ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް: ޝާހިދު

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ލޯކަލް ކައުންސިލް އިންތިހާބަށް ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީގެ ކެމްޕޭން ފެށުމާ ގުޅިގެން ޝާހިދު ވިދާޅުވީ، ލާމަރުކަޒީ ނިޒާމު ރާއްޖެއަށް ގެނެސްދިނީވެސް އަދި ނިޒާމް ހިންގަން ބޭނުންވަނީ ވެސް އެމްޑީޕީން ކަމަށެވެ. އަދި އެ ނިޒާމު ހިންގަން އެނގޭނީ އެމްޑީޕީއަށް ކަމަށާއި އެހެންކަމުން ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ޕާޓީއަކަށް ވޯޓު ދޭން ޖެހޭ ސަބަބެއް ނެތް ކަމަށް ޝާހިދު ވިދާޅުވިއެވެ.
ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީ ބަނޑުއަޅައި ވިހޭ ދަރިއެއް ކަމަށާއި އެ ދަރިއަށް އެމްޑީޕީއަކުން ދެރައެއް ނުދޭނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި އެދަރި ދޫކޮށެއް ނުލާނެ ކަމަށް ޝާހިދު ވިދާޅުވާ ވިދާޅުވުން މިރޭވެސް ވަނީ ތަކުރާރުކުރައްވައިފައެވެ.
މީގެ އިތުރުން، ހިންގުމުގެ ދާއިރާގައި އަންހެނުން ތިބެން ޖެހޭނެކަމަށް ވަކާލާތުކުރާ ޕާޓީއަކީ އެމްޑީޕީ ކަމަށާއި ވެރިކަން ހިންގުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަށްޓަކައި ލާމަރުކާޒީ ޤާނޫނަށް ގެނައި ބަދަލަށް އެމްޑީޕީ ނޫން އެހެން ޕާޓީއަކުން ތާޢީދުނުކުރާ ކަމަށް މިނިސްޓަރު ޝާހިދު ވިދާޅުވިއެވެ.
"އެހެން ޕާޓީތަކުން އެކަމަށް ދެކޮޅު ހެދި. އެހެންކަމުން އަންހެނުންނަށް ހާއްސަކޮށްފައިވާ ގޮނޑިތަކަށް އެމްޑީޕީ ނޫން އެހެން ކެންޑިޑޭޓުން ހޮވޭތަނެއް ނުފެނޭ، އަދި ހޮވަން ޖެހޭ ސަބަބެއްވެސް ނެތް"، ޝާހިދު ވިދާޅުވިއެވެ.
ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕޭން ފޯރިގަދަކޮށް މިރޭ ފަށާފައިވާ އިރު، އެމްޑީޕީން ވަނީ މި އިންތިހާބުގައިވެސް ބޮޑު ކާމިޔާބީއެއް ހޯދާނެ ކަމަށް ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ