މިއަދު ރާއްޖެއިން އުމްރާއަށް ދާ މީހުނަށް ފުރޭ ގޮތް ވެއްޖެ

އުމްރާގެ އަޅުކަމަށް މިއަދު ސައުދީ އަރަބިއްޔާއަށް ދާން ފުރާ މީހުނަށް ހުރަހެއް ނެތް ކަމަށް ބުނެފި އެވެ.
ކޮރޯނާ ވައިރަސް ފެތެރެމުންދާތީ ސައުދި އަރަބިއްޔާއިން ވަނީ އެ ގައުމަށް މީހުން އެތެރެވުން މަނާކޮށްފަ އެވެ. އެހެންވެ، އުމްރާއަށް ދިޔުމުގެ ފުރުސަތު ވަނީ ބަންދުވެފަ އެވެ.
ނަމަވެސް މިއަދު އުމްރާއަށް ފުރަން ދިވެހިންތަކެއް ތިބީ ތައްޔާރުވެ އެވެ. އޭގެ ތެރޭގައި ނަވާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ ފަރާތުން އުމްރާއަށް ދާ 49 މީހުން ހިމެނެ އެވެ.
އެ ޖަމިއްޔާގެ ހަވާލުގައި މިއަދު ފުރާ މީހުންނަށް މިހާރު ވަނީ ފުރޭނެ ގޮތްވެފަ އެވެ. އެ އެންމެންނަށް ވިސާ ލިބިފައިވާއިރު ފުރުމަށް ހުރަހެއް ނެތް ކަމަށް ސައުދީ އެއާލައިނުން ވެސް ވަނީ އަންގާފަ އެވެ. އެ ގުރޫޕްގެ ފަރާތުން އެޑްވާންސް ޓީމެއް ވެސް ވަނީ ސައުދީއަށް މިހާރު ގޮހެވެ.
ސައުދީގެ ފޮރިން މިނިސްޓްރީއިން މިއަދު ބަޔާނެއް ނެރެ އެ ގައުމަށް ވަނުން މަނާކޮށްފައިވާކަން އިއުލާން ކޮށްފައިވީ ނަމަވެސް އުމްރާއަށް ނުދެވޭނެ ކަމަކަށް އަދި ރަސްމީކޮށް އަންގާފައިނުވާ ކަމަށް އިސްލާމިކް މިނިސްޓްރީއިން ބުނެ އެވެ.
ސައުދީއިން މިއަދު ބުނީ އެ ފިޔަވަޅު އެޅީ ސައުދީ ރައްޔިތުންނާއި ހަރަމްފުޅަށް ޒިޔާރަތް ކުރާ މީހުންގެ ރައްކަލަކަށް ކަމަށެވެ.
ކޮވިޑް-19 މިހާތަނަށް 80،000 އަށް ވުރެ ގިނަ މީހުންނަށް ޖެހިފައިވެ އެވެ. އަދި މީގެ ތެރެއިން 2،770 މީހަކު ވަނީ މަރުވެފަ އެވެ. ޗައިނާއިން ފެތުރެންފެށި މި ބަލި މިހާތަނަށް 46 ގައުމެއްގައި ފެތުރިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ