ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު މިހާރު މަސައްކަތް ކުރައްވަމުން ގެންދަވަނީ ޕީޕީއެމްގެ މެންބަރުން އިންތިހާބުކޮށްފައިވާ ޕާޓީގެ ރައީސް އެއްފަރާތް ކުރައްވާ ހުރިހާ ބާރުތަކެއް އަތުލެއްވުމަށް ކަމަށް ވިދާޅުވެ އެމައްސަލާގައި ފިޔަވަޅު އަޅުއްވާ ދެއްވުމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމު ބަންޑާރަނައިބު މުހައްމަދު އަނިލްއަށް ދަންނަވައިފި އެވެ.
ރައީސް މައުމޫން ސޮއިކުރައްވާ ބަންޑާރަނައިބަށް މިއަދު ފޮނުއްވާފައިވާ ސިޓީއެއްގައި ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ބާރުތައް ރައީސް ޔާމީން އަތުލައްވަނީ ޕީޕީއެމްގެ އަސާސީ ގަވައިދާ ހިލާފަށް ކަމަށެވެ. އެގޮތުން ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވައިދުގެ 57 ވަނަ މާއްދާގެ (ނ)ގައި ބުނާ ގޮތުން ޕާޓީގެ މުސްތަޝާރަކީ ޕާޓީ ހިންގުމުގައި އަދި ޕާޓީގެ ސިޔާސަތު ކަނޑައެޅުމުގައި އެއްވެސް އަމަލީ ދައުރެއް އޮންނަ ފަރާތެއް ނޫން ކަމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް އިޝާރާތް ކުރައްވާ ރައީސް މައުމޫންގެ ސިޓީގައި ވިދާޅުވެފައިވަނީ ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ޕާޓީގެ ކައުންސިލްގެ ޖަލްސާއެއް މުސްތަޝާރު ބޭއްވެވި ނަމަވެސް އެޖަލްސާ އިން ޕާޓީގެ އަސާސީ ގަވައިދާ ހިލާފު ނިންމެވުމެއް ނިންމެވުމަށް ސިވިލް ކޯޓުގެ ހުކުމްގައި އެއްވެސް ފަރާތަކަށް ހުއްދަ ދީފައި ނުވާ ކަމަށެެވެ.
މިސިޓީގައި ވިދާޅުވެފައިވަނީ ސިޔާސީ ނިޒާމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ ހައްގަކަށްވާއިރު ޕާޓީތައް ހިންގަމުން ގެންދަނީ ސިޔާސީ ޕާޓީ ތަކުގެ ގާނޫނާއި ސިޔާސީ ޕާޓީ ތަކުގެ އަސާސީ ގަވައިދާ އެއްގޮތަށް ކަން ކަށަވަރުކުރުކޮށް މުޅި ރައްޔިތުންގެ މަސްލަހަތު ހިމާޔާތްކުރުމަކީ ބަންޑާރަނައިބުގެ ހައިސިއްޔަތުން އަނިލް އަދާކުރައްވަންޖެހޭ ވާޖިބެއް ކަމަށެވެ.
"ދިވެހިރާއްޖޭގައި ވެރިކަން ކުރަމުންގެންދާ އަދި ދިވެހި ރައްޔިތުންގެ ތެރެއިން އެންމެ ގިނަ މީހުން ހިމެނޭ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ރައީސް މަގާމުން 'ޑީފެކްޓޯ'ކޮށް އެއްފަރާތް ކުރެއްވުމަށް މަަސައްކަތް ކުރެއްވެމުން ދަނީ އަދި އެޕާޓީ ހިނގަމުން ދަނީ ޕާޓީގެ އަސާސީ ގަވަައިދާ، ދިވެހިރާއްޖޭގެ ސިޔާސީ ޕާޓީ ތަކާއި ބެހޭ ގާނޫނާ ހިލާފަށް ކަމުގައިވާތީވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި ގާނޫނު އަސާސީގެ 133 ވަނަ މާއްދާގެ (ރ)ގެ ދަށުން މަނިކުފާނަށް އަދާކުރެވިދާނެ ދައުރެއް އޮތް ކަމަށް ގަބޫލުކުރެވޭތީވެ، ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ މަސްލަހަތަށްޓަކައި އެމާއްދާގެ ދަށުން މަނިކުފާނު ފިޔަވަޅެއް އަޅުއްވައިދެއްވުމަކީ މިވަގުތަށް ބޭނުންތެރި ކަމެއް ކަމަށް ދެކެމެވެ،" ބަންޑާރަނަައިބަށް ރައީސް މައުމޫން ފޮނުއްވާފައިވާ ސިޓީގައިި ވިދާޅުވެފައިވެ އެވެ.
މީގެ އިތުރުން މިސިޓީގައި ވިދާޅުވެފައިވަނީ ޕީޕީއެމްގެ ކައުންސިލްގެ ދެ މެންބަރު ދައުވާ ކުރެއްވީ ޕީޕީއެމްގެ މައްޗަށް ކަމަށްވީނަމަވެސް އެމައްސަލާގައި ސިވިލް ކޯޓުން އަމުރުކޮށްފައިވަނީ މައްސަލާގައި ހަސްމަކަށް ނުހިމެނޭ ފަރާތެއްގެ މައްޗަށް ކަމަށެވެ. މީގެ ކުރިން ދުވަހު ނޫސް ހަވީރުގެ މައްސަލާގައި ނުހިމެނޭ ފަރާތެއްގެ މައްޗަށް ސިވިލް ކޯޓުން ހުކުމެއް ކުރުމުން ބަންޑާރަނައިބުގެ އޮފީހުން އެމައްސަލަ ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާ ކަން މިސިޓީގައި ވަނީ ފާހަގަކުރައްވާފަ އެވެ.
ރައީސް ޔާމީނާ ދެކޮޅަށް ފިޔަވަޅު އަޅުއްވައިދެއްވުމަށް ރައީސް މައުމޫން ބަންޑާރަނައިބަށް ދަންނަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ