ޖުމްހޫރީ ޕާޓީގެ ދެވަނަ ކޮންގްރެސްގައި ހޮވާ މަގާމްތަކުގެ ތެރެއިން އެ ޕާޓީގެ ލީޑަރުގެ މަގާމަށް ޕާޓީގެ މިހާރުގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އެކަނި ކުރިމަތިލެއްވިއިރު، ނައިބު ލީޑަރުގެ މަގާމަށް ނުވަ ބޭފުޅަކު ހުށަހަޅުއްވައިފި އެވެ.
މި މަހުގެ 16-17 އަށް ބާއްވާ ކޮންގްރެސްގައި އިންތިހާބުކުރާ ހަތަރު ނައިބު ލީޑަރުންގެ މަގާމަށް ޖުމްހޫރީ ޕާޓީގެ މިހާރުގެ ރައީސް ޑރ. އިބްރާހިމް ދީދީ އާއި ނައިބު ލީޑަރު އަމީން އިބްރާހީމާއި ކައުންސިލް މެމްބަރު ފުއާދު ގާސިމާއި ތަރުޖަމާން މޫސާ ރަމީޒާއި ޑރ. ހުސައިން ރަޝީދު ހަސަނާއި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެމްބަރު އިލްހާމް އަހުމަދާއި މޫސާ އަންވަރާއި އަބްދުﷲ އަމާންގެ އިތުރުން އަލީ ހަމީދު ވަނީ ކުރިމަތިލައްވައިފަ އެވެ.
ޖުމްހޫރީ ޕާޓީ އޮފީހުގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސެއްގައި، ކޮންގްރެސް ކޮމިޓީގެ ނައިބު މުގައްރިރު މުހައްމަދު ހަލީމް ވިދާޅުވީ ކޮންގްރެސް އަށް ފަހު އެ ޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަގާމެއް ނޯންނާނެ ކަމަށެވެ. އެ ޕާޓީގެ ކައުންސިލުން އެ ދެ މަގާމް އުފައްދާފައި ވަނީ ވަގުތީ ގޮތުން ކޮންގްރެސްއާ ހަމައަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"މުސްތަގުބަލުގައި، މި ޕާޓީގެ ކޮންގްރެސް އަށް ފަހު ރައީސާއި ނައިބު ރައީސްގެ މަގާމް އޮންނާނެ ކަމަކަށް ނުބެލެވޭ،" ހަލީމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ކޮންގްރެސްގައި އެ ޕާޓީގެ ފަރާތުން ބައިވެރިވާނެ މަންދޫބުންގެ އަދަދެއް އަދި ހަމަނުޖެހެ އެވެ. އެކަން ނިންމާނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ އެ ޕާޓީގެ ފޯމުގެ އަދަދަށް ބަލައިގެން ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
ޖޭޕީގެ ލީޑަރުގެ މަގާމަށް ގާސިމް، ނައިބު ލީޑަރުގެ މަގާމަށް ނުވަ ބޭފުޅެއް ކުރިމަތިލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ