ކޮރެއާ މީޑިއާ އަކުން ސޮންއާ ދިމާކޮށްލި މައްސަލަ ހޫނުވެއްޖެ!

އެޓަލަންޓާ، ޔުނައިޓެޑް ސްޓޭޓްސް (ޖޫން 17) - މި ފަހަރުގެ ވޯލްޑް ކަޕްގައި ދެކުނު ކޮރެއާ އިން ފުރަތަމަ މެޗު ކުޅުމުގެ ކުރިން، އެ ގައުމުގެ ކެޕްޓަން، ސޮން ހެއުން މިން އަށް މަލާމަތް ރައްދުވާ ގޮތަށް މީޑިއާ އަކުން ގެނެސްދިން ކޮންޓެންޓެއްގެ މައްސަލަ ހޫނުވެ، ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން ބަޔާނެއް ނެރެފި އެވެ. 
ޗެކް ރިޕަބްލިކް އަތުން ކޮރެއާ 2-1 އިން މޮޅުވި މެޗުގެ ހަތަރު ދުވަސް ކުރިން، ކޮރެއާގެ ޖޭޓީބީސީ މީޑިއާ އިން ދެ ނޫސްވެރިއަކު ދެއްކި ވާހަކައެއްގެ ވީޑިއޯ ނެގިއިރު، އެ ވަގުތު އެ ނޫސްވެރިން ވަނީ ސޮން އަށް މަލާމަތް ރައްދުވާ ގޮތަށް ވާހަކަ ދައްކައިފަ އެވެ. އެ މީހުން ދައްކާފައިވާ ވާހަކަ އަކީ، ކޮރެއާގައި ގަވާއިދު އޮންނަ ގޮތުން ވަކި އުމުރެއްގެ މީހުން 18-21 މަހުގެ މިލިޓަރީ ކޯހެއް ފުރިހަމަ ކުރަން ޖެހެ އެވެ. އެކަމަކު، އެ ގައުމަށް ހާއްސަ ކާމިޔާބީ ހޯދައިދޭ ފަރާތްތައް މި ކަމުން އިސްތިސްނާ ވާ ގޮތަށް އޮތްއިރު، އުމުރުން 33 އަހަރުގެ ސޮން އަށް ލުޔެއް ދީފައިވަނީ، 2018 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގެ ފުޓްބޯޅަ އިވެންޓުން، ދެކުނު ކޮރެއާ އަށް ރަން މެޑަލް ހޯދައިދިނުމުންނެވެ. 
އެކަމަކު، ފަހުން ސޮން ވަނީ، ކޮވިޑް-19 ގެ ދުވަސްތަކުގެ ތެރޭގައި، މިލިޓަރީ ކޯހެއް ފުރިހަމަކޮށްފަ އެވެ. ބްރޯޑްކާސްޓް ކުރި ވީޑިއޯގައި ޖޯކުޖަހާފައިވަނީ ސޮންގެ މިލިޓަރީ ކޯހާ ބެހޭގޮތުންނެވެ. މި މައްސަލަ ހޫނުވީ މީޑިއާތަކުން އިތުރަށް މިކަން ރިޕޯޓްކުރުމުންނެވެ.
އެ މައްސަލައާ ހެދި، ފުރަތަމަ މެޗަށް ފަހު، ސޮން ވަނީ މީޑިއާއާ ވާހަކަ ދައްކަން ދެކޮޅު ހަދައިފަ އެވެ. އަދި، ޗެކް ރިޕަބްލިކްގެ ޓީމު ވެސް މި ވަގުތު އޮތީ "މީޑިއާ ބްލެކްއައުޓެއް" ގައި ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ވާހަކަތަކަށް އަލި އަޅުވާލައި، ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ބަޔާނެއް ނެރެފަ އެވެ. 
އެ ބަޔާނުގައި ބުނެފައިވަނީ، މީޑިއާ އިން މުބާރާތްތަކުގައި ރިޕޯޓްކުރަމުން އަންނަ ގޮތްތަކަށް އަބަދުވެސް އިހުތިރާމް އޮންނާނެ ކަމަށާއި އެހެން ނަމަވެސް، މުބާރާތަށް ގޮސް ކަންކަން ރިޕޯޓްކުރުމުގައި މީހުންގެ އިހުތިރާމާއި އިއްޒަތް ގެއްލޭ ގޮތަށް އަމަލުކުރުމަކީ އެއްވެސް މިންވަރަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި، މީޑިއާ އަކީ ކުޅުންތެރިންނަށް އަންނަ ނުރަނގަޅު ޕްރެޝަރު ހިމާޔަތް ކުރުުމުގެ ޒިންމާއެް ވެސް އޮންނާނެ ފަރާތެއް ކަަމަށާއި ދެކުނު ކޮރެއާގެ ފުޓްބޯޅަ އެސޯސިއޭޝަނުން އެދެނީ މި ކަންކަމަށް ސަމާލުވެގެން ކަންކަން ރިޕޯޓްކުރުމަށް ކަމަށެވެ. 
އަދި، މި ހިނގައިދިޔަ ކަންތައްތަކާ ގުޅޭގޮތުން، އެކަން ކުރި މީޑިއާއާ މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެ ފަަދަ ކަމެއް ތަކުރާރު ނުކުރާނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. ކޮރެއާ އެސޯސިއޭޝަނުންވަނީ ކާމިޔާބު ހޯދަން އެއްބައިވަންތަ ކަމުގެ ރޫޙު އިސްކުރަން ގޮވާލައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ