މުޒާހަރާނުކުރަން ކޯޓުން ޝަރުތުކުރާ މައްސަލަ އެޗްއާރުސީއެމަށް ހުށަހަޅައިފި

ޓެކުރީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލަން ގޮވާލައި މުޒާހަރާކުރާ މީހުން ކޯޓަށް ގެންގޮސް 60 ދުވަސް ވަންދެން މުޒާހަރާގައި ބައިވެރިނުވުމަށް ކްރިމިނަލް ކޯޓުން ޝަރުތުކުރާ މައްސަލަ އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މިއަދު ހުށަހަޅައިފި އެވެ.އެމްޑީޕީން ބުނިގޮތުގައި ނަޝީދުގެ މައްޗަށް "ނާއިންސާފުން" ކުރާ ޝަރީއަތާ ދެކޮޅަށް އަޑުއުފުލަން ކުރާ ސިލްސިލާ މުޒާހަރާތަކުގައި މިހާތަނަށް 100 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ގިނަ މީހުން ދޫކޮށްލީ ދެ މަސް ވަންދެން މުޒާހަރާ އަށް ނުދާން ޝަރުތުކޮށްފަ އެވެ. އޭގެ ތެރޭގައި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި މާލޭގެ ޑެޕިއުޓީ މޭޔަރު ޝިފާ މުހައްމަދާއި ހުޅުމީދޫ ދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އިލްޔާސް ލަބީބާއި އެމްޑީޕީގެ ކުރީގެ ރައީސް ޑރ. މުހައްމަދު ދީދީ އާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމާއި އެމްޑީޕީ އަންހެނުންގެ ގޮފީގެ ނައިބު ރައީސާ ތާނި ސައީދު ވެސް ހިމެނެ އެވެ.އެމްޑީޕީން ބުނީ މުޒާހަރާގައި ހައްޔަރުކުރި ގަމު ދާއިރާގެ މެމްބަރު ފަޔާޒް އިސްމާއީލްގެ ބަންދުގެ މުއްދަތު 15 ދުވަސް ކްރިމިނަލް ކޯޓުން އިތުރުކުރީ 60 ދުވަސް ވަންދެން މުޒާހަރާ އަށް ވަޑައިނުގެން ނުހުންނަވާނެ ކަމަށް މުއްދަތު މަޖިލީހުގައި ވިދާޅުވުމުން ކަމަށެވެ.ޝިފާ ވިދާޅުވީ މުޒާހަރާގައި ހައްޔަރުކުރާ މީހުން މުޒާހަރާގައި ބައިވެރިނުވުމަށް ކްރިމިނަލް ކޯޓުން ޝަރުތުކުރަނީ ގާނޫނު އަސާސީއާ ހިލާފަށް ކަމަށެވެ. ގާނޫނު އަސާސީން ލިބިދޭ ހައްގު ނިގުޅައިގަނެ ޝަރުތުކުރާ މައްސަލާގައި އެޗްއާރުސީއެމަށް މިއަދު ސިޓީ ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ."މުޒާހަރާ އިން ގެންދާ ކޮންމެ މީހަކަށް 60 ދުވަސް ވަންދެން މުޒާހަރާ އަށް ނުދާން ޝަރުތުކުރާ ކުރުން އަޅުގަނޑުމެން ކުށްވެރިކުރަން. ގާނޫނު އަސާސީން ލިބިދޭ ހައްގެއް ނިގުޅައެއް ނުގަނެވޭނެ. ހައްޔަރުކުރާ ކުށަކާ ގުޅިގެން އަދަބު ލިބެން ޖެހޭނީ،" ޝިފާ ވިދާޅުވި އެވެ.އެއްވެސް ކަމަކާ ނުލައި ހައްޔަރުކުރުމަށް ފަހު ވެސް ފުލުހުން ސަބަބެއްގެ ގޮތުގައި އަމުރަށް ނުކިޔަމަންތެރިވުން ކަމަށް ބުނާތީ އެކަން ވެސް އެޗްއާރުސީއެމަށް ހުށަހެޅި ކަމަށް އޭނާ ވިދާޅުވި އެވެ.ޝިފާ ވިދާޅުވި ގޮތުގައި އެމްޑީޕީ މުޒާހަރާގައި ހައްޔަރުކޮށްގެން ދޫނިދުއަށް ގެންދާ މީހުންނާ މެދު އަމަލުކުރާ ގޮތުގެ މައުލޫމާތު ވެސް އެޗްއާރުސީއެމާ ވަނީ ހިއްސާކޮށްފަ އެވެ."އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން މަގުމައްޗަށް ނިކުންނަން ވެސް މިހާރު ބިރުގަނޭ. އެހެންވީމަ އަޅުގަނޑުމެން އެޗްއާރުސީއެމްގައި އެދުނީ އެ މައްސަލަ ބަލައިދޭން،" ޝިފާ ވިދާޅުވި އެވެ. އެމްޑީޕީގެ މުޒާހަރާތަކާ ގުޅިގެން އެ ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން މުޒާހަރާނުކުރަން ޝަރުތުކޮށްފައި ވިއަސް އެ ޕާޓީން ދަނީ ކޮންމެ ރެއަކު ވެސް މުޒާހަރާކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ