ރައީސް ނަޝީދުގެ މައްޗަށް ކުރާ ދައުވާ ހުޅުމާލޭ ކޯޓުން އަލުން ބަލައިގެންފި

ކްރިމިނަލް ކޯޓުގެ އިސްގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) ގިރިފުށީގައި ބަންދުކޮށްގެން ގެންގުޅު މައްސަލައިގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބޭފުޅުންތަކެއްގެ މައްޗަށް ކުރާ ދައުވާ ހުޅުމާލޭ ކޯޓަށް މިއަދު އަލުން ބަލައިގެންފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އެ މައްސަލަ ހުޅުމާލޭ ކޯޓަށް އަލުން ހުށަހެޅީ އެ މައްސަލަ އެ ކޯޓަށް ނުބެލޭނެ ކަމަށް ބުނެ މައްސަލަ އަނބުރާ ފޮނުވާލުމުން ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށް، ހުޅުމާލޭ ކޯޓްގެ ނިންމުން ބާތިލްކުރުމާ ގުޅިގެންނެވެ.
ޕީޖީ އޮފީހުގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މިއަދު މެންދުރުފަހުގެ ވަގުތެއްގައި ހުޅުމާލޭ ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި މިއަދު ހުށަހަޅާފައި ވަނީ ރައީސް ނަޝީދާއި ދެން ތިބި ބޭފުޅުންގެ މައްސަލަތައް އެއްކޮށް ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ. ހުޅުމާލޭ ކޯޓުން ބުނީ އެ ދައުވާތައް އެ ކޯޓަށް މިހާރު ބަލައިގެންފައިވާ ކަމަށެވެ.
އަބްދުﷲ ގާޒީ ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ އިތުރުން ދައުލަތުން ދައުވާކުރަނީ ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނާއި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޫސާ އަލީ ޖަލީލުގެ އިތުރުން ބްރިގޭޑިއާ ޖެނެރަލް އިބްރާހިމް މުހައްމަދު ދީދީ އާއި ކާނަލް އަހުމަދު ޒިޔާދުގެ މައްޗަށެވެ.
ރައީސް ނަޝީދު އިއްޔެ ވިދާޅުވީ އެމަނިކުފާނުގެ މައްސަލަ އަވަސްކޮށްދިނުމަށް އެދި ހުޅުމާލޭ ކޯޓަށް ސިޓީއެއް ފޮނުވާފައިވާނެ ކަމަށެވެ. ނަމަވެސް އެ ކޯޓުން ބުނީ އަދި އެފަދަ ސިޓީއެއް ލިބިފައި ނެތް ކަމަށެވެ.
އެ ހުރިހާ ބޭފުޅުންގެ މައްޗަށްވެސް ދައުލަތުން ކުރަނީ ގާނޫނުލް އުގޫބާތުގެ 81 ވަނަ މާއްދާގެ ދަށުން ކުށްނުކުރާ މީހަކު ގާނޫނާއި ހިލާފަށް ގަސްދުގައި ހިފާ ހައްޔަރުކުރުމުގެ ކުށުގެ ދައުވާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ