ސެޕްޓެމްބަރު ހަތެއްގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުމުގެ ގުރުއަތު މާދަމާ ބާއްވާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުގެ ނައިބު ރައީސް އަހުމަދު ފަޔާޒު ވިދާޅުވީ ނަން ތަރުތީބުކުރުމުގެ ރަސްމިއްޔާތަށް ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު ދީފައިވާ ކަމަށެވެ. ނަން ތަރުތީބުކުރުމަށް ފަހު، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓް ނަމްބަރާ އެކު ނަންތައް ރަސްމީކޮށް އިއުލާންކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ނަން ތަރުތީބުކުރުމުގެ ކަރުދާސްކޮޅު އޮންނާނީ އެކަކުން ހަތަރަކަށް، އެ ކެންޑިޑޭޓަކަށް ލިބޭ ނަމްބަރަކާ އެކު ރަސްމީކޮށް މާދަމާ އިއުލާންކުރާނެ،" ފަޔާޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ނަން ތަރުތީބުކުރުން މާދަމާ ބާއްވަން ނިންމީ، އިންތިހާބަށް ކުރިމަތިލައްވާފައިވާ އެއްވެސް ކެންޑިޑޭޓަކާ ގުޅޭ މައްސަލައެއް ނުވަތަ ޝަކުވާއެއް އެ ކޮމިޝަނަށް ލިބިފައި ނުވާތީ އެވެ.
އިންތިހާބުގައި މި އަހަރު ވާދަކުރައްވަނީ، އަމިއްލަ ގޮތުން ރައީސް މުހައްމަދު ވަހީދާއި އެމްޑީޕީގެ ފަރާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޕީޕީއެމުން އަބްދުﷲ ޔާމީންގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.
ފަޔާޒު ވިދާޅުވި ގޮތުގައި ނަން ތަރުތީބުކުރުމަށް ފަހު ގާނޫނުގައިވާ ގޮތުން ކެމްޕޭންކުރުމަށް ކެންޑިޑޭޓުންނަށް އެކަށީގެންވާ މުއްދަތު ދޭން ޖެހެ އެވެ. މާދަމާ ނަން ތަރުތީބުކުރުމުން އެއް މަސް ދުވަހަށް ވުރެ ގިނަ ދުވަސް ކެންޑިޑޭޓުން ކެމްޕޭންކުރަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާސީ ކެންޑިޑޭޓުންގެ ނަން ތަރުތީބުކުރުން މާދަމާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ