މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

ސްޓެލްކޯގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައަކާ ގުޅިގެން މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެއެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ 45: 8 ހާއިރު މާލޭގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައިން ކަރަންޓް ދިޔައީ 6.5 މެގަ ވޮޓްގެ ޖަނަރޭޓަރެއްގެ ކޫލިން ސިސްޓަމަށް ދިމާވި މައްސަލައަކާ ގުޅިގެން އެ ޖަނަރޭޓަރު ނިވުމުން ކަމަށެވެ.
"އެ ޖަނަރޭޓަރު ހުއްޓުމާއެކު، އެހެން ޖަނަރޭޓަރުތަކަށް ލޯޑް ބޮޑުވެގެން ކަރަންޓް ކެނޑުނީ،" އޭނާ ވިދާޅުވި އެވެ.
ސްޓެލްކޯގެ އޮފިޝަލް ވިދާޅުވި ގޮތުގައި ކަރަންޓް ކެނޑުނު ބައެއް ސަރަހައްދުތަކަށް މިހާރު އަލުން ކަރަންޓް ދެވިފައި ވިޔަސް، ހުރިހާ ސަރަހައްދަކަށް އަލުން ކަރަންޓް ދެވޭނީ ހަލާކުވި ޖަނަރޭޓަރު މަރާމާތުކޮށް ނިމުމުންނެވެ.
"އަޅުގަނޑުމެން މިހާރު މިދަނީ އެޖަނަރޭޓަރު ހެދުމުގެ މަސައްކަތް ކުރަމުން. އެކަމަށް ނަގާނެ ވަގުތެއް އަދި ނޭނގޭ،" އޭނާ ވިދާޅުވި އެވެ.
މި ފަހަކަށް އައިސް ސްޓެލްކޯ އަށް ލޯޑް ބޮޑުވެ މާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑުން ވަނީ އާންމުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ