ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ހައްޔަރު ކުރަން އުޅޭކަން އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަ ޖެނެރަލް މޫސާ އަލީ ޖަލީލަށް އެނގިވަޑައިގަންނަވާ ކަމަށާއި އަދި އެކަމާއި މޫސާ އަލީ ޖަލީލް ދެކޮޅު ހެއްދެވިކަން އެއްވެސް ވަރަކަށް އެނގިވަޑައިނުގަންނަވާ ކަމަށް އޭރު މޫސާ އަލީ ޖަލީލްގެ ޑެޕިއުޓީއެއްގެ ގޮތުގައި ހުންނެވި ފަރުހަތު ޝަހީރު ކްރިމިނަލް ކޯޓުގައި މިރޭ ހެކިބަސް ދެއްވައިފި އެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި މައްސަލާގައި ޓެރަރިޒަމްގެ ދައުވާ އުފުލާފައިވާ މިހާރުގެ ޑިފެންސް މިނިސްޓަރު ޖަލީލާ ދެކޮޅަށް ދައުލަތުގެ ފަރާތުން ހެއްކެއްގެ ގޮތުގައި ހުށަހެޅި އެމްއެންޑީއެފްގެ ކުރީގެ ޑެޕިއުޓީ ޗީފް އޮފް ޑިފެންސް ފޯސް އަދި އައިޖީއެމްއެެޗްގެ މިހާރުގެ ސީއީއޯގެ މަގާމުގައި ހުންނެވި ފަރުހަތު މިރޭ ވިދާޅުވީ، 16 ޖެނުއަރީ 2012 ވަނަ ދުވަހު ސިފައިންގެ ލަފާ ދޭ މަޖިލިސް ޑިފެންސް މިނިސްޓަރު އެއް ކުރެއްވި ކަމަށެވެ. އަދި އެދުވަހުގެ އެ ބައްދަލުވުމުގައި ގައުމީ ސަލާމަތަށް ނުރައްކާވާތީ އޮޕަރޭޝަނެއް ކުރިއަށް ގެންދަންޖެހޭ ކަމަށާއި، އެ އޮޕަރޭޝަންގައި ބައެއް އާއްމުން ހައްޔަރު ކުރަން ޖެހިދާނެ ކަމަށް އޭރުގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހީމް ކަލޭފާނު ވިދާޅުވި ކަމަށްވެސް މިރޭ ކޯޓްގައި ހެކިބަސް ދެއްވަމުން ފަރުހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެދުވަހުގެ ބައްދަލުވުމުގައި ތޮލްހަތުގެ އެވާހަކަތަކާއި ގުޅިގެން ގިނަ އޮފިސަރުން ދެކޮޅު ހެއްދެވި ކަމަށާއި ނަމަވެސް ޖަލީލު ދެކޮޅު ހެއްދެވިކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެދުވަހުގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ޖަލީލް ކަމަށް ވެސް ކޯޓުގައި ހެކިބަސް ދެމުން ފަރުހަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރުމާ ގުޅޭގޮތުން ޖަލީލް ރިޔާސަތު ބެލެހެއްޓި ބައްދަލުވުމުގެ ކުރިން، ބޭއްވި އެހެން ބައްދަލުވުމެއްގައިވެސް ބައިވެރިވި ކަމަށާއި އެދުވަހުގެ ބައްދަލުވުމުގައި ރިޔާސަތު ބެލެހެއްޓެވީ ތޮލްހަތު ކަމަށެވެ. އެދުވަހުގެ ބައްދަލުވުމުގައި ވެސް ޖަލީލް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
ފަރުހަތު ވިދާޅުވީ ތޮލްހަތު ރިޔާސަތު ބެލެހެއްޓި ބައްދަލުވުމުގައި ސެކިއުރިޓީ އޮޕަރޭޝަނެއް ހިންގަން ޖެހޭ ކަމަށް މަޝްވަރާކުރި ކަމަށެވެ. އަދި އޮޕަރޭޝަންގައި މަދަނީން ހައްޔަރުކުރަން ޖެހިދާނެ ކަމަށް ތޮލްހަތު އެދުވަހު ވިދާޅުވި ކަމަށް ވެސް ފަރުހަތު ވިދާޅުވި އެވެ.
އޭގެއިތުރުން ހަމަ އެދުވަހު ސިފައިން ހިންގާ އޮޕަރޭޝަންގެ އެލާޓް ލެވެލް ބަދަލު ކުރުމަށް އެ އޮޕަރޭޝަންގެ ކޮމާންޑަރު ބްރިގޭޑިއަ ޖެނެރަލް އިބްރާޙީމް ދީދީއާއެކު ލަފާދޭ މަޖިލީހާއި ބައްދަލު ކުރެއްވި ކަމަށާއި، އެ ބައްދަލުވުމަކީ އަބުދުﷲ ގާޒީ ހައްޔަރު ކުރުމާއި ބެހޭ ގޮތުން ލަފާ ހޯދަން ބޭއްވި ބައްދަލުވުމެއް ނޫން ކަމަށް ޖަލީލު ސާފުކޮށް ވިދާޅުވި ކަމަށް ފަރުހަތު ވިދާޅުވި އެވެ. އަދި ވިދާޅުވީ އެ ބައްދަލުވުމަކީ އޮޕަރޭޝަންގެ ކޮމާންޑަރު އިބްރާހީމް ދީދީ ބޭނުން ވެގެން ސިފައިންގެ އެލާޓް ލެވެލް ބަދަލުކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. އަބްދުﷲ ގާޒީ ހައްޔަރުކުރުމާ ބެހޭ ގޮތުން އެ ބައްދަލުވުމުގައި މަޝްވަރާއެއް ކުރިތޯ ދައުލަތުގެ ވަކީލު ވިޝާމް ވަޖީހް ސުވާލު ކުރެއްވުމުން ފަރުހަތު ވިދާޅުވީ އެފަދަ ވާހަކައެއް ދެއްކެވިކަން އެހާ ބޮޑަށް ހަނދާނުގައި ނެތް ކަމަށެވެ.
ފަރުހަތުގެ އިތުރުން ކުރީގެ ބްރިގޭއަ ޖެނެރަލް އަހުމަދު ނިލާމްއާއި، ފުލުހުންގެ ދެ އޮފިސަރަކާއި އަބުދުﷲ ގާޒީގެ އަންހެނުންނާއި އަންހެނުންގެ ދައްތަ ވެސް މިރޭ ހެކި ބަސް ދިނެވެ.
ހެކި ބަސް ދެއްވަމުން މިރޭ ނިލާމް ވިދާޅުވީ އެ އޮޕަރޭޝަންގައި އޭނާ ބައިވެރިނުވާ ކަމަށާއި، އެ އޮޕަރޭޝަނާއި ބެހޭ މައުލޫމާތު ޖަލީލަށް ވެސް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އަބުދުﷲ ގާޒީ ހައްޔަރުކުރުމުގެ ކުރިން ފުލުހުންގެ އިސްވެރިންނާއެކު ސްޕްރީމް ކޯޓުގައި ބޭއްވި ބައްދަލުވުމެއްގައި ގައުމީ ސަލާމަތަށް ނުރައްކާވަމުންދާ ކަމަށާއި، އެކަމާއި ގުޅިގެން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރައްވާނެ ކަމަށް ޖަލީލު ވިދާޅުވި ކަމަށް ނިލާމް ވިދާޅުވި އެވެ.
އައިންތު އާއި ސޯބިރާ ހެކިބަސް ދެމުން ބުނީ އަބްދުﷲ ގާޒީ ގޭގައި ހުންނަވަނިކޮށް ގާޒީ ގެންދިޔައީ ގަދަކަމުން ކަމަށެވެ. ނަމަވެސް އަބްދުﷲ ގާޒީ ހުންނެވީ ގިރިފުށީގައި ކަން އެ އާއިލާ އަށް އެނގުނު ވަގުތާ ބެހޭ ގޮތުން ހެކިބަސް ތަފާތުވި އެވެ. ސިފައިންގެ އެ އޮޕަރޭޝަންގައި ޖަލީލް ބައިވެރިވި ކަމެއް އަދި އެކަން ކުރަން އަމުރުކުރި ކަމެއް އެމީހުންނަށް ނޭނގޭ ކަމަށް އައިންތު ވެސް އަދި ސޯބިރާ ވެސް ބުންޏެވެ.
އަބްދުﷲ ގާޒީ ހައްޔަރު ކުރި ކަމުގެ ކުށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިދިޔަ ހުކުރު ދުވަހުގެ ރޭ ކަނޑައަޅައި، އެ މަނިކުފާނުގެ މައްޗަށް ވަނީ 13 އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދި ނަޝީދު މިހާރު ދަނީ ޖަލު ހުކުމް ތަންފީޒުކުރަމުންނެވެ.
އަބްދުﷲ ގާޒީ ހައްޔަރުކުރަން އުޅޭކަން ޖަލީލަށް އެނގިވަޑައިގަންނަވާނެ: ފަރުހަތު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ