އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރާ މައްސަލަ ހުށަހަޅަން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ހުއްދަ ދީފި

ރައްޔިތުންގެ މަޖިލީހުގައި ނަގާ އިތުބާރު ނެތްކަމުގެ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ފާސްކުރުމަކީ ގާނޫނާ ހިލާފް ނިންމުމެއް ކަމަށް ކަނޑައަޅައިދިނުން އެދި ހުށަހެޅި މައްސަލައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން މިއަދު ހުއްދަ ދީފި އެވެ.
ރައީސުލް ޖުމްހޫރިއްޔާއާ ދައުލަތުގެ ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ފަނޑިޔާރުންގެ އިތުބާރު ނެތް ކަމަށް ނަގާ ވޯޓުތައް ސިއްރުކުރަން މަޖިލީހުން ފާސްކުރި ކުރުން ގާނޫނާ ހިލާފް ކަމަށް ކަނޑައަޅައިދިނުން އެދި ހުށަހެޅީ ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ގާނޫނީ ވަކީލް މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) އެވެ.
ވައްޑެ ވިދާޅުވީ މައްސަލަ ހުށަހަޅަން ހުއްދަ ދިނީ މިއަދު ކަމަށެވެ.
ސުޕްރީމް ކޯޓުގެ ގަވާއިދު ބުނާގޮތުން އެ ކޯޓަށް މައްސަލައެއް ހުށަހެޅޭނީ އެކަމަށް އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ހުއްދަ ދިނުމުންނެވެ. އެގޮތަށް ހުއްދަ ދިނުމުން ވަކި މުއްދަތެއްގެ ތެރޭގައި އަސްލު މައްސަލަ ކޯޓަށް ހުށަހަޅަންޖެހެ އެވެ.
މި މައްސަލަ ހުށަހެޅިއިރު ސިވިލް ސާވިސް ކޮމިޝަންގެ ރައީސް މުހައްމަދު ފަހުމީ ހަސަންގެ އިތުބާރު ނެތް ކަމަށް މަޖިލީހުން ފާސްކުރި މައްސަލަ ވެސް ވައްޑެ ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅައިފަ އެވެ. އެ މައްސަލައަށް ވެސް ފަނޑިޔާރުންގެ މަޖިލީހުން ވަނީ މިއަދު ހުއްދަ ދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ