މަޖިލީހުގެ މެޖޯރިޓީ ލިބުމުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށް – ގާސިމް

މަޖިލީހުގެ މެޖޯރިޓީ ލިބުމުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒްގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ގާސިމް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ލިބުމުން މަސައްކަތް ކުރަން ޖެހޭނީ ރައްޔިތުންގެ ފައިދާއަށް ކަމަށާއި އެއްވެސް މީހަކަށް ނުވަތަ ބަޔަކަށް ދެރައެއް ދޭން މަސައްކަތް ކޮށްގެން ނުވާނެ ކަމަށެވެ.މަޖިލީހުގެ ތެރެއިން ކަމެއް ގޯސްކޮށް ކުރާނަމަ އެކަމަށް ޖުމްހޫރީ ޕާޓީން ބަލައިނުގަންނާނެ ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ އެ ޕާޓީ އަށް ދޫކުރި 28 ދާއިރާގެ ތެރެއިން 25 ގޮނޑި ލިބޭނެ ކަމަށް އުއްމީދުކުރި ކަމަށާއި ނަމަވެސް އެ އަދަދަށް ގޮނޑި ނުލިބުނީ އަމިއްލަ ގޮތުން ޕީޕީއެމްގެ މެމްބަރުންނާއި ޖޭޕީ މެމްބަރުން ވެސް ވާދަކުރުމުން ކަމަށެވެ.
އަމިއްލަ ގޮތުން އިންތިހާބު ކާމިޔާބުކުރެއްވި ބޭފުޅުންނަކީ ވެސް ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމާ ގުޅުން ހުރި ބޭފުޅުން ކަމަށާއި އެހެންކަމުން އެ ބޭފުޅުން ސަރުކާރު ކޯލިޝަނާ ގުޅިވަޑައިގަންނަވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ކޯލިޝަންގެ ހަތަރުބައިކުޅަ ތިން ބައިގެ އަޣުލަބިއްޔަތު އޮންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންފާނަންތޯ ނޫސްވެރިއަކު ސުވާލުކުރުމުން ގާސިމް ވިދާޅުވީ މަޖިލީހުގެ ރައީސް ކަމަށް މިވަގުތު ޝައުގުވެރިކަން ނެތްކަމަށާއި އެކަމާއިމެދު ގޮތެއް ނިންމާނީ ވަގުތު ޖެހުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ