މިއަދު ބާއްވަން ހަމަޖެއްސި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހަށް ފަސްކުރުމަށް ސުޕްރީމް ކޯޓުން ރޭ ނެރުނު އަމުރަކީ ނެރެވޭނެ އަމުރެއް ނޫން ކަމަށް ބުނެ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިންގެ ނަމުގައި ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ލިޔުމަކީ ސައްހަ ލިޔުމެއް ނޫން ކަމަށް ސުޕްރީމް ކޯޓުން މިރޭ ބުނެފި އެވެ.
"ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ކޯޓު އަމުރާއި ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު ދެކޭގޮތް" މި ނަމުގައި އާންމުވެފައިވާ ލިޔުމުގައި ވަނީ އެގޮތަށް އެ ކޯޓުން އަމުރު ނެރެމުންދަނީ އެ ކޯޓުގެ ބައެއް ފަނޑިޔާރުންނަށް ސިޔާސީ ގޮތުން ފިއްތުންތައް ކުރިމަތި ކުރުވަމުންދާތީ ކަމަށެވެ. އަދި އެފަދަ ނިންމުންތައް ނިންމުމުގައި އެންމެ ބޮޑަށް ފިއްތުންތައް ކުރިމަތި ކުރަނީ އެ ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ކަމަށާއި އޭނާއާ މެދު ފިޔަވަޅު ނޭޅިގެން މި އުޅެނީ ވެސް އުއްތަމަ ފަނޑިޔާރާއި އެމަނިކުފާނުގެ އާއިލާގެ ދުވަސް ދުއްވާލާނެ ކަމުގެ އިންޒާރުތައް ދެމުންދާތީ ކަމަށް އެ ލިޔުމުގައިވެ އެވެ. އަދި ރޭ ނެރުނު އަމުރުގައި ސޮއިނުކުރީ ވެސް އެއީ "ނެރެވޭނެ އަމުރެއް" ކަމަށް ނުވާތީ ކަމަށް ސުޕްރީމް ކޯޓުގެ ލެޓާ ހެޑްގައި ލިޔެ، އެ ކޯޓުގެ ތަތްގަނޑު ޖަހާފައިވާ އެ ލިޔުމުގައިވެ އެވެ.
ނަމަވެސް މިރޭ ސުޕްރީމް ކޯޓުގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ބަޔާނެއްގައިވަނީ އެއީ ސައްހަ ލިޔުމެއް ނޫން ކަމަށެވެ.
ދެވަނަ ބުރު އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް އަންގާ އެ ކޯޓުން ރޭ ފަތިހު ނެރުނު އަމުރުގައި އުއްތަމަ ފަނޑިޔާރު ވެސް އަދި އެހެން އެއްވެސް ފަނޑިޔާރަކު ވެސް ސޮއިކޮށްފައެއް ނެތެވެ. ހަމައެކަނި އޮތީ އެ ކޯޓުގެ ތަތްގަނޑެވެ. ނަމަވެސް އާންމުކޮށް ނެރޭ އެފަދަ އެހެން އަމުރުތަކުގައި އުއްތަމަ ފަނޑިޔާރުގެ ސޮއި އެކަނި ނަމަވެސް އިނދެ އެވެ.
އަމުރާ މެދު އުއްތަމަ ފަނޑިޔާރު ދެކޭ ގޮތް ކަމަށް ބުނެ އާންމުކޮށްފައިވަނީ ސައްހަ ލިޔުމެއް ނޫން: ސުޕްރީމް ކޯޓު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ