ކޯޓުން ދިން ލިޔުމެއްގައި ސޮއި ނުކުރި މައްސަލައިގައި ދަށު ކޯޓުން ހަ މަހަށް ޖަލަށްލި މީހަކު ހައި ކޯޓުން އިއްޔެ މިނިވަންކޮށްފި އެވެ.
ވ. ކެޔޮދޫ އަލިވާގޭ އަހުމަދު އަލީ ހަ މަހަށް ޖަލަށް ލާން ފެލިދޫ ކޯޓުން މިދިޔަ ނޮވެމްބަރު މަހު ހުކުމްކުރީ އޭނާގެ މައްޗަށް އެ ކޯޓުގައި ދައުވާ ލިބޭ މައްސަލައެއްގައި އެ ކޯޓުން ބަޔާނެއް ނެގުމުން އެ ބަޔާނުގައި ސޮއިކުރުމަށް އޭނާ ދެކޮޅު ހެދުމުންނެވެ. އެގޮތަށް އަމަލުކުރުމުން ކޯޓުން ނިންމީ އެއީ ޝަރީއަތަށް ހުރަސް އެޅުމާއި ފަނޑިޔާރުގެ އަމުރަށް ނުކިޔަމަންތެރިވުން ކަމަށެވެ. އަދި އޭނާގެ މައްޗަށް ހުށަހެޅިފައިވާ އެހެން ދެ މައްސަލައެއްގައި އޭނާ ކޯޓަށް ހާޒިރުވުމުގައި އަމަލުކޮށްފައިވާ ގޮތަށް ވެސް ދަށު ކޯޓުން އެގޮތަށް ހުކުމް ކުރުމަށް ރިއާޔަތްކުރި އެވެ. އެގޮތަށް ހުކުމްކުރުމުން އަހުމަދުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފްކުރީ އެވެ.
ހައި ކޯޓުން އިއްޔެ އިއްވި ހުކުމުގައިވަނީ ކޯޓުން ނަގާ ބަޔާންތަކުގައި ސޮއި ނުކޮށްފިނަމަ އަމަލުކުރަންޖެހޭ ގޮތް ޝަރީއަތް ކުރުމާ ބެހޭ ގަވާއިދުގައި ބުނެފައިވާ ކަމަށާއި އެއީ ޝަރީއަތަށް ހުރަސް އެޅުން ނުވަތަ އަމުރަށް ނުކިޔަމަންތެރިވުން ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ކުރިން ނިމިފައިވާ މައްސަލައެއްގައި މީހަކު ކޯޓަށް ހާޒިރުވުމުގައި އަމަލުކޮށްފައިވާ ގޮތަށް ބަލައި، ފަހުން ހުށަހެޅޭ މައްސަލައެއްގައި އެ މީހަކަށް އަދަބު ދެވޭނެ އުސޫލެއް ގާއިމްވެފައި ނެތްކަން ވެސް ހައި ކޯޓުގެ ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.
އެކަންކަމަށް ރިއާޔަތްކޮށް، އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން ވެސް ނިންމީ ދަށު ކޯޓުގެ ހުކުމް ބާތިލް ކުރުމަށެވެ.
ލިޔުމެއްގައި ސޮއި ނުކޮށްގެން ޖަލަށްލި މީހަކު ހައި ކޯޓުން މިނިވަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ