ކިތަންމެ ވަރަކަށް ޖެއްސުންކޮށް ފިއްތުއްތައް ކުރިމަތި ކުރެއްވި ނަމަވެސް ގާނޫނު އަސާސީގެ ހިމާޔަތަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާނެ ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ގާސިމް އިބްރާހިމް މިހެން ވިދާޅުވީ ކޯޓް އަމުރެއްގެ ދަށުން އެމަނިކުފާނުގެ ގެކޮޅު، މ. މާފަންނުވިލާ ޗެކް ކުރުމަށް ފުލުހުން އަމުރެއް ހޯދާފައިވާ ކަމަށް މީޑިއާއިން ރިޕޯޓް ކުރުމާއި ގުޅިގެން މިއަދު އެގޭ ދޮށަށް އެއްވި ގާސިމްގެ ސަޕޯޓަރުންނާ ބައްދަލުކުރެއްވުމަށް ބޭރަށް ނިކުމެވަޑައިގެންނެވި ވަގުތު ނޫސްވެރިން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނު އަސާސީއަށް ބަޔަކު ހިތުހުރި ގޮތެއް ހަދާއިރު ހަނުހުންނަވައިގެން ނުހުންނެވޭނެ ކަަމަށެވެ. އެހެންކަމުން ބަޔަކު ކިތަންމެ ވަރަށް ފިއްތުއްތައް ކުރިމަތިކޮށް ބިރުދައްކާ ހެދި ނަމަވެސް ގާނޫނު އަސާސީގެ ހިމާޔަތުގައި ވާންޖެހުނު ކޮންމެ ގުރުބާނީއެއްވެސް ވާނެ ކަމުގައި ވިދާޅުވި އެވެ. ގާނޫނު އަސާސީގެ ހިމާޔަތުގައި މަސައްކަތް ކުރައްވަނީ ދިވެހި ގައުމުގެ މިނިވަންކަމާއި ރައްޔިތުންގެ ހައްގުގައި ކަަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިކަން މިކުރަނީ އަޅުގަނޑުގެ ދަރިންނާ އަންނަން އޮތް ޖީލު ތަކުގެ ވެސް ހައްގުގައި. ބަޔަކު ފިއްތުއްތައް ކުރިމަތި ކުރި ނަމަވެސް އަޅުގަނޑު މިކަމުގައި ދެމިހުންނާނަން،" ގާސިމް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ވެރިކަމަށް ވަޑައިގެން އާއިލީ ވެރިކަމެއް ކުރެއްވުމަށްޓަކައި ގާނޫނު އަސާސީއަށް ބޭނުންހާ ގޮތެއް ހެދުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ނުދެއްވާނެ ކަަމަށެވެ. އަދި ވިދާޅުވީ ގާނޫނު އަސާސީއަކީ ވެރިކަމުގައި ތިއްބެވި ފަރާތްތަކުން މޮޑެން ބޭނުންވާ ގޮތަކަށް މޮޑެއް އޮތް ފުއްގަނޑެއް ނޫން ކަަމަށާއި އެގޮތަށް ކަންކުރަން ފުރުސަތު ނުދެއްވާނެ ކަމަށެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ ގާނޫނު އަސާސީގެ ހިމާޔަތުގައި މަސައްކަތް ކުރާ ކޮންމެ މީހަކާ އެކުވެސް މަަސައްކަތް ކުރައްވާނެ ކަމަށާއި އަދި އެމަސައްކަތުގައި އަރަންޖެހުނު ކޮންމެ އޮނޑިއަކަށް ވެސް އަރުއްވާނެ ކަމަށެވެ.
ގާސިމް އިބްރާހިމް އިތުރަށް ވިދާޅުވީ "ކިތަންމެ ޖާނުން ވަރުގަދަ ބިޔަ މީހަކު ބުނެގެން މާފަންނު ވިލާ ފާސްކުރަން ބުނިނަމަވެސް ބިރުން ނުސިހޭނެ" ކަމަށެވެ. އަދި މާފަންނު ވިލާ ޗެކްކުރުމަށް ދައުލަތުގެ މުއައްސަސާއަކުން އެދިއްޖެނަމަ އެކަމަށް ދުވަަހަކުވެސް ހުރަސް ނާޅުއްވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
"އަޅުގަނޑު މިތަނަށް އައިސްވެސް މިހުރީ އެކަމަށް ފަސޭހަކޮށްދޭން. ބަލަންވީ ނޫންތޯ؟ ބާރަށް ބާރަށް ކުރިއަށް ބާރަށް އައިސް ބަލަންވީ ނޫންތޯ،" ގާނޫނު އަސާސީ އިސްލާހު ކުރި ހާއްސަ މަޖިލީހުގެ ރައީސް ކަންވެސް ކުރެއްވި ގާސިމް ވިދާޅުވި އެވެ.
ގާނޫނު އަސާސީ ހިމާޔަތް ކުރުމަށްޓަކައި ކޮންމެ ގުރުބާނީއެއްވެސް ވާނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ