓީގެ މަސައްކަތްތައް ކުރުމުގައި މަސްއޫލުވާން ޖެހޭ ގޮތަށް ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ގަވަނިން ބޯޑެއް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރަން ވާނެ ކަމަށް ބިލުގައި ބުނެފައިވެ އެވެ.
އުނގެނުމުގެ ހައްގު ކަށަވަރުކޮށް ދިނުމުގައި ދައުލަތާއި މައިންބަފައިންނާއި ކިޔަވައިދޭ ފަރާތްތަކުގެ ޒިންމާ ކަނޑައެޅުމާއި ބިލުގެ މަގްސަދެއް ކަމަށާއި, ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ރާއްޖޭގައި ފެންވަރު ރަނގަޅު ތައުލީމާއި ތަމްރީނާއި ތަރުބިއްޔަތު ދެވޭނެ މާހައުލެއް ގާއިމުކޮށްދީ, ސުލްހަމަސްލަސްކަމާއި ރަހުމަތްތެރިކަން ބާއްވައިގެން އުޅުމުގެ މުހިންމުކަން އުނގަންނައިދީ އެކަންކަމަށް ބާރު އަޅާ ތައުލީމީ ނިޒާމެއް ގާއިމުކުރުމަކީ ބިލު ހުށަހެޅި ސަބަބެއް ކަމަށް ބުނެފައިވެ އެވެ.
ބިލަށް ބަހުސް ކުރައްވަމުން ސަލީމް ވިދާޅުވީ ތައުލީމާ ބެހޭ ބިލުން ރާއްޖޭގައި އުނގަންނައިދިނުމުގައި އުޅޭ މީހުންނާއި އުނގެނުމަށް ބޭނުންވާ މީހުންނަށް މަގު ކޮށައިދޭނެ ކަމަށެވެ. މިއީ ވަކި ބަޔަކަށް އަމާޒުކުރުމުގެ ބަދަލުގައި ދިވެހި ރައްޔިތުންނަށް ލާބަ އާއި މަންފާ ލިބޭނެ ބިލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ