ގާސިމް ގާތިލު އަދުހަމްއަށް ހުކުމް ކުރުން މި މަހު 18ގައި

ހުޅުމާލޭގައި ވަޅިއަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި ކަމަށް އިއުތިރާފުވެފައިވާ އަދުހަމް މުހައްމަދުގެ މައްޗަށް ހުކުމް ކުރުން މި މަހުގެ 18 ވަނަ ދުވަހަށް ތާވަލުކޮށްފި އެވެ. ގާސިމް މަރާލި މައްސަލައިގައި އަދުހަމްގެ މައްޗަށް ކުރަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ އެވެ. އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި އަދުހަމް ވަނީ ދައުވާއަށް އިއުތިރާފުވެފަ އެވެ. އަދުހަމްގެ ކިބައިން ގިސާސް ހިފަން ގާސިމްގެ ވާރިސުން ބޭނުން ނަމަ އޭނާއަށް އަންނާނީ މަރުގެ ހުކުމެކެވެ. އެކަމަކު، ގިސާސް ހިފަން ބޭނުން ނޫން ނަމަ، ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަދުހަމްއާ ދެމެދު ހެދިފައިވާ އިއުތިރާފު އެއްބަސްވުމެއްގެ ދަށުން އޭނާއަށް އަންނާނީ 17 އަހަރާއި ހަ މަސް ދުވަހުގެ ޖަލު ހުކުމެކެވެ. ޕްރޮސެކިއުޓާ ޖެނެރަލްގެ ވަކީލު ދައުވާ އިއްވުމަށް ފަހު ދައުވާއާ މެދު ވާހަކަ ދައްކަމުން އަދުހަމް ބުނެފައި ވަނީ ދައުވާގައި ދައްކާފައި ވަނީ އޭނާ ކުރި ކަންތައްތަކުގެ ވާހަކަ ކަމަށެވެ. ގާޒީ އިސްމާއިލް ރަޝީދުވެސް ޔަގީން ކުރައްވަން ދެވަނަ ފަހަރަށް ދައުވާ އިއްވުމުންވެސް އަދުހަމް ބުނީ ދައުވާގައި އިންކާރު ކުރާ ކަމެއް ނެތް ކަމަށެވެ. ތޫނު އެއްޗަކުން ހަމަލަދީ ޓެކްސީ ޑްރައިވަރު ގާސިމް މަރާލާފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު ހަތަރު ވަނަ ދުވަހު އެވެ. ގާސިމް މަރާލީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ގާސިމް ހަޅޭއްލަވަން ފެށުމުން، އޭނާ ހަޅޭއްލެވުން ނުހުއްޓުވިގެން ކަމަށް އަދުހަމް ފުލުހުންގެ ތަހުގީގުގައި އާއި ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހުގައިވެސް ބުނެފައިވެެއެވެ. އިތުރު ތަފްސީލު އަންނަނީ ....
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ