ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލައާ ގުޅިގެން، އިންޑިއާ ސަރުކާރުގެ އަސްކަރީ އެހީ އަށް ދިވެހި ސަރުކާރުން އެދުމާއެކު އިންޑިއާ އިން ވަގުތުން އެކަމަށް އިޖާބަ ދިނެވެ. އިންޑިއާ ސިފައިންގެ ފުރަތަމަ ބޯޓު ހުޅުލޭ ރަންވޭގައި ނޮވެމްބަރު 3 ވަނަ ދުވަހުގެ ރޭ 30: 9 ގައި ޖެއްސި އެވެ. ނަމަވެސް އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ހުންނެވި ތަން ނޭނގެނީސް އިންޑިއާ ސިފައިން މާލެ އަރައި ހަމަލަދިނުމަށް އެ މީހުންގެ ކޮމާންޑަރު ބްރިގޭޑިއާ ބަލްސަރާ ދެކޮޅު ހެއްދެވި ކަމަށް ނޮވެމްބަރު 3ގެ އުދުވާނީ ހަމަލައާ ގުޅޭ ގޮތުން އެމްއެންޑީއެފުން ތައްޔާރުކޮށް ރޭ ނެރުނު ފޮތުގައި ބުނެފައިވެ އެވެ.
އެ ފޮތުގައި ބުނެފައިވާ ގޮތުގައި އިންޑިއާ ސިފައިން ބޭނުންވީ މައުމޫން އޭރު ހުންނެވި ތަން ޗާޓުން ފާހަގަކުރުމަށެވެ. އެ މީހުންގެ އެ އެދުމުގެ މަތިން ލެފްޓިނެޓް އަހުމަދު ޒާހިރު ސިފައިންގެ އޮޕްސްއާ ގުޅުއްވުމުން މޭޖާ އާދަމް ޒާހިރު ވިދާޅުވީ މައުމޫން ހުންނެވި ތަނުގެ މައުލޫމާތު ދެއްވެން ނެތް ކަމަށެވެ. އެ ވަގުތު މައުމޫން ހުންނެވި ކަމަށް ފޮތުގައި ބުނެފައި ވަނީ މ. ގުލިސްތާނުގޭގަ އެވެ.
"ރައީސުލްޖުމްހޫރިއްޔާ ހުންނެވި ތަން ނޭނގެނީސް މާލެ އަރާ ހަމަލާ ދިނުމަށް ކޮމާންޑަރު އެއްބަހެއް ނުވި އެވެ. އެހެންކަމުން މޭޖާ އާދަމް ޒާހިރާ ފޯނުން ވާހަކަ ދެއްކުމަށް ފަހު ދެ ފަރާތުން އެއްބަސްވީ އިންޑިއާ ސިފައިން އެންމެ ފުރަތަމަ މާލެ އަރާ ހިސާބަކުން އެ މައުލޫމާތު ދޭ ގޮތަށެވެ. އެއަށް ފަހު ބްރިގޭޑިއާ ފާރޫގް ބަލްސަރާ ފުރަތަމަ ވެސް ވިދާޅުވީ އިންޑިއާ ސަރުކާރުން އަންގަވާފައިވަނީ ރައީސް މައުމޫން ސަލާމަތްކޮށް ރައްކާތެރިކުރަން ކަމަށެވެ. އިންޑިއާ ސިފައިން އައީ ރައީސް މައުމޫން ރައްކާތެރިކުރުމަށް ކަމަށް ވިދާޅުވެ ބަލްސަރާ އެދިވަޑައިގެންނެވީ ރައީސް މައުމޫން ހުޅުލެ އަށް ވަޑައިގެންނެވުމަށެވެ،" ނޮވެމްބަރު 3 އާ ގުޅޭ ގޮތުން މިހާތަނަށް ނެރުނު ތަފުސީލު މައުލޫމާތު ހިމެނޭ ފޮތުގައިވެ އެވެ.
މައުމޫން ހުޅުލެ އަށް ވަޑައިގަތުމަށް ބަލްސަރާ އެދިވަޑައިގެންނެވި ނަމަވެސް ހުޅުލެ އަށް ވަޑައިގެންނެވޭނީ ކިހިނެއްތޯ މައުމޫން ސުވާލުކުރެއްވި ކަމަށް ފޮތުގައި ބުނެފައިވެ އެވެ. އަދި މައުމޫން އޭރު ހުންނެވި ތަނުން ނުކުމެވަޑައިގެން ހުޅުލެ އަށް ވަޑައިގަތުމަކީ ވަރަށް ނުރައްކާތެރި ކަމަކަށްވާނެ ކަމަށް ވިދާޅުވެ މައުމޫން އެދިވަޑައިގަތީ އިންޑިއާ ސިފައިން މާލެ އައުމަށެވެ.
"ރައީސް ހުންނެވި ތަނެއް އަދި މިވީހާ ތަނަށް ދުޝްމަނުންނަށް ނޭނގޭ ކަމަށާއި އެހެން އެކަން އޮއްވައި މި ވަގުތު ރިސްކެއް ނަންގަވަން ބޭނުންފުޅުނުވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް އެ ގޮތަށް ވިދާޅުވުމުން އިންޑިއާ ސިފައިން މާލެ ފޮނުވުމަށް ބްރިގޭޑިއާ ބަލްސަރާ ނިންމެވި އެވެ،" ފޮތުގައި ލިޔެފައިވެ އެވެ.
މާލެ އެރި އިންޑިއާ ސިފައިންގެ ކޮމާންޑަރު ކާނަލް ޖޯޝީ އާއި މޭޖަ ދިލޯންގެ އިތުރުން އިންޑިއާ ސިފައިންގެ އެހެން ބަޔަކާއެކު މައުމޫނާ ބައްދަލުކުރަން ވަޑައިގަތީ ޓްރެކްޓަރެއްގެ އެހީގައި ކަމަށް ފޮތުގައިވެ އެވެ. އަދި ކާނަލް ޖޯޝީ އަށް މައުމޫންއާ ބައްދަލުވެއްޖެ ކަމަށާއި މައުމޫނާއި އާއިލާގެ ބޭފުޅުން ތިއްބެވީ ހެޔޮ ހާލުގައި ކަމަށް ކޮމަންޑަރު ބަލްސަރާ އަށް ދެންނެވި ކަމަށް ފޮތުގައިވެ އެވެ.
"...އެންމެ ފުރަތަމަ އަޅުގަނޑުމެން ބޭނުންވީ ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ކޮން ހާލެއްގައިތޯ ބެލުމަށް. އެ މަނިކުފާނަށް ސަލާމަތާއި ރައްކާތެރިކަން ލިބެމުންދާކަން ޔަގީންކުރަން ބޭނުންވި. އެހެންވެ އެންއެސްއެސްގެ އޮފިސަރެއްގެ ގައިޑެންސާއެކު އެ މަނިކުފާނަށް ފޯނުން ވާހަކަ ދައްކައި، ހުންނެވި ތަނަށް ދިޔައީ. އެ ތަނުގައި އެ މަނިކުފާނަށް ދިވެހި ސިފައިން ދިޔައީ އޭރު ހިމާޔަތާއި ރައްކާތެރިކަން ފޯރުކޮށްދެމުން. އެއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު ރިލީފެއް،" ނޮވެމްބަރު ،8 1988 ގައި ކާނަލް ޖޯޝީ ދެއްވި އިންޓަވިއުއަކާ ހަވާލާދީ ފޮތުގައިވެ އެވެ.
ދިވެހިންގެ ބަޔަކު ލަންކާގެ ތަމަޅައިންގެ ބަޔަކާ ގުޅިގެން ފަހުގެ ތާރީހުގައި ރާއްޖެ އަށް ދިން މި ހަމަލާ އަށް 24 އަހަރު ފަހުން އެމްއެންޑީއެފުން ނެރުނު މި ފޮތުގައި އެ ދުވަހާ ގުޅޭ ވަރަށް ގިނަ އާ ވާހަކަތަކާއި އިންޓަވިއުތައް ހިމެނެ އެވެ.
"ނޮވެމްބަރު ތިނެއް"ގެ ނަމުގައި ނެރުނު 300 އަށް ވުރެ ގިނަ ސަފުހާ ހިމެނޭ މި ފޮތުގައި އުދުވާނީ ހަމަލާ އިން ރާއްޖެ ސަލާމަތްކުރުމަށްޓަކައި ދިވެހި ސިފައިންނާއި އިންޑއާ ސިފައިން ކުރި މަސައްކަތްތައް ފެށުނީއްސުރެ ނިމެންދެން ލިޔެފައިވެ އެވެ. އަދި އެ ދުވަހު އޭރުގެ ރައީސް މައުމޫން އުޅުއްވި ގޮތާއި ބޭރުގެ އެހީ ހޯދަން ދިވެހި ސަރުކާރުން ކުރި މަސައްކަތް ވެސް ތަފުސީލުކޮށް ލިޔެފައިވެ އެވެ. މީގެ އިތުރުން ޒަހަމްވި ބައެއް މީހުންގެ މައުލޫމާތުތަކާއި އާންމުންގެ އިންޓަވިއުތައް ވެސް ފޮތުގައި ހިމެނެ އެވެ.
މައުމޫން ހުންނެވިތަން ނޭނގެނީސް ހަމަލަދޭން އިންޑިއާ ސިފައިން ދެކޮޅު ހެދި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ