"ހަވީރު" ގެ އުފެއްދުންތައް ކޮޕީކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ނިންމައިފި

"ހަވީރު"ގެ އުފެއްދުންތައް ކޮޕީކުރާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ހަވީރުގެ އިދާރާ އިން ނިންމައިފި އެވެ.
"ހަވީރު" ނޫހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފަހަކަށް އައިސް ރާއްޖޭގައި އުފެދުނު މީޑިއާގެ ވާދަވެރިކަމާ އެކު "ހަވީރު"ގެ ކޮޕީރައިޓްގެ ހައްގުތަކަށް ބައެއް ފަރާތްތަކުން ސަމާލުކަން ނުދޭ ކަމުގެ ފުރިހަމަ ހެކި ލިބިފައިވާ ކަމަށެވެ.
"އެ ގޮތުން ހަވީރުގައި ލިޔާ ހަބަރުތައް ހަމަ އެ ގޮތަށް ނަގައިގެން ބޭނުންކުރަމުން ދާކަން ވަނީ ޔަގީންވެފަ އެވެ. މިއީ ހަވީރުގެ ނޫސްވެރިންނާއި މެނޭޖްމަންޓް ވަރަށް ހިތާމަކުރާ މައްސަލައެކެވެ،" ހަވީރުގެ އުފެއްދުންތައް އެހެން ފަރާތްތަކުން ކޮޕީކުރާ މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައިވެ އެވެ. "މި މައްސަލަ ފަހަކަށް އައިސް ތަކުރާރުވަމުން ދާތީ އެކަން އެހެން ނުވާނެ ގޮތަކަށް ކުރުމަކީ ނޫސްވެރިކަމާއި ހަވީރުގެ ކޮޕީ ރައިޓް ހިމާޔަތްކުރުމަށް މުހިންމު ކަމެކެވެ. އެހެންވެ އެފަދަ އަމަލުތައް ހިންގާ ފަރާތްތަކާ ދޭތެރޭ ގާނޫނީ ފިޔަވަޅު އަޅަން ހަވީރުގެ މެނޭޖްމަންޓުން ނިންމައިފިކަން ހާމަކުރުމަށްޓަކައި، މި ނޫސްބަޔާން ނެރެމު އެވެ،" "ހަވީރު" ގެ ބަޔާނުގައިވެ އެވެ.
"ހަވީރު" ން ބުނީ އެއް މީޑިއާ އިން ގެނެސްދޭ ހަބަރު އަނެއް މީޑިއާއަކުން ގެނެސްދިނުމަކީ މައްސަލައެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެ ގޮތަށް ހަބަރު ހަދަނީ އެ ހަބަރަށް ބޭނުންވާ މައުލޫމާތު އަމިއްލަ އަށް ހޯދައިގެން، އަމިއްލަ އިބާރާތުން ކަމަށް ބަޔާނުގައިވެ އެވެ.
"އެހެން ބަޔަކު ހެދި ހަބަރު ހަމަ އެ ގޮތަށް، އެއް އިބާރާތަކުން އަދި އެއްވެސް ތަފާތެއް ނެތި ގެނެސްދިނުމަކީ ނޫސްވެރިކަމުގެ އަހުލާގާ ވެސް އަދި ކޮޕީ ރައިޓްގެ އުސޫލުތަކާ ވެސް މުޅިން ހިލާފު ކަމެކެވެ،" ހަވީރުގެ ބަޔާނުގައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ